ޓްވިޓާގައި މިއަދު އެންމެ ބޮޑު ސަމާލު ކަމެއް ހޯދާފައިވަނީ ދެމައިންނެވެ. ޒާރާ އާއި މުސްކާނެވެ. ޒާރާއަކީ މީގެ އަހަރުތަކެއް ކުރިން ދިވެއްސަކާ ކައިވެނިކުރި ނޭޕަލްގެ އަންހެނެކެވެ. ބައިސިކަލެއްގައި ދަރިފުޅު، މުސްކާން ގޮވައިގެން އުޅޭތާ އާންމުކޮށް މާލޭގެ މަގުމަތިން ފެންނާނެ އެވެ.
އެ ދެމައިންގެ ވާހަކަ ޓްވިޓާގައި ހިއްސާކޮށްފައިވަނީ ހަސަން ޒަކީ އެވެ. އޭނާ އެ ވާހަކަ ހިއްސާކުރީ ޒާރާއަށް އެހީތެރިކަމެއް ހޯދުމަށެވެ. މުސްކާން ބޮޑުވަމުން އަންނައިރު ޒާރާގެ ބައިސިކަލްގައި ހުރި ގޮނޑި މިހާރު ވަނީ ކުޑަވެފަ އެވެ. އެ ގޮނޑީގައި މުސްކާން ނުއުފުލުމަށް ފުލުހުން ވެސް އަންގަ އެވެ. އެހެންވެ، ހަސަން ބޭނުން ވަނީ ބިކަ ހާލުގައި އުޅެމުންދާ ޒާރާއަށް ސައިކަލެއް ހޯދުމަށް އާންމުން އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ޒާރާ ދިވެއްސަކާ ކައިވެނިކޮށް އެމީހާގެ ރަށަށް ބަދަލުވީ 2011 ވަނަ އަހަރު އެވެ. އެކަމަކު އެ ކައިވެނި ދެމިގެން ނުދިޔަ އެވެ. ފިރިމީހާ އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކުރެ އެވެ. މުސްކާން ލިބުނީ އެ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހިފައިވަނިކޮށެވެ. ޒާރާ ފަހަށް ރައްކާކޮށްގެން ގެންގުޅުނު ފައިސާތައް މުސްކާން ލިބުމާއެކު ހުސްވި އެވެ. ކައިވެންޏަށް ދެ އަހަރުވީއިރު ފިރިމީހާ އެހެން އަންހެނަކާ ކައިވެނިކުރަން ބޭނުންވެ ޒާރާ ވަރިކުރި އެވެ.
ވަރި ސާބިތުކުރި އަޑުއެހުން ކޯޓުގައި ކުރިއަށް ގެންދިޔައީ ދިވެހި ބަހުންނެވެ. އޭނާއަށް އޭގެ ތަފްސީލެއް ވެސް ނުދެ އެވެ. އޭނާގެ ބަހެއް ވެސް ނުހޯދަ އެވެ. ވަރިކޮށް، ފިރިމީހާ އެންގީ ފެރީއަކަށް އަރައިގެން މާލެ ދިޔުމަށެވެ. މުސްކާން ބަހައްޓާފަ އެވެ. ނަމަވެސް ޒާރާ މާލެ އައީ މުސްކާން ގޮވައިގެންނެވެ. ވަންނާނެ ގެދޮރެއް ނެތެވެ. އެ ވަގުތު އޭނާއަށް އެހީވީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އެތައް ބައިވަރު މީހުން ނިދާ ތަނެކެވެ. މުޑުދާރު ވެސް ތަނެކެވެ. މުސްކާންގެ ގައިގާ އެއްކޮށް ހުންނަނީ މަކުނު ހިފާފަ އެވެ.
