ކޮލޮމްބޯ (އޮކްޓޯބަރު 31) - ސްރީލަންކާގެ ބޮޑު ވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ ވަކިކުރުމާ ގުޅިގެން އުފެދިފައިވާ މައްސަލަ ހައްލުކުރަން ރައީސް މައިތިރިޕާލާ ސިރިސޭނާ އާއި މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔަ އިއްޔެ ކުރެއްވި މަޝްވަރާތަކަށް މާބޮޑު ކުރިއެރުމެއް ލިބިނުފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ރަނިލް ލަންކާގެ ބޮޑުވަޒީރު ކަމުން ވަކިވެފައިވާ ކަމަށް ސިރިސޭނާ ހުކުރު ދުވަހު ވަނީ ނިންމަވާފަ އެވެ. އަދި އާ ބޮޑުވަޒީރަކީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ ކަަމަށް ވެސް ސިރިސޭނާ ވަނީ ނިންމަވާފަ އެވެ.
އެ މައްސަލަ ހޫނުވެ، ބޮޑު ލޭ އޮހޮރުވުމެއް ހިނގާފާނެކަމުގެ ބިރުހީވެފައިވާއިރު، ޖަޔަސޫރިޔަ ވަނީ ޕާލިމަންޓް ސަސްޕެންޑު ކުރަން ސިރިސޭނާ ނިންމެވި ނިންމެވުން އަނބުރާ ގެންނަވައި، މަޖިލީހުގެ ތެރެއިން މިހާރު އުފެދިފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ފުރުސަތު ދެއްވުމަށް އިއްޔެގެ ކުއްލި ބައްދަލުވުމުގައި އެދިވަޑައިގެންފަ އެވެ.
ނަމަވެސް، އެއް ގަޑިއިރަށް ދިގުދެމިގެންދިޔަ އެ ބައްދަލުވުމުގައި އެއްވެސް އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށް، މަޖިލީހުގެ ރައީސްގެ ތަރުޖަމާނު ޗަމިންދަ ގަމަގޭ ވަނީ ވިދާޅުވެފަ އެވެ.
"ސިރިސޭނަ ވިދާޅުވީ، މަޖިލީހުގެ ރައީސްގެ ހުށަހެޅުމާއިމެދު ވިސްނަވާ ވަރަށް އަވަހަށް ޖަވާބެއް ދެއްވާނެކަމަށް،" ޗަމިންދަ ވިދާޅުވެފައިވެ އެވެ.
ސިރިސޭނާގެ އެ ނިންމެވުމަކީ ދުސްތޫރީ ބަޣާވާތެއްކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. އަދި އެ ނިންމެވުމާ ދެކޮޅަށް ރަނިލްގެ އެތަކެއް ހާސް ބަޔަކު ވަނީ މަގު މައްޗަށް ނުކުމެފައި އެވެ.
އެ ބައްދަލުވުމާ ގުޅިގެން، ސިރިސޭނާގެ އަރިސް ބޭފުޅަކު ވިދާޅުވީ، ޖަޔަސޫރިޔާގެ ހުށަހެޅުމާއެކު، ރާޖަޕަކްސައަކީ އާ ބޮޑުވަޒީރު ކަމުގައި ބަލައިގެންނެވުމަށް ސިރިސޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
އެ ބައްދަލުމުގެ ކުރިން، ލަންކާގެ ބަންޑާރަ ނައިބު ވަނީ ސިރިސޭނާގެ އެ ނިންމެވުމަކީ ގާނޫނީ ގޮތުން ސައްހަ ނިންމެވުމެއް ކަމަށް އުފެދިފައިވާ ސުވާލާ ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅުވަން ދެކޮޅު ހައްދަވައިފަ އެވެ.
ރައީސް ސިރިސޭނަ ވަނީ ގައުމާ މުހާތަބުކޮށް، ރަނިލް ވަކިކުރަން މަޖުބޫރުވީ، އިގުތިސޯދީ ގޮތުން އެޅުއްވި ދޯހަޅި ފިޔަވަޅުތަަކުގެ އިތުރުން، އޭނާ އަވާހަރަކޮށްލުމަށް ރޭވި ރޭވުމުގައި ރަނިލްގެ މިނިސްޓަރެއްގެ އަތެއް ވާތީ ކަމަށެވެ.