ރެއާލް މެޑްރިޑް

ދެ ވަޒީފާވެސް ގެއްލި ލޮޕެޓެގީގެ ހަތަރު އުދަރެސް ފެނުޖެހިއްޖެ

މި އަހަރު ޖޫން، ޖުލައިގައި ރަޝިއާގައި ބޭއްވި ވޯލްޑްކަޕު ފެށެން ދެ ދުވަހަށް ވެފައި ވަނިކޮށް، ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗުކަމުން ކުއްލި ގޮތަކަށް ހުލެން ލޮޕެޓެގީ ވަކި ކުރީ، ރެއާލް މެޑްރިޑްގެ ކޯޗު ކަމާ ހަވާލުވާން އޭނާ އެއްބަސް ވުމުންނެވެ.

ރަޝިއާގައި، ސްޕެއިންގެ ޓީމު މަރުކަޒު ކޮށްގެން ތިބި ކޭމްޕުން އޭނާ އަލުވަދާއު ކީ، ޓީމަށް ކާމިޔާބަށް އެދެމުން، އޭނާއަށް ލިބެން އޮތް ބޮޑު ވަޒީފާގެ އުންމީދުގަ އެވެ. ކުރިން ރެއާލް މެޑްރިޑަށް ކުޅުނު ގޯލްކީޕަރު، އޭނާގެ ބައެއް ރައްޓެހިން ގާތު ކުރިން ބުނެފައިވާ ވާހަކަ އެއް އެބައޮތެވެ. ކޮންމެވެސް ދުވަހަކުން ރެއާލް މެޑްރިޑްގެ ކޯޗުކަން ކުރުމީ އޭނަ ދެކޭ ހުވަފެނެއް ކަމަށް އޭނާގެ ގާތް ރަށްޓެހިން ގާތު ލޮޕެޓެގީ ބުނެފައި ވެއެވެ.

ގައުމީ ޓީމަށް އެންމެ މުހިންމު މުބާރާތް، ބޯމަތި ވެފައި އޮތްވައި، ރެއާލްގެ ކޯޗުކަމަށް ދާން އުޅޭ ކަމަށް އޭނާ އިއުލާން ކުރުމުން މުޅި ދުނިޔެ އޭނާއަށް ފާޑު ކި އެވެ. ނަމަވެސް އެއިން ކަމަކަށް ސަމާލުކަމެއް ނުދީ އަވަސް އަރުވާލައިގެން ރެއާލުގެ ހުށަހެޅުމަށް އޭނާ އާނ ބަސް ބުނީ، ލަސްކޮށްފިނަމަ އޭނާއަށް އެ ފުރުސަތު ނުލިބިދާނެ ކަމަށް ހީކޮށެވެ.

ސްޕެއިންގެ ކޯޗު ކަމުން ވަކި ކުރިތާ ހަ ދުވަސް ފަހުން، ރެއާލް މެޑްރިޑްގެ މަޝްހޫރު ސެންތިއާގޯ ބާނަބޭއޯ ސްޓޭޑިއަމްގެ އެންމެ ޝަރަފުވެރި މާލަމު، ޕްރެޒިޑެންޓް ހޯލުގައި ލޮޕެޓެގީގެ ޝަރަފުގައި ރަސްމިއްޔާތެއް ބާއްވާއި، އޭނާ އަށް ރެއާލް މެޑްރިޑްގެ ކޯޗުކަމުގެ ޒިންމާ މަތި ކުރި އެވެ.

ޔޫރަޕުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު، ޔޫއެފްއާ ސުޕަކަޕުގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވި ނަމަވެސް، ލީގްގައި ފުރަތަމަ ކޮޅު އޭނާ ނަތީޖާތައް ރަނގަޅު ކުރި އެވެ. ނަމަވެސް އުނދަގޫ ޓީމުތަކާ ޖެހުނު ވަގުތު އޭނާ ސަލާމަތް ނުވި އެވެ. އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އޭނާއަށް މޮޅު ވެވުނީ އެންމެ މެޗަކުންނެވެ.

އެންމެ ވާދަވެރި ބާސެލޯނާ އަތުން، އާދިއްތަ ދުވަހުގެ ރޭ ބަލިވެ އޭނާގެ ވަޒީފާއާ މެދު އިތުބާރު ގެއްލުނެވެ. އިއްޔެ ބޭއްވި ރީޖެނަރޭޝަން ޓްރެއިނިންގައި އޭނާ ބައިވެރިވި ނަމަވެސް ރެއާލުން ވަނީ ރޭ އޭނާ ވަޒީފާއިން ވަކިކޮށްފަ އެވެ.

