ހަބަރު

ޗެކާއި ޒިޔަތު ހަވާލުނުވާކަން ސާބިތު ކުރަން ޕޭމަންޓް ވައުޗާއެއް

ކުރީގެ އެމްއެމްޕީއާރްސީގެ އެމްޑީ އަބުދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ މައްސަލަ ސާބިތުވެ، ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

ޒިޔަތުގެ އިތުރުން އަދީބުގެ ބޮޑުބޭބެ ހާމިދު އިސްމާއިލްގެ މައްޗަށްވެސް ވަނީ މި މައްސަލައިގެ ކުށް ސާބިތުވެ، އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ޒިޔަތާއި ހާމިދުގެ މައްޗަށް ހިޔާނާތުގެ ދައުވާކޮށްފައިވަނީ އެމްއެމްޕީސީއިން ކުރެއްދޫ ހޯލްޑިންސްއަށް ކުއްޔަށް ދިން ޅ. މާބިންހުރާގެ ފަސް މިލިއަން ޑޮލަރުގެ ފައިސާ ހާމިދު ހިއްސާވާ ކުންފުންޏެއް ކަމަށްވާ މިލޭނިއަމް ކެޕިޓަލްގެ އެކައުންޓަކަށް ޖަމާކުރި ކަމަަށް ބުނެ އެވެ.

މިއަދު އޮތީ އެމައްސަލިގެ ފުރަތަމަ އަޑު އެހުމެވެ. އެންމެ އަޑުއެހުމަށްފަހު މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، އިސްތިއުނާފަށް ހުށަހަޅާފައިވާ ޒިޔަތުގެ ފަރާތުން އަށް ނުކުތާއެއް ފާހަގަ ކޮށްފައި ވެއެވެ. ނުކުތާތައް ފާހަގަ ކުރައްވަމުން ޒިޔަތުގެ ވަކީލް އަހުމަދު ޔާމީން ވިދާޅުވި، ޒިޔަތުގެ މައްސަލަ އަކީ އިޖްރާއަތްތަކާއި ހިލާފަށް ފުލުހުން ކުރިއަށް ގެންގޮސްފައިވާ ތަހްގީގެއް ކަމަށާއި އެހެން މައްސަލައިގެ ހުކުމަކީވެސް ބާތިލް ހުކުމެއް ކަމަށެވެ.

ވަކީލް ޔާމީން ވިދާޅުވީ، މައްސަލައިގެ ދައުވާ އުފުލާފައިވަނީ ހިޔާނާތުގެ މާނައާ ހިލާފަށް ކަމަށާއި ހިޔާނާތުގެ ގޮތުގައި ކަނޑައެޅި ފައިސާ ބޭނުން ކޮށްފައިވަނީ ހިޔާނާތައް މަގުފަހިވާ ގޮތަށް ކަމަށް ދައުލަތުން ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. މި މައްސަލާގައި ބަލަން ޖެހޭ ހަތަރު އުންސުރާއި ހިލާފަށް މައްސަލަ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ފަސް މިލިއަން ޑޮލަރުގެ ޗެކާއި ޒިޔަތު ހަވާލުވިކަން ސާބިތުކޮށް ދެވިފައިނުވާ ކަމަށާއި ހަވާލުނުުވާ ޗެކަކަށް ހިޔާނާތްވެވޭނެ ސަބަބެއް ނެތް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

