ދުނިޔެ

ހަށިގަނޑު ވީތަނެއް ބުނެދޭން ޚާޝުގްޖީގެ ލޯބިވެރިޔާ އަނެއްކާވެސް ގޮވާލައިފި

ލަންޑަން (އޮކްޓޯބަރު 29) - ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ހަށިގަނޑު ވީތަނެއް ބުނެދިނުމަށް ސައުދީ ސަރުކާރަށް ޚާޝުގްޖީގެ ލޯބިވެރިޔާ ޚަދީޖާ ސެންގިޒް ގޮވާލައިފި އެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި ޚާޝުގްޖީގެ ހަނދާނުގައި ބޭއްވުނު ހަފްލާއެއްގައި ވާހަކަ ދައްކަމުން، ޚަދީޖާ ވަނީ އޭނާގެ ލޯބިވެރިޔާއަށް އިންސާފު ހޯދައިދިނުމުގައި ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާކަމަށް ބުނެފަ އެވެ.

"އަހަރެން ބޭނުން، އަހަރެންގެ ލޯބިވާ ޖަމާލުގެ ހަށިގަނޑު ވަޅުލަން، އެހެންވީމަ އަނެއްކާވެސް އަހަރެން މި އަހަނީ ކޮބައިހޭ ޖަމާލްގެ ހަށިގަނޑު، އަހަރެން ގަބޫލުކުރަނީ ސައުދީގެ ވެރިންނަށް ޖަމާލުގެ ހަށިގަނޑު ވީތަނެއް އެނގޭނެކަމަށް، އަހަރެންގެ މި ގޮވާލުމަށް އެމީހުން އިޖާބަދޭންޖެހޭ، ސަބަބަކީ މިއީ ހަމައެކަނި ލޯބިވެރިއެއްގެ ގޮވާލުމެއް ނޫން، މިއީ އިންސާނެއް ގޮވާލުމެއް، އިސްލާމެއްގެ ގޮވާލުމެއް، ދުނިޔޭގެ ހުރިހާ ގައުމެއްގެ ގޮވާލުމެއް،" އެތަކެއް ނޫސްވެރިންނާއި، ސިޔާސީ މީހުން ބައިވެރިވި ހަފްލާގައި ޚަދީޖާ ތަކުރާރުކޮށް ގޮވާލާފައިވެ އެވެ.

ވައިޓް ހައުސް އަށް ޒިޔާރަތް ކުރުމަށް ސައުދީ ސަރުކާރަށް ވާގިދޭ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފްތާގައި ދެއްވި ދައުވަތަށް ޚަދީޖާ ވަނީ އިންކާރު ކުރައްވައިފަ އެވެ.

"އަހަރެން ދެކެނީ އެއީ ޕަބްލިކުގެ ރުހުން ހޯދަން ދެއްވި ސްޓޭޓްމަންޓެއްގެ ގޮތުގައި،" ޚަދީޖާ ބުނެފައިވެ އެވެ.

ޚާޝުގްޖީގެ ގާތިލުންނަށް ދައުވާކޮށް، ހައްގު އަދަބުދޭނެކަމަށް ސައުދީގެ ފޮރިން މިނިސްޓަރު އާދިލް-އަލް ޖުބައިރު ވިދާޅުވެއްޖެ އެވެ.

ބަހުރެއިންގައި ބޭއްވި ކޮންފަރަންސްއެއްގެ ތެރެއިން، ޖުބައިރު ވަނީ ހުޅަނގުގެ މީޑިއާ މުޅި މައްސަލަ ފިތުނަ އާއި ހަމަނުޖެހުން އުފެދޭގޮތަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވައިފަ އެވެ.

ޚާޝުގްޖީގެ ގާތިލުންނަށް އަދަބު ދޭނީ ސައުދީންކަމަށް ޖުބައިރު ވިދާޅުވެފައިވަނީ، އެ މައްސަލާގައި ތުހުމަތު ކުރެވޭ 18 މީހަކު ތުރުކީއަށް ފޮނުވަން ސައުދީ ސަރުކާރުގަައި އެދެން ތުރުކީން ނިންމާފައިވަނިކޮށެވެ.

"މި މައްސަލައިގައި އިހުލާސްތެރިކަމާއެކު އިންސާފު ހޯދައި ދިނުމަށް ތުރުކީގެ އަދުލު އިންސާފުގެ ނިޒާމު އޮތީ މާ ރަނގަޅަށް ތައްޔާރުވެފައި،" ތުރުކީގެ އިސް އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވެފަައިވެ އެވެ.

ޚާޝުގްޖީ މަރާލި މައްސަލައިގެ ތުހުމަތުވާ މީހުން ފޮނުވަން ތުރުކީން އެދޭ އިރު ޚާޝުގްޖީ މަރަން އަމުރުކުރި ކާކުކަން ހާމަކުރުމަށް ތުރުކީގެ ރައީސް ރަޖަބްތޮއްޔިބު އުރުދުޣާން ވަނީ ގޮވާލައްވާފަ އެވެ.

ވެރިކަން ކުރާ އޭކޭ ޕާޓީގެ މެމްބަރުންނާ މުހާތަބު ކުރައްވައި ވެރިރަށް އަންކާރާގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވަނީ ތަކުރާރުކޮށް އެސުވާލު ކުރައްވާފަ އެވެ.

"އަމުރު ކުރީ ކާކު؟ 15 މީހުން ތުރުކީއަށް އަންނަން އަމުރުކުރީ ކާކު؟" އުރުދުޣާން ސުވާލުކުރެއްވި އެވެ.