ހަބަރު

ނަޝީދު ބަލައި އިބޫ ލަންކާއަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ރާއްޖެ ވަޑައިގެންނެވުމަށް އިންތިހާބީ ރައީސް އިބްރާހިިމް މުހައްމަދު ސޯލިހް، އިބޫ މާދަމާ ސްރީލަންކާ އަށް ވަޑައިގަންނަވަން ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، އިބޫ މާދަމާގެ ވަގުތެއްގައި ލަންކާއަށް ވަޑައިގަންނަވާނެ ކަމަށާއި މިކޮޅަށް ވަޑައިގަންނަވާނީ ރައީސް ނަޝީދާއެކު ކަމަށެވެ.

"ނުރަސްމީ ދަތުރުފުޅެއްގައި އިބޫ ވަޑައިގަންނަވަނީ ލަންކާއަށް ހަމައެކަނި ނަޝީދާއެކު މާލެއަށް ވަޑައިގަތުމަށް،" މާރިޔާ ވިދާޅުވި އެވެ.

ރައީސް ނަޝީދު އަންނަ ބުރާސްފަތި ދުވަހު ވަޑައިގަންނަވަން ނިންމާފައިވާއިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ހުޅުލެ ސަރަހައްދުން ކަނޑު މަގުންނެވެ.

ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް މާލެއިން ފަށުމަށް ހަމަޖެހިފައިވަނީ ޗާންދަނީމަގުގެ ރީފްސައިޑް ހިސާބުން ފެށިގެން މަޖީދީމަގުން، އެމްޑީޕީ ހަރުގެއާ ހަމައަށެވެ. އަދި ހަރަކާތްތައް ކުރިއަށްދާއިރު، ރައީސް ނަޝީދު ވަރަށް ހާއްސަ ސްޕީޗެއްވެސް ދެއްވުމަށްވަނީ ހަމަޖެހިފަ އެވެ.

އަންނަ ބުރާސްފަތި ދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވަން ނިންމަވާފައިވާއިރު، ސުޕްރީމް ކޯޓުން މިއަދު ވަނީ ނަޝީދުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ އިދާރާތަކުގެ މައްޗަށް އަމުރު ކޮށްފަ އެވެ. އެހެންކަމުން އެމަނިކުފާނު ރާއްޖެވަޑައިގަތުމަށް އެއްވެސް ހުރަހެއް މިހާރު ނެތެވެ.