އިތުރު ނުކުތާތައް ފާހަގަ ކުރަމުން ޔާމީން ވިދާޅުވީ، ކިތާބީ ހެކިތައް ހޯދުމަށް އެދުމުން އެ ހެކިތައް ފޯރުކޮށް ދީފައިނުވާ ކަމަށާއި ޒިޔަތުގެ ހައްގުތައް މަހުރޫމްވާ ގޮތަށް ޝަރީއަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ހުކުމް އިއްވާފައިވަނީ ޒިޔަތު ދިން ބަޔާނުގެ މައްޗަށް ކަމަށާއި ނަމަވެސް ކޯޓްގައި ބަޔާނަށް އިންކާރުކޮށްފައިވަނިކޮށް އެކަމަށް ރިއާޔަތް ނުކޮށް ހުކުމް އިއްވާފައިވާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ، އެ ބަޔާނަށް އިންކާރު ކޮށްފައިވަނީ ޖަލު ބަންދުގައި ހުރިއިރު، ދަންވަރުގެ ވަގުތެއްގައި އޭނާ ގޮޅިން ގަދަކަމުން ނެރެނެގެން ގެންގޮސް ފުލުހުން ބަޔާން ނަގާފައިވާތީ ކަމަށާއި އެބަޔާން ނަގާފައިވަނީ މަޖުބޫރު ކޮށްގެން ކަމަށްވާތީ ކަމަށެވެ. އެހެން ކަމުން އެ ބަޔާނަށް ކޯޓުގައި ޒިޔަތު އިންކާރު ކުރެއްވީ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ޔާމީން އިތުރަށް ފާހަގަ ކުރެއްވީ އަދަބު ކަނޑައެޅުމުގައި މިންގަނޑުތަކާއި ހިލާފްވެފައިވާ ކަމަށެވެ. އެހެން ކަމުން މި މައްސަލާގައި އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކުރުމަށް އެދޭ ކަމަށެވެ. މީގެ އިތުރުން ޔާމީން ވަނީ ފަސް މިލިއަން ޑޮލަރުގެ ޗެކާއި ޒިޔަތު ހަވާލުނުވާކަން ސާބިތު ކުރުމަށްޓަކައި އެ ޕޭމަންޓްގެ ވައުޗާއެއް މިއަދުގެ ޝަރީއަތަށް ހުށަޅާފަ އެވެ. ނަމަވެސް އެޗެކާއި ހަވާލުވި ފަރާތުގެ ނަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ފަސް މިލިއަން ޑޮލަރުގެ ޗެކާއި ހަވާލުވެފައިވަނީ އެމްއެމްޕީއާރްސީގެ ބޯޑުން އަމަލު ކުރާ ގޮތާއި ހިލާފަށް ކަމަށާއި އެގޮތުން އެފައިސާ ދައުލަތަށް ލިބެންޖެހޭ ކަމަށާއި ނަމަވެސް އެފައިސާ ލިބިފައިނުވާ ކަމަށެވެ.

ދައުލަތުން ބުނީ، ބަޔާނަށް ޒިޔަތު އިންކާރު ކުރި ނަމަވެސް އޭގައި ޒިޔަތު ދައްކާފައި ހުރި ވާހަކަތަކަކީ މައްސަލައިގެ ހުށަހަޅާފައިވާ އެހެން ހެކިތަކަށް ބާރުލިބޭ ގޮތަށް ދައްކާފައިވާ ވާހަކަތަކަކަށްވާތީ، އެ ބަޔާން ބަލައި ގަތުމަށް ނިންމައި ހުކުމް އިއްވާފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ބައެއް ޑޮކިއުމެންޓްސްތައް ދައުލަތަށްވެސް ލިބިފައިނުވާ ކަމަށްވެސް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.

މިކަމަކީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި ޒިޔަތު ދުރާލާ ރާވައިގެން ކުރިއަށް ގެންގޮސްފައިވާ ކަމެއް ކަމަށާއި އެހެން ކަމުން މި މައްސަލައިގެ ކުށް ސާބިތުވާ ކަމަށް ނިންމައި ދަށު ކޯޓުން އިއްވާފައިވާ ހުކުމް ދެމެހެއްޓުމަށް ދައުލަތުން އެދުނެވެ.

އެންމެ ފަހު ފުރުސަތުގައި ޔާމީން ވަނީ ޒިޔަތު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދިފައިވާ ކަމަށާއި އެކަމަށްވެސް ރިއާޔަތް ކުރުމަށް އެދިފަ އެވެ. މައްސަލަ ބައްލަވާ ބެންޗްގެ އިސް ފަނޑިޔާރު މުހައްމަދު ނިޔާޒް ވަނީ މައްސަލަ ހުށަހަޅާފައިވަނީ ހުށަހަޅަން ޖެހޭ ގޮތަށް ނޫން ކަމަށާއި އެހެން ކަމުން އެބަލައިގަނެވެންނެތް ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން އިސް ފަނޑިޔާރު ވިދާޅުވީ، މައްސަލައިގެ އިތުރު ކަމެއް ސާފު ކުރަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ.