ހަބަރު

ޒަމާންތަކެއްގެ ބުރަ މަސައްކަތުން މިއަދު ކާމިޔާބީ ލިބިއްޖެ: އިބޫ

މިއަދު ފެނިގެން ދިޔައީ އެތަށް ޒަމާންތަކެއް ވަންދެއް ކުރަމުން އައި މަސައްކަތެއް ކާމިޔާބުވި މަންޒަރު ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ. އިބޫ މިހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަތުމާ ގުޅިގެނެވެ.

ވެލާނާ އިންޓެނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޮންޖުގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ މިއަދަކީ އުފާވެރި ދުވަހެއް ކަމަށެވެ. އެއީ އެތަށް ދުވަހަކުން ފެށިގެން ކުރަމމުން އައީ ބުރަ މަސައްކަތްތަކަށް ގިނަ ހުރަސްތަކާ ކުރިމަތިލާން ޖެހުމަށް ފަހުގައި ވެސް ކާމިޔާބު ލިބުނު ދުވަސް ކަމަށެވެ.

އިބޫ ވިދާޅުވީ އެންމެން އެކުގައި ކުރައްވާ މަސައްކަތުން ފެނިގެން ދަނީ މިނިވަންކަމާއި އަސާސީ ހައްގުތައް ފުރިހަމައަށް ލިބިގެންދާ މަންޒަރު ކަމަށެވެ. އަދި އެކަން ކޮންމެ މީހެއްގެ މޫނު މަތިން ވެސް ފެންނަ ކަމަށާއި އުންމީދުގެ މަންޒަރު ފެންނަ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"މިތަނުން ފެނިގެން ދާ މަންޒަރުން ވެސް ކޮންމެ މީހެއްގެ މޫނު މަތިން ވެސް ފެންނަނީ އުންމީދު، ގުޅިގެން މި ކުރާ މަސައްކަތް ކުރިޔަށް ދާނެ،" އިބޫ ވިދާޅުވި އެވެ.

ރައީސް ނަޝީދު މާލެ ވަޑައިގަތީ އިބޫއާ ވެސް އެކުގަ އެވެ. ރައީސް ނަޝީދު މިހާރު ގެންދަވަނީ ސަޕޯޓަރުންނާ ސަލާން ކުރައްވާ، މާލެ ވަޑައިގަތުމަށް ތައްޔާރުވަމުންނެވެ.