ރެއާލް މެޑްރިޑް

ސޮލާރީގެ ފުރަތަމަ މެޗުގައި ތަފާތު ބަދަލުތަކެއް!

ހުލެން ލޮޕެޓެގީ މަގާމުން ވަކި ކުރުމުން ރެއާލް މެޑްރިޑްގެ ކޯޗުކަމަށް ވަގުތީ ގޮތުން ޕްރަމޯޓް ކުރި، ސެންތިއާގޯ ސޮލާރީގެ ފުރަތަމަ މެޗުގައި، ޑިޕޯޓިވޯ މެލިއްޔާ އާ ދެކޮޅަށް ބަދަލުތަކާއެކު ނިކުމެ 4-0 އިން މޮޅު ވެއްޖެ އެވެ.

ސްޕެނިޝް ކަޕުގެ ގަދަ 16 ގެ މެޗުގައި، މެލިއްޔާގެ ސުޓޭޑިއަމްގައި ކުޅުނު މެޗަށް، ރެއާލްގެ ކުރީގެ ވިންގާގެ ކޯޗު ކަމުގައި އެ ޓީމުން ނިކުތީ ބޮޑެތި ބަދަލު ތަކާއެކު އެވެ. އެންމެ ފާހަގަ ކުރެވުނު ބަދަލަކީ، ރެއާލްގެ އުންމީދީ ކުޅުންތެރިންތެރިޔާ ބްރެޒިލް ވިނީސިއަސް ޖޫނިއާ އަށް ފުރަތަމަ 11 އިން ފުރުސަތު ދިނުމެވެ. ލޮޕެޓެގީގެ ދައުރުގައި ވިނީސިއަސް އަށް ފުރުސަތު ލިބުނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެންމެ 13 މިނެޓް އެވެ.

އެހެން ނަމަވެސް ރޭ މެޗުގައި ފުލުކޮށް ކުޅެ އޭނާ ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ރެއާލުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހަން މަގުފަހި ކޮށްދިނީ އޭނާ އެވެ.

ލޮޕެޓެގީގެ ދައުރުގައި ވިނީސިއަސް އާ ބެހޭގޮތުން އޭނާ ބުނީ، ރެއާލްގެ ސްޓައިލްއަށް ހޭނުމަށް ވިނީސިއަސްއަށް ވަގުތު ބޭނުން ވާނެ ކަމަށެވެ. ރޭ އޭނާ ދެއްކި ކުޅުމުން އޭނާއަށް ފުރުސަތު ލިބުން ހައްގުވާކަން އޭނާ ސާބިތު ކޮށްދިނެވެ.

ރޭގެ މެޗުގެ ފުރަތަމަ 11 އިން، ރެއާލްގެ ބީ ޓީމު ކަނާތު ބެކް ހާވީ ސަންޗޭޒް އަށް ވަނީ ފުރުސަތު ދީފަ އެވެ. ބަދަލު ކުޅުންތެރިންގެ ގޮތުގައި ބީ ޓީމުގެ ފެޑްރީކޯ ވަލްވެރުޑޭ އާއި ކްރިސްޓޯ ގޮންޒާލޭޒް އަށް ވަނީ ފުރުސަތު ދީފަ އެވެ. ރެއާލްގެ ހަތަރު ވަނަ ލަނޑު ޖެހީވެސް ކްރިސްޓޯ އެވެ.

ރެއާލްގެ އަނެއް ތިން ލަނޑު ކާމިޔާބު ކުރީ ކަރީމް ބެންޒެމާ، މާކާ އެސެންސިއޯ އަދި އަލްވާރޯ އޮޑްރިއަޒާލޯ އެވެ. ވާދަވެރި ބާސެލޯނޯ، ކަލްޗަރަލް ލިނޮންސޭއާ ދެކޮޅަށް ކުޅުނު މެޗުން ލިބުނީ އުނދަގޫ މޮޅެކެވެ. އެ ޓީމު މޮޅުވީ 1-0 އިންނެވެ.