ހަބަރު

ހުޅުމާލެއިން 1500 ފްލެޓް ދޫކުރަން ރައީސް އޮފީހުން ހުއްދަދީފި

ހިޔާ މަޝްރޫއުގެ ދަށުން ގާއިމް ކުރުމަށް ހަމަޖެހިފައިވާ ތިން ކޮޓަރީގެ 1530 ފްލެޓް ދޫކުރުމަށް ހައުސިން މިނިސްޓްރީއަށް ރައީސް އޮފީހުން ހުއްދަ ދީފި އެވެ.

ރައީސް އޮފީހުން އިއްޔެ ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީގައި ވަނީ، އެ މިނިސްޓްރީން އެދުނު ގޮތަށް ހިޔާ މަޝްރޫއުގެ ދަށުން ގާއިމް ކުރުމަށް ހަމަޖެހިފައިވާ ތިން ކޮޓަރީގެ 1530 ފްލެޓަށް ކުރިމަތި ލުމަށް ފޯމް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެންމެ ރަނގަޅު ކަމަށްދެކޭ ކަމަށެވެ.

އެ 1530 ފްލެޓް ދެ ކެޓެގަރީއެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ރައީސް އޮފީހުން އެދިފައި ވެއެވެ. އެގޮތުން ދަފްތަރުގައި ރެޖިސްޓަރީވެފައި ތިބި މީހުންނަށް 500 ފްލެޓް ދޫކުރުމަށާއި 18 އަހަރު ނުފުރޭ ތިން ކުދިންނަށްވުރެ ގިނަ ކުދިން ތިބި ފަރާތްތަކަށް 1030 ފްލެޓް ދޫކުރުމަށެވެ.

ހައުސިން މިނިސްޓްރީއަށް އިތުުރު ފްލެޓްތައް ދޫކުރަން ހުއްދަ ދީފައިވާއިރު، ދެ ރޫމްގެ ފްލެޓްތައް ދޫކޮށް އެފަރާތްތަކަށް ވަނީ ފްލެޓްތައް ދޫކޮށްފަ އެވެ. ފްލެޓް ލިބޭނެކަން އިއުލާން ކޮށްފައިވަނީ 10 ކެޓަގަރީ އެއްގެ ލިސްޓެވެ. އެ ކެޓެގަރީތަކަކީ ސިވިލް ސާވިސްގެ ތިން ކެޓެގަރީއާ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީއާ ޓީޗަރުންގެ ކެޓަގަރީއާ އެކަނިވެރި މައިންނާއި ބަފައިގެން ކެޓެގަރީއާ 18 އަހަރާއި 40 އަހަރުުގެ ކެޓަގަރީއާ މާލެ ރަށްވެހިންގެ ކެޓަގަރީއާ ދަފްތަރު ކެޓަގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ އެވެ.

މީގެ އިތުރުން ހައުސިން މިނިސްޓްރީން ވަނީ ހުޅުމާލެ އިން 400،000 ރުފިޔާއަށް 1000 އަކަފޫޓު 400 މީހުންނަށް ގޯތި ދޫކުރުމަށްވެސް ނިންމި އެވެ. ނަމަވެސް ގޯތި ދޫކުރުމުގެ މައްސަލަ ބޮޑުވެ، އެކަމަށް ފޯމް ހުށަހެޅުން ހުއްޓާލުމަށްފަހު ހައުސިން މިނިސްޓްރީން އެގޯތިތައް ދޫކުރުމުގެ މަސައްކަތް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ ވަނީ ހަވާލުކޮށްފަ އެވެ. ނަމަވެސް އަދިވެސް އެޗްޑީސީއިން ފޯމް ބަލައިގަތުމުގެ މަސައްކަތް ފަށާފައެއް ނުވެ އެވެ. އަދި ފަށާނެ ވަކި ތާރީހެއްވެސް ކަނޑައަޅައި އިއުލާންކޮށްފައެއް ނުވެ އެވެ.