އަލަށް އަންނަ ސަރުކާރަކަށް ބަޖެޓް ހުށަހަޅަން ފުރުސަތު ލިބޭ ގޮތަށް މާލިއްޔަތު ގާނޫނަށް ބަދަލުގެންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އަލަށް އަންނަ ސަރުކާރަކަށް ބަޖެޓް ހުށަހެޅުމަށް ފުރުސަތު ދިނުމުގެ ގޮތުން މާލިއްޔަތު ގާނޫނުގެ 32 ވަނަ މާއްދާއަށް ބަދަލުގެންނަންޖެހޭ ކަމަށާއި، އެކަން ކުރަންޖެހެނީ، މިއަހަރުގެ ތަޖުރިބާއިން ފިލާވަޅު ލިބިގަނެގެން، ފަސް އަހަރުން އެއް އަހަރު ވެރިކަން ބަދަލުވާއިރު ދެން އަންނަ ސަރުކާރަކަށް ބަޖެޓް ހުށަހެޅުމުގެ ފުރުސަތު ދިގު ދަންމާލަން ކަމަށެވެ.
ނަޝީދު ވިދާޅުވީ، މާލިއްޔަތު ގާނޫނުގައި ފަސް އަހަރުގެ ދައުރު ބަދަލުވާ އިރު ހާއްސަ ހާލަތްތަކެއް ބަޔާންކޮށްދީފައި ނޯންނަކަމަށެވެ. އަދި ގާނޫނު އަސާސީގައި ބުނަނީ މާލީ އަހަރު ފެށުމުގެ ކުރިން ބަޖެޓް ފާސްކުރަންވާނެ ކަމަށް ކަމަށާއި، އެ ގާނޫނު ފާސްކުރި އިރު ގާނޫނުގައި އޮތީ ނޮވެމްބަރު މަހު ބަޖެޓް ހުށަހެޅުމަށް ކަމަށެވެ. އެކަމުގެ ސަބަބުން އާ ސަރުކާރަށް މަސައްކަތްތައް ކުރިއަށް ގެންދަން އުނދަގޫވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެ ގާނޫނެއްވެސް ނުދަނޭ. އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، ފަސް އަހަރުން އެއް އަހަރު ރިޔާސީ އިންތިހާބެއް އަންނާނެ ކަމެއް. އާ ސަރުކާރުތަކެއް އަތުވެދާނެ ކަމެއް. ސިޔާސަތުތަކާއި ޕްރޮގްރާމްތަށް ބަދަލުވާނެ ކަމެއް. އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ އެ ގާނޫނަަށްވެސް އެ ފުރުސަތުދޭން. ކޮންމެވެސް ވަރަކަށް ލަސް ވަގުތެއްގައި އެމީހުންނަށް އެކަން ކުރެވޭނެ ވަގުތެއް ދޭން. މިހާރު އޮތް ސަރުކާރުން އެމީޙުންގެ ބަޖެޓް ހުށަހެޅުމަކީ މާ ހަރުދަނާ ކަމެއް ކަމަކަށް އަޅުގަނޑަށް ނުފެނޭ" ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ، އަންނަ އަހަރަށް ފާސްކުރާ ދައުލަތުގެ ބަޖެޓް ފާސް ކުރުމުގެ ކުރިން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ފާސްކުރުން ލާޒިމެއް ނޫން ކަމަށެވެ. މާލި އަހަރު ނިމުމުގެ ތިން މަސްދުވަސް ކުރިން އޮޑިޓާ ޖެނެރަލް އަންދާޒާކުރައްވާ ބަޖެޓެއް ފޮނުއްވާ، އެ ބަޖެޓް މާލިއްޔަތު ކޮމިޓީން ދިރާސާ ކުރުމަށްފަހު، އެކޮމިޓީއަށް ފެންނަ ކަންތައްތައް މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ. އަދި މަޖިލީހުން ފާސްކުރާ ގޮތެއްގެ މަތިން ފިނޭންސް މިނިސްޓަރު އެ ފައިސާ ދެއްވަން ޖެހޭކަމަށް ނަޝީދު ވިދާޅުވި އެވެ.
"ކޮންމެހެން ދައުލަތުގެ ބަޖެޓުގެ ބޭރުން ވަކިން އޮޑިޓާ ޖެނެރަލްގެ ބަޖެޓެއް ފާސްކުރައްވާފައި، އަދި އޭތި މިތަނުން، ފިނޭންސް މިނިސްޓްރީއަށް ފޮނުއްވައިގެން، ފިނޭންސް މިނިސްޓްރީގެ ބަޖެޓުގައި ހިމަނުއްވައިގެން އެ ސަކަރާތް ޖަހާކަށެއް،
ކޮންމެހެން މިގާނު ލާޒިމެއް ނުކުރޭ" ނަޝީދު ވިދާޅުވި އެވެ.