ހަބަރު

އަބޫދާބީ ފެހިކުރަން މާފަރު ސުންނާފަތިކޮށްލަނީ!

ނ. މާފަރުން ގިނަ އަދަދެއްގެ ރުއް ނަގައިގެން އަބޫ ދާބީއަށް ފޮނުވަން އުޅޭ ކަމުގެ އަޑުތަކާއެކު އެ ރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ. މާފަރުން ރުއްތައް ނަގަން ފަށާފައިވަނީ މީގެ ފަސް ވަރަކަށް ދުވަސް ކުރިންނެވެ.

މާފަރުގެ ޒުވާނަކު މިއަދު އަވަސްއަށް ކިޔައިދިން ގޮތުގައި ރަށުގެ އަމިއްލަ މީހުން އަތުން ރުއްތައް ގަނެފައިވަނީ އެ ރަށުގައި އަލަށް ތަރައްގީކުރާ އެއާޕޯޓްގައި ޖަހަން ކަމަށް ބުނެ އެވެ. އެހެންވެ އެމީހުން އެކަމާ ކަންބޮޑުވުމެއް ނެތި ރުއްތައް ވިއްކީ ކަމަށެވެ.

ރުއްތައް މީހުން އަތުން ގަނެފައިވަނީ އެ ރަށުގެ އިތުރު ދެ މީހެކެވެ. ފަހުން އެ ދެ މީހުން ވަނީ ރުއްތައް މާފަރު އެއާޕޯޓްގެ އެމެރިކާގެ ކޮންސަލްޓެންޓަކަށް ވިއްކާލާފަ އެވެ. ރުއްތައް ނެގުމުގެ މަސައްކަތް ކުރަނީ މާފަރު އެއާޕޯޓްގެ ކޮންޓްރެކްޓާ ކަމަށްވާ ސިންގަޕޫރްގެ ޓަފް އޯފްޝޯއިންނެވެ.

"އެ ކުންފުނީގެ ވެހިކަލްތައް ބޭނުންކޮށްގެން ރަށު ތެރެއިން ރުއްތައް ނަގައިގެން އެއާޕޯޓް ސައިޓަށް ވެއްދީ، އޭގެ ފަހުން އެ ރުއްތައް ވަރަށް ރަނގަޅަށް ޕެކްކުރުމަށްފަހު ކޮޅުވެއްޓިއަކަށް އެރުވީ، އެ ހިސާބުން އެނގުނީ މީގަ ގޯސްތަކެއް އުޅޭކަން،" އޭނާ ބުންޏެވެ.

ޒުވާނާ ބުނި ގޮތުގައި 40-50 ވަރަކަށް ރުއް ނަގައިގެން ކޮޅުވެއްޓިއަށް ވަނީ އަރުވާފަ އެވެ. އެ ކޮޅުވެއްޓި މިހާރު ވެެސް އޮތީ މާފަރުގެ ފަޅު ތެރޭގަ އެވެ.

"ކޮންމެ ރުކެއް ހައިމާކުން ނަގައިގެން ރަށު ތެރޭގައި ހައިމާކް ދުއްވާފައި ގެންދިޔައީ، ރަށުގެ އެކި ތަންތަނުން ރުއްތައް ނެގީ، ބައެއް ތަންތަނަކީ ރުއް ނެގުމުގެ ހުއްދަ އޮތް ތަންތަނެއް ވެސް ނޫން، އަދި ހައިމާކެއް ބޭނުންކޮށްގެން ރުއް ނަގަންޏާ ބޭނުންވާ ހުއްދައެއް އަދި ރަށުން ރުއް ބޭރުކުރަން ބޭނުންވާ ހުއްދައެއް ވެސް ނުނަގާ،" އޭނާ ބުންޏެވެ.

"ރުއްތައް ރަށުން ބޭރުކުރަން އެނގުމުން ރައްޔިތުން ވަރަށް ބޮޑަށް ނުތަނަވަސްވި، އެކަމަކު ބައެއް މީހުން ބުނޭ ސަރުކާރުން ކުރާ ކަމެއް ވިއްޔާ ކުރާނެތާއޭ ވެސް،"

މާފަރުގެ ޒުވާނާ އިތުރަށް ކިޔައިދިން ގޮތުގައި ރުއްތައް ނަގައިގެން ގެންދާ ކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި އާންމުކުރަން ފެށުމުން އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ވަނީ އެކަން ހިނގާ ގޮތް ބަލާފަ އެވެ. އަދި ކައުންސިލަށް އެކަން ހުއްޓުވުމަށް އެންގުމުން ކައުންސިލުން ވަނީ ހުއްޓާނެ ކަމަށް ބުނެފަ ކަމަށް އޭނާ ބުންޏެވެ.

"އެކަމަކު އޭގެ ފަހުން ވެސް ރުއް ނެގުން ކުރިއަށް ދިޔަ، އެހެންވެ އީޕީއޭއިން ވަނީ ފުލުހުން ފޮނުވަން ޖެހިދާނެ ކަމަށް ބުނެފަ، އޭގެ ފަހުން ރުއް ނެގުން އެއްކޮށް ހުއްޓުނީ، ކޮޅުވެއްޓި ނުފުރާ އޮތީ ވެސް މައްސަލަ ބޮޑުވެފައިވާތީ ކަމަށް ގަބޫލު ކުރެވޭ،" އޭނާ ބުންޏެވެ.

ބެލެވޭ ގޮތުގައި ކޮޅުވެއްޓިއިން ރުއްތައް އަރުވަން ނިންމާފައިވަނީ އެ ރަށު ބޭރުގައި އޮތް އަބޫ ދާބީގެ ކާގޯ ބޯޓަށެވެ. އޭނާ ބުނި ގޮތުގައި އެ ބޯޓު މާފަރު އެއާޕޯޓަށް މުދާ ހިފައިގެން އައިތާ މިހާރު ވަނީ ދުވަސްތަކެއްވެފަ އެވެ. އަދި ހުސްކުރިތާ ވެސް ދުވަސްތަކެއްވެފަ އެވެ. ނަމަވެސް ބޯޓު ނުފުރާ މަޑުކޮށް އޮތީ ރުއްތައް ހިފައިގެންދާ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"ރުއްތައް ޕެކްކޮށްފައިވަނީ ވަރަށް ރަނގަޅަށް، ހިއެއް ނުވޭ އެއީ ރާއްޖޭގެ ރިސޯޓަކަށް ނޫނީ އެހެން ތަނަކަށް ގެންދަން ޕެކްކޮށްފައި ހުރި ހުރުމެއް ހެނެއް،" އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން މާފަރު ކައުންސިލްގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވެ އެވެ. ކައުންސިލަރުން ފޯނަށް ޖަވާބު ނުދެއްވަ އެވެ.

މާފަރުގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފެށީ އަބޫ ދާބީ ފަންޑުން 60 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދީގެންނެވެ. އެ
އެއާޕޯޓްގެ މަސައްކަތް މިހާރު ނިމުމާ ގާތްވެފައިވާއިރު އެއާޕޯޓް އޮތް ސަރަހައްދަކީ ގިނަ އަދަދެއްގެ ރުއް ގަސް ހުރި ހިސާބެކެވެ. އެއާޕޯޓް އެޅުމަށް މުޅި އެ ސަރަހައްދު ސުންނާފަތިކޮށްލި އެވެ. އެކަމާ ވެސް މީހުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި އެވެ.