ދުނިޔެ

ލަންކާގެ ވަކިކޮށްފައިވާ ބޮޑު ވަޒީރު ރަނިލްގެ ދިފާއުގައި އެތަކެއް ހާސް ބަޔަކު މަގު މައްޗަށް

ކޮލޮމްބޯ (އޮކްޓޯބަރު 30) - ސްރީލަންކާގެ ބޮޑު ވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ ވަކިކުރުމާ ގުޅިގެން އެމަނިކުފާނުގެ ދިފާއުގައި އެތަކެއް ހާސް ސަޕޯޓަރުން މުޒާހަރާއަށް ނުކުމެއްޖެ އެވެ.

ރަނިލް ލަންކާގެ ބޮޑުވަޒީރު ކަމުން ވަކިވެފައިވާ ކަމަށް ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ހުކުރު ދުވަހު ވަނީ ނިންމަވާފަ އެވެ. އަދި އާ ބޮޑުވަޒީރަކީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ ކަަމަށް ވެސް ސިރިސޭނާ ވަނީ ނިންމަވާފައެވެ. ނަމަވެސް ރަނިލް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އޭނާއަކީ އަދިވެސް ބޮޑުވަޒީރު ކަމަށެވެ. އަދި ބޮޑުވަޒީރު ހުންނެވުމަށް ހާއްސަކޮށްފައި ހުންނަަ ގެކޮޅު ދޫކުރައްވައި ވަޑައިގަތުމާ އޭނާ ވަނީ ދެކޮޅު ހައްދަވާފަ އެވެ.

ލަންކާގެ ވެރިކަން ކުރާ އިއްތިހާދުގައި ހިމެނޭ މައި ދެޕާޓީ ކަމަށްވާ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) އާއި ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އާ ދެމެދު ކޯޅުމެއް ފެށުނީ އިންޑިއާ ކުންފުންޏަކާއި ޖަޕާނުގެ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކާ ލަންކާގެ ކޮންޓެއިނާ ޓާމިނަލްއެއް ހަވާލުކުރުމުގެ މައްސަލައިގަ އެވެ. ޔޫއެންޕީއަކީ ރަނިލް އިސްކޮށް ހުންނަވާ ޕާޓީ އެވެ. އަދި އެސްއެލްއެފްޕީއަކީ ސިރިސޭނާގެ ޕާޓީ އެވެ.

ޔޫއެންޕީގެ ސަޕޯޓަރުން ވަނީ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުގައި ބޭރުގައި ރަނިލްގެ ހައްގުގައި މުޒާހަރާކޮށްފަ އެވެ.

"މަގާމުން ވަކިކުރުމާއި އަހަރެމެން ދެކޮޅު، އަހެރެމެން ސިރިސޭނާއަށް ވޯޓު ދިނީ މިގޮތަށް އަމަލުކުރައްވާކަށް ނޫން،" މުޒާހަރާގެ ބައިވެރިންނާއި މުހާތަބުކޮށް ރަނިލް ވިދާޅުވި އެވެ.

"އަހަރެމެން މި ނިންމުމާއި ދެކޮޅަށް މަސައްކަތް ކުރާނަން."

ލަންކާގެ އެކި ހިސާބުތަކުގައި މުޒާހަރާ ކުރަމުންދާއިރު، ވިކްރަމަސިންހަގެ ޕެޓްރޯލިއަމް މިނިސްޓަރު އަރުޖުނާ ރަނަތުންގަގެ އޮފީހުގެ ބޭރުގައި ކުރި މުޒާހަރާއެއްގެ ތެރެއަށް، ބޮޑީގާޑެއް ބަޑިޖެހުމުން އެކަކު ވަނީ މަރުވެފަ އެވެ.

އެ ކުރިމަތުލުންތަކުގައި އިތުރު ދެ މީހަކު ޒަހަމްވެފައިވާކަމަށް ވެސް ލަންކާ ފުލުހުން ވަނީ ބުނެފަ އެވެ. މިނިސްޓަރުގެ އިތުރުން ބަޑިޖެހި ބޮޑީގާޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވީ ނަމަވެސް، ރަނަތުންގަ މިހާރު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.

ލަންކާގެ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔަ މީޑިއާއަށް ވިދާޅުވީ، މިހާރު އުފެދިފައިވާ މައްސަލަތައް ހައްލުކުރަންޖެހޭނީ މަޖިލީހުގެ ތެރެއިން ކަމަށާއި، މަގު މައްޗަށް ނުކުމެއްޖެނަމަ ބޮޑު ލޭއޮހޮރުވުމެއް ހިނގާފާނެ ކަމަށެވެ.

ރައީސް ސިރިސޭނަ ވަނީ ގައުމާ މުހާތަބުކޮށް، ރަނިލް ވަކިކުރަން މަޖުބޫރުވީ، އިގުތިސޯދީ ގޮތުން އެޅުއްވި ދޯހަޅި ފިޔަވަޅުތަަކުގެ އިތުރުން، އޭނާ އަވާހަރަކޮށްލުމަށް ރޭވި ރޭވުމުގައި ރަނިލްގެ މިނިސްޓަރެއްގެ އަތެއް ވާތީ ކަމަށެވެ.

ސިރިސޭނާ ވަނީ އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހާ ހަމައަށް ލަންކާ ޕާލަމެންޓް ސަސްޕެންޑްކުރައްވާފަ އެވެ. ނަމަވެސް، މަޖިލީހުގެ ތާއީދު އޮތްކަން ކަށަަވަރުކުރުމަށް ކުއްލި ޖަލްސާއެއް ބާއްވައި ދިނުމަށް ރަނިލް ވިކްރަމަސިންހައަށް ވަނީ ގޮވާލައްވައިފަ އެވެ.