ހަބަރު

އިބޫ އެކުލަވާލި ބަޖެޓް މާދަމާ ފިނޭންސް އަށް ފޮނުވަނީ

އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ފަރާތުން އެކުލަވާލާފައިވާ ބަޖެޓް މާދަމާގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ފޮނުވާނެ ކަމަށް އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، މާލިއްޔަތު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި އަހަރު ނިމުމުގެ ދެމަސް ކުރިން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

"އެމަނިކުފާން [ފިނޭންސް މިނިސްޓަރު] އަށް އެކަން ކުރެއްވޭނެ ގޮތަށް އެމުއްދަތު އޮއްވައި އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ބަޖެޓް އެބޭފުޅުންނާއި ހިސާބަށްދާނެ، އެހެންވީމަ އިރާދަ ކުރެއްވިއްޔާ މާދަމާ އެބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ، މާދަމާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވޭނެހާ ވަގުތު އޮއްވާ އަޅުގަނޑުމެންގެ ބަޖެޓް އެބޭފުޅުންނާއި ހިސާބަށްދާނެ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ މިގޮތަށް ވިދާޅުވެފައިވާއިރު، ފިނޭންސް މިނިސްޓްރީން މިދިޔަ މަހު ވަނީ މިމަސް ނިމުމުގެ ކުރިން ބަޖެޓެއް އެކުލަވާލައި ހުށަހެޅުމަށެވެ. އެގޮތަށް ނިންމީ މި ސަރުކާރުން ދެކޭގޮތުގައި އާ ސަރުކާރުގެ އޮނިގަނޑާއި ސިޔާސަތުތައް ހިމެނޭހެން 2019 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުމަކީ މުހިއްމުކަމެއް ކަމަށް ދެކޭތީ ކަމަށް މިނިސްޓްރީން ބުންޏެވެ.

ގާނޫނު އަސާސީގެ 56 ވަނަ މާއްދާއާއި ދައުލަތުގެ މާލިއްޔަތުގެ ގާނޫނު ގައިވާ ގޮތުގެ މަތިން ކޮންމެ މާލީ އަހަރެއް ފެށުމުގެ ދެ މަސް ކުރީން ދައުލަތުގެ އަންދާޒާ ބަޖެޓު ތައްޔާރުކޮށް ރައްޔިތުންގެ މަޖުލީހަށް ހުށަހަޅަން ޖެހެ އެވެ.