ރެއާލްގެ ކޯޗުކަން ލޮޕެޓެގީއަށް ހުށަހެޅީ، އޭނާއަށް ވުރެ ހައިޕްރޮފައިލް އެހެން ކޯޗުންނަށް ވަޒީފާ ހުށަހެޅުމުން އެ ކޯޗުން އެކަމަށް ނޫނެކޭ ބުނުމުންނެވެ. ޓޮޓެންހަމްގެ ކޯޗް މައުރީސިއޯ ޕޮޗެޓިނޯ، ޔުވެންޓަސްގެ ކޯޗް މެސިމިލިއާނޯ އެލެގްރީ، ޖަރުމަންގެ ކޯޗް ޔޯކިމް ލޯ 'ޔޯގީލޯ' އަށް ރެއާލްގެ ވަޒީފާ ހުށަހެޅި އެވެ. ނަމަވެސް އެ ކޯޗުން އެ ހުށަހެޅުމަށް އިޖާބަ ދީފައެއް ނުވެ އެވެ. ލޮޕެޓެގީގެ ވަޒީފާވެސް ގެއްލުނީ އެހާ އަވަހަށެވެ. އެއީ ފަސް މަސް ތެރޭ އޭނާއަށް ގެއްލުނު ދެ ވަނަ ކޯޗިން ވަޒީފާ އެވެ. ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް މިވަނީ އޭނާގެ 13 އަހަރުވީ ޗެއާމަންކަމުގައި 16 ކޯޗުން މަގާމުން ވަކިކޮށްފަ އެވެ.

ވަގުތީ ކޯޗަކަށް ސެންތިއާގޯ ސޮލާރީ

އާ ކޯޗަކު ހަމަޖެހެންދެން، ރެއާލުގެ ކޯޗުކަން ވަގުތީ ގޮތުން ފުރާނީ، ރެއާލްގެ ޒުވާން ޓީމުގެ ކޯޗު ސެންތިއާގޯ ސޮލާރީ އެވެ. ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ސޮލާރީ ވަނީ ޕެރޭޒުގެ ފުރަތަމަ ދައުރުގެ ކުރީ ކޮޅު ރެއާލް އަށް ކުޅެފަ އެވެ. މަޝްހޫރު ޑޭވިޑް ބެކަމް އާއި މައިކަލް އޮވެން އަދި ޒައިނުއްދީން ޒިދާން އާއެކު ރެއާލްއަށް ކުޅުނު އާޖެންޓީނާގެ ވިންގާ ވަނީ، 148 މެޗުގައި އެ ޓީމަށް ކުޅެފަ އެވެ.

ރެއާލްގެ ކޯޗު ކަމުގައި، ރަފޭލް ބެނިޓޭޒް ހުއްޓައި އޭނާއާ އެކު ނަތީޖާ ދަށްވުމުން، އޭނާ ވަކިކޮށް ރެއާލްގެ ކޯޗުކަން ހަވާލު ކުރީ ޒައިނުއްދީން ޒިދާން އާ އެވެ. އޭރު ޒިދާންވެސް ހުރީ ސޮލާރީ މިހާރު ހުރި މަގާމުގަ އެވެ. ނަމަވެސް ޒިދާން ދަތުރު ކުރި މަގުން ޓީމުގެ ހެޑް ކޯޗުކަން ދާއިމީކޮށް ސޮލާރީ އަށް ލިބުމުގެ ފުރުސަތު ކުޑަ އެވެ. ރެއާލްގެ ކޯޗުކަމަށް އައުމުގެ ކުރިން ޒިދާން ވަނީ، ރެއާލްގެ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ކޮށްފަ އެވެ. ނަމަވެސް ސޮލާރީގެ އެފަދަ ތަޖުރިބާއެއް ނެތެވެ.

ޒުވާން ޓީމުގެ ކޯޗު ކަމުގައި މިދިޔަ ސީޒަންގައި އޭނާ ހޭދަ ކުރި ނަމަވެސް އެ ޓީމު ޕްރަމޯޓު ކޯށްދިނުމުގައި އޭނާއަށް ކާމިޔާބެއް ނުހޯދުނެވެ. އެއަށްފަހު އެ މަގާމަށް ރެއާލްގެ ލެޖެންޑް ގުޓީ އަންނާނެ ކަމަށް ބެލެވުނު ނަމަވެސް، ސޮލާރީ މަގާމުގައި ދެމި ހުރީ ޕެރޭޒު ރުހުން ލިބުމުންނެވެ.

ރެއާލްގެ ކޯޗަކަށް ގެންނަން އެ ޓީމުން މަސައްކަތް ކުރަނީ، ޗެލްސީގެ ކުރީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ އެވެ.