ހަބަރު

ލަންކާގައި ތިބި ދިވެހިން ސަމާލުވާން އިލްތިމާސްކޮށްފި!

ސްރީލަންކާގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން މުޒާހަރާތައް ފެށިފައިވާތީ، މަގުތަކަށް ނިކުމެއުޅޭއިރު އަމިއްލަ ރައްކާތެރިކަމަށް އިސްކަންދީ ސަމާލުވާން ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީ އިން އިލްތިމާސްކޮށްފި އެވެ.

ލަންކާގައި މިހާރު ކުރިއަށްދާ ހަމަނުޖެހިންތަކާ ގުޅިގެން ދިވެހި އެމްބަސީއިން މިއަދު ނެރުނު ބަޔާނުގައި ބުނީ، ލަންކާގެ ބައެއް ހިސާބުތަކުގައި މިހާރުވެސް މުޒާހަރާތައް ކުރިއަށްދާއިރު، ޒަރޫރީ ބޭނުންތަކަށް ނޫން ގޮތެއްގައި މީހުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކަށާއި ބައިބޯ ސަރަހައްދުތަކަށް މިދުވަސްވަރު ނިކުމެ ނޫޅުމަށް ވަނީ ގޮވާލާފަ އެވެ. އަދި މަގުތަކަށް ނިކުތް ނަމަވެސް އަމިއްލަ ސަލާމަތަށާއި ރައްކާތެރިކަމަށް ވިސްނައިގެން އުޅުމަށް ވެސް ވަނީ ނަސޭހަތްތެރިވެފަ އެވެ.

ލަންކާގެ ސިޔާސީ މަސްރަހު ހޫނުވެފައި މިވަނީ އެގައުމުގެ ބޮޑު ވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ ވަކިކުރުމާއި ގުޅިގެން ނެވެ. ރަނިލް ލަންކާގެ ބޮޑުވަޒީރު ކަމުން ވަކިވެފައިވާ ކަމަށް ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ހުކުރު ދުވަހު ވަނީ ނިންމަވާފަ އެވެ. އަދި އާ ބޮޑުވަޒީރަކީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ ކަަމަށް ވެސް ސިރިސޭނާ ވަނީ ނިންމަވާފައެވެ. ނަމަވެސް ރަނިލް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އޭނާއަކީ އަދިވެސް ބޮޑުވަޒީރު ކަމަށެވެ. އަދި ބޮޑުވަޒީރު ހުންނެވުމަށް ހާއްސަކޮށްފައި ހުންނަަ ގެކޮޅު ދޫކުރައްވައި ވަޑައިގަތުމާ އޭނާ ވަނީ ދެކޮޅު ހައްދަވާފަ އެވެ.

ރަނިލް މަގާމުން ވަކިކުރުމާގުޅިގެން ލަންކާގައި މިހާރު ފެށިފައިވާ ހަމަނުޖެހުންތަކުގައި މިހާރުވެސް އެކަކު މަރުވެފައިވާއިރު، ހަމަޖެހުން ގާއިމުނުކުރެވިއްޖެނަމަ ކުރިއަށް އޮތް ދުވަސްތަކުގައި އެ ގައުމުގައި ބޮޑު ލޭއޮހޮރުވުމެއް ހިނގާފާނެކަމުގެ އިންޒާރުވެސް ސްރީ ލަންކާގެ ސަލާމަތީ މަޖިލީހުން ވަނީ ދީފަ އެވެ.