ޒާރާއާ ދެން ބައްދަލުވީ ވަކީލަކާއެކު އެވެ. ހިލޭ ސާބަހަށް އެ ވަކީލް ޒާރާއަށް އެހީވާން ނިންމައި އެ މައިން ތިބޭނެ ވަގުތީ ތަނެއް ހޯދައިދިނެވެ. އަދި މުސްކާންގެ ބެލެނިވެރިކަން ޒާރާއަށް ހޯދައިދިނުމުގެ މަސައްކަތް އޭނާ ފެށި އެވެ. ދެ އަހަރު ދުވަހުގެ މަސައްކަތަށްފަހު މުސްކާންގެ ބެލެނިވެރިކަން ޒާރާއަށް ކޯޓުން ދިނެވެ. ނަމަވެސް ޒާރާއަށް އެންގީ މުސްކާންގެ ބައްޕަގެ ހުއްދައާ ނުލާ އޭނާ ގޮވައިގެން ރާއްޖެ އިން ބޭރަށް ނުދިޔުމަށެވެ. ރާއްޖެއިން ބޭރަށް ދާން މުސްކާންގެ ބައްޕަގެ ހުއްދައެއް ނެތެވެ. ޕާސްޕޯޓް ވެސް ޒާރާއަތުގަ ނެތެވެ.
އެހެންވެ، ޒާރާ އާ ވަޒީފާއެއް ހޯދި އެވެ. މުސްކާންގެ ބައްޕަގެ ފަަރާތުން އޭނާއަށް މާލީ އެހީތެރިކަމެއް ނުލިބެ އެވެ. ވަޒީފާއިން ލިބޭ އާމްދަނީ ބޮޑު ބައެއް އޭނާ ހޭދަކުރަނީ މުސްކާންގެ ޑޭ ކެއާއަށެވެ. ރާއްޖޭގައި ހުރުމަށް ކޮންމެ އަހަރަކު ވިސާ އާ ކުރުމަށް ވެސް ބޮޑު ހޭދައެއް އޭނާ ކުރެ އެވެ. މުސްކާން ސްކޫލަށް ދާން ފެށުމުން ޒާރާ ހޯދީ ބައިސިކަލެކެވެ. އެކަމަކު އެ ބައިސިކަލްގެ ގޮނޑި މިހާރު މާކުޑަ އެވެ.
މުސްކާން އުފުލުމަށް ފަސޭހައަކަށް ޒާރާއަށް ސައިކަލެއް ހޯދުމަށް ހަސަން ޒަކީ ވަނީ ޓްވިޓާގައި ކެމްޕެއިނެއް ފަށާފަ އެވެ. ހަސަން ވަނީ ޒާރާއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކައުންޓް ނަންބަރެއް ވެސް އާންމުކޮށްފަ އެވެ. އަދި އެ ވާހަކައިގެ ސައްހަކަން ކަށަވަރުކުރަން ގިނަ ބަޔަކު ބޭނުންވާތީ ވަކީލުންގެ ފޯނު ނަންބަރު ވެސް ވަނީ ހިއްސާކޮށްފަ އެވެ.
ގިނަ ބައެއްގެ އެހީތެރިކަން މިހާރު ވެސް ޒާރާއަށް ލިބެމުންދާއިރު ލޯޓަސް ކުންފުނިން ވަނީ ޒާރާއަށް އެހީތެރިވާން ނިންމާފަ އެވެ. އެގޮތުން އެތަނުގެ މެނޭޖިން ޑިރެކްޓަރު ޒައިނަލް އާރިފް ޓްވީޓްކޮށް، ވިދާޅުވެފައިވާ ގޮތުގައި 50 ޕަސެންޓްގެ ޑިސްކައުންޓަކާއެކު ޒާރާ އާއި މުސްކާންއަށް މިހާރު ވަނީ ސައިކަލެއް ތައްޔާރުކޮށްފަ އެވެ.
އޭގެއިތުރުން ގިނަ ބަޔަކު ސައިކަލް ގަތުމަށް މިހާރު އިހްތިޔާރު ކުރާ ލިޓަސް ކުންފުނިން ވެސް ވަނީ ޒާރާ އާއި މުސްކާންގެ މައުލޫމާތު ހޯދައިދިނުމަށް އެދިފަ އެވެ. އަދި އެ ދެމައިން ބޭނުންވާ އުފާވެރި ހަބަރު ދޭނެ ކަމަށް ވެސް ވަނީ
ބުނެފަ އެވެ.