މޯލްޑިވިއަން

އަބްދުއްރަހީމްގެ ދަރިކަލުން މޯލްޑިވިއަންއަށް ފައިސާ ނުދައްކާ މައްސަލައެއް

Oct 31, 2018
39

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް މޯލްޑިވިއަން ހޮލިޑޭސްއިން ކްރިޑިޓަށް ދޫކުރި ޓިކެޓް ތަކަކަށް ފައިސާ ނުދައްކާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

"އަވަސް"އަށް ކޮޕީ ލިބިފައިވާ އިންވޮއިންސްއެއްގައިވާ ގޮތުން، ފައިސަލް އާއި އޭނާގެ އަނބިކަނބަލުން ރާއްޖެއިން ބޭރުގެ ތިން ގައުމަށް ދަތުރުކުރެއްވުމަށް ފަހުން ފައިސާ ދައްކާ ގޮތަށް، ކްރިޑިޓް އެގްރިމަންޓެއް ހަދައި މޯލްޑިވިއަން ހޮލިޑޭސްއިން ފައިސަލްއަށް ޓިކެޓް ދޫކޮށްފައި ވަނީ، 20 ފެބުރުއަރީ 2017 ގަ އެވެ. އޭނާއަށް ދޫކޮށްފައިވަނީ ކޮލަމްބޯ، އަބޫދާބީ، ފްރޭންކްފާޓް އަދި ކުއަލަލަމްޕޫރަށް ދަތުރު ކުރެއްވުމަށެވެ.

"އަވަސް"އަށް ލިބިފައިވާ އިންވޮއިސްގައިވާ ގޮތުން، ފައިސަލް އާއި އޭނާގެ އަނބިކަނބަލުންގެ ޓިކެޓަށް ޖުމްލަ 112،350 ރުފިޔާ މޯލްޑިވިއަންއަށް ދައްކަން ޖެހެ އެވެ.

އިންވޮއިސްގެ ޓާމްސްތައް ބުނާ ގޮތުން، އިންވޮއިސްގެ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ފައިސާ އަނބުރާ ދައްކަން ޖެހެ އެވެ. މޯލްޑިވިއަންގެ އިސް އޮފިޝަލުން "އަވަސް"އަށް ކަށަވަރުކޮށްދެއްވި ގޮތުގައި މިއަދާ ހަމަޔަށް ވެސް އެ ފައިސާ ފައިސަލް ދައްްކަވާފައެއް ނުވެ އެވެ. އަދި ކްރިޑިޓް އެގްރިމަންޓްގައިވާ ގޮތުގެ މަތިން، ފައިސާ ނުދަައްކައިގެން އިންޓަރެސްޓްގެ ގޮތުގައި 44،940 ރުފިޔާ ވެސް ވަނީ އިތުރަށް އަރައިފަ އެވެ. އެހެން ކަމުން ފައިސަލް މޯލްޑިވިއަންއަށް ދައްކަން ޖެހޭ ފައިސާގެ އަދަދު މިއަދާ ހަމަޔަށް 157،290.12 ރުފިޔާއަށް އަރަ އެވެ.

ފައިސަލްއަކީ، ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމެއް ކަމަށްވާ، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީއަކަށް ހުންނެވި ބޭފުޅެކެވެ.

"އަވަސް"އަށް ކަށަވަރުވެފައިވާ ގޮތުގައި ފައިސަލްއަށް އެ ޓިކެޓްތައް ކްރިޑިޓަށް ދޫކުރަން މޯލްޑިވިއަން އިން ނިންމީ ޓްއަރިޒަމް މިނިސްޓްރީއިން އެ ކުންފުނީގައި އެދިގެން އެވެ. އެ ފައިސާ ނުލިބިގެން އެކި ފަހަރުމަތިން ފައިސަލްއަށް ވަނީ މޯލްޑިވިއަންއިން މިހާރު ނޯޓިސް ވެސް ފޮނުވައިފަ އެވެ. އޮފިޝަލަކު ވިދާޅުވި ގޮތުގައި އަދިވެސް އެ ފައިސާއެއް ކުންފުންޏަށް ނުލިބެ އެވެ.

ފައިސަލްގެ ފޯނަށް ގުޅި ނަމަވެސް، އެ ނަމްބަރުން ފޯނު ނެންގެވީ އެހެން ފަރާތެކެވެ. އަދި ވިދާޅުވީ މިވަގުތު ފައިސަލް ނެތް ކަމަށެވެ. އަދި އެކި ފަހަރުމަތިން ގުޅަން މަސައްކަތް ކުރި ނަމަވެސް ފައިސަލްގެ ބަހެއް މިކަމުގައި ނުލިބުނެވެ.