ދައުލަތުގެ ބަޖެޓް

އިބޫ ހުށަހަޅުއްވާ 29.6 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހަށް ފޮނުވައިފި

Oct 31, 2018
7

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ހުށަހަޅުއްވަން ބޭނުން ފުޅުވާ 29.6 ބިލިއަން ރުފިޔާގެ ބަޖެޓް ފިނޭންސް މިނިސްޓްރީ އިން މިއަދު މަޖިލީހަށް ހުށަހަޅައިފި އެވެ.

ބަޖެޓް އެކުލަވާލުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީ އިން ވަނީ އިންތިހާބީ ރައީސް އަށް ދެއްވައިފަ އެވެ. އެމަނިކުފާނުގެ ތަރުޖަމާން އިއްޔެ ވިދާޅުވީ މިއަދުގެ ވަގުތެއްގައި އިންތިހާބީ ރައީސް އެކުލަވާލެއްވި ބަޖެޓް ފިނޭންސަށް ފޮނުއްވާނެ ކަމަށެވެ. ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އިންތިހާބީ ރައީސްގެ އޮފީހުން ހިއްސާކުރެއްވި، 29.6 ބިލިއަން ރުފިޔާގެ ބަޖެޓް އެއްވެސް އުނި އިތުރެއް ނެތި މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

"ގާނޫނީ ގޮތުން އަޅުގަނޑުމެން ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުމެއް މިހާރު ވަނީ މަޖިލިހަށް ފޮނުވިފައި. އިންތިހާބީ ރައީސްގެ އޮފީހުން ބަޖެޓް ފޮނުއްވި ގޮތަށް އުނި އިތުރެއް ނެތި މި ފޮނުވީ،"

އެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވާނީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ. މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ މިވަގުތު ބަޖެޓާ ގުޅޭ މައުލޫމާތުތައް އަދި އާންމު ނުކުރާނެ ކަމަށާއި ނަމަވެސް މަޖިލީހަށް ބަޖެޓް ހުށަހެޅުމުން ބަޖެޓް ފޮތް ނެރޭނެ ކަމަށެވެ. އަދި އިންތިހާބީ ރައީސްގެ އޮފީހުން ވެސް ބަޖެޓާ ގުޅޭ މައުލުމާތު މީޑިއާޔާ ހިއްސާކުރެއްވާނެ ކަމަށް ވިދާޅުވި ކަމަށް ވެސް ފިނޭންސުން ބުންޏެވެ.