އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި ހިމެނޭ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ކުރަމުން ދިޔަ ޝައްކު ކުރެވޭ މުއާމަލާތްތަކުގެ މައުލޫމާތު، އެކަން ފަޅާއެރުމުގެ އަހަރެއްހާ ދުވަސްކުރިން ކަމާ ބެހޭ ފަރާތްތަކަށް، ބީއެމްއެލްއިން ހިއްސާކުރި ކަމަށް އެބޭންކުން ހާމަކޮށްފި އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބީއެމްއެލް ބައިވެރިވި ކަމަށް ބުނެ ކުރެވޭ ތުހުމަތަކާ ގުޅިގެން އެބޭންކުން ފުރަތަމަ ފަހަރަށް ރަސްމީކޮށް މައުލޫމާތު ހާމަކުރަމުން އެ ބޭންކްގެ ސްޓާފުންނަށް ފޮނުވި ލިޔުމެއްގައި ބުނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކަންތައް އޮޑިޓާ ޖެނެރަލް ތަހުގީގު ކުރަން ފެށުމުގެ އަހަރެއްހާ ދުވަސްކުރިން އެމްއެމްޕިއާރުސީ އާއި އެސްއޯއެފްގެ އެކައުންޓުން ހިނގަމުން ދިޔަ ޝައްކު ކުރެވޭ މުއާމަލާތްތަކުގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ބަރާބަރަށް ފޮނުވަމުން ދިޔަ ކަމަށެވެ. އަދި އޭގެ އަހަރެއްހާ ދުވަސް ފަހުން އޮޑިޓާ ޖެނެރަލާއި ފުލުހުން އަދި އޭސީސީއިން އެދުމުން ވެސް އެ ކުންފުނިތަކުން ހިންގާފައިވާ މުއާމަލާތްތަކުގެ ފުރިހަމަ މައުލޫމާތު ބޭންކުން އެ އިދާރާތަކަށް ފޯރުކޮށްދީފައިވާނެ ކަމަސް ވެސް ބީއެމްއެލްއިން ބުންޏެވެ.
އޭގެވެސް އެއް އަހަރު ކުރިން ނޮވެމްބަރު 2014 އިން ފެށިގެން އެމްއެމްޕީއާރުސީ އާއި އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން ކުރެވިފައިވާ ޝައްކުކުރެވޭ މުޢާމަލާތްތައް ކަމާއިބެހޭ މުއައްސަސާތަކަށް ވަނީ ރިޕޯޓް ކޮށްފައި،" ލިޔުމުގައިވެ އެވެ. "ބޭންކުގެ އެއްވެސް އެކައުންޓަކުން ދެލައްކަ ރުފިޔާ އަށްވުރެ މަތިން ކުރެވޭ ހުރިހާ ބާވަތެއްގެ މުއާމަލާތްތައް އެމްއެމްއޭ ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް، [ތްރެޝޯލްޑް ޓްރާންސެކްޝަން ރިޕޯޓު] ގެ ތެރެއިން ރިޕޯޓުކުރުމަކީ ބޭންކުގެ މައްޗަށް ގާނޫނު ލާޒިމުކުރާ ކަމެއްކަމުގައި ވެސް ފާހަގަކުރަމެވެ. މި ކަންކަމުންވެސް އެގެނީ ސޯޝަލް މީޑިއާގައި މިހާރު ދެކެވެމުންދާ ވާހަކަތަކާ ހިލާފަށް، ބޭންކުން ގާނޫނު ލާޒިމުކުރާ ހުރިހާ ޒިންމާތަކެއް ފުރިހަމައަށް އަދާކޮށްފައިވާ ކަމެވެ،"
މީގެ އިތުރުން ބޭންކުން ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ބީއެމްއެލްގެ ޗީފް އިންޓާނަލް އޮޑިޓަރު، ބޭންކުގެ ހާއްސަ އޮޑިޓެއް ކުރި ކަމަށެވެ. އަދި އޮޑިޓަރު ޔަގީންކަން ދީފައި ވަނީ އެ މުއާމަލާތްތަކުގައި ބޭންކުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ތުހުމަތު ކުރާ ބާއްވަތެއްގެ އަމަލެއް ބޭންކުގެ މުވައްޒިފުންނާއި ގުޅިގެން ހިންގާފައި ނުވާކަމަށް ވެސް ކަށަވަރުކޮށްފައިވާ ކަމަށް ލިޔުމުގައިވެ އެވެ.
"