ރިޕޯޓް

އުފަލާއި ކަރުނައާއެކު ނަޝީދަށް މަރުހަބާާ!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީގެ ތެރޭގައި ތިބި އެންމެންގެ ސަމާލުކަން ހުއްޓިފައި ހުރީ، ރަންވޭގައި ޖެއްސި، ޔޫއެލްގެ ފްލައިޓާ ދިމާލަށެވެ. އެންމެން ކެތްމަދުވެފައި ތިބީ، އެތައް ދުވަހެއް އެސައިލަމްގައި އުޅުއްވުމަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ފްލައިޓުން ފައިބައި ރާއްޖޭގެ ފަސްގަނޑުގައި ފައި ޖައްސާލާ ވަގުތުކޮޅު މުޅި އުމުރަށް ރައްކާކުރުމަށް އެންމެން ފޯނުތައް ރެކޯޑްކޮށްލާށެވެ. ކުއްލިއަކަށް ފްލައިޓްގެ ދޮރު ނުކުމެވަޑައިގެންނެވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ތިން އަހަރަށްފަހު އެމަނިކުފާނު ފައިންޕުޅު ދިވެހި ފަސްގަނޑުގައި ޖެހުނެވެ. އޭރު އެންމެ އަރިހުގައި ހުންނެވީ އެންމެ އިހުގެ ގާތް ރަހުމަތްތެރިޔާ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އެވެ.

އެވަގުތު ވީއައިޕީގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާއި ބައެއް އާއިލީ ބޭފުޅުން ތިއްބެވެ. އެންމެންގެ މޫނު މަތިން ވެސް ފެންނަމުން ދިޔައީ އިންތިހާއަށް އުފާވެރިކަމެވެ. ހަމައެހެން، އެތަނުގެ ބޭރުގައި އެއާޕޯޓްގެ ބައެއް މުވައްޒަފުންނާއި ސަޕޯޓަރުން ވެސް ރައީސް ނަޝީދުގެ އިންތިޒާރުގައި ތިއްބެވެ. ކޮންމެ މީހަކަށް ވެސް ރައީސް ނަޝީދު ފެނުމާއެކު ބޭއިހްތިޔާރުގައި ވެސް ހިނިތުންވެވެ އެވެ. އެއާޕޯޓްގައި ތިބި ސަޕޯޓަރުންނާ ސަލާމް ކުރުމަށް ވެސް ގިނަ ވަގުތުތަކެއް ރައީސް ނަޝީދު ހޭދަ ކުރައްވަން ޖެހުނެވެ. އެއަށްފަހު ރައީސް ނަޝީދު އަރާވަޑައިގެންނެވީ އެމަނިކުފާނަށް ހާއްސަކޮށްފައިވާ ލޯންޗުކޮޅަށެވެ.

އޭރު ކަނޑުމަތީގައި މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް ކުރިއަށްދެ އެވެ. އެމަނިކުފާނު ލޯންޗުކޮޅުގައި ހުންނަވައިގެން ވަށާލާފައި އޮތް ދޯނިތަކާއި ކުދި ލޯންޗުތަކުގައި ތިބި ސަޕޯޓަރުންނަށް އަތުން ހަނާ އަޅުއްވަމުން ގެންދެވި އެވެ. ބޮޑުބެރާއެކު ދޯނިތަކުގައި މީހުން ވަރަށް ފޯރި ނެގި އެވެ. ބިޔަ ބޮޑު "ލަޝްކަރެއް"ގެ ގޮތަށް ރައީސް ނަޝީދާއެކު ދޯނި ފަހަރުތައް މާލެ އައެވެ. އޭރު މާލެ މަލަމަތި އޮތީ ފުރާލާފަ އެވެ.

ރައީސް ނަޝީދު ރަސްމީ ފާލަމަށް ފައިބައިވަޑައިގެންނެވުމާއެކު އެތަނުގެ މާހައުލު ބަދަލުވެގެން ދިޔަ ގޮތް ބުނެދޭން ވެސް ދައްޗެވެ. އެއްވެފައި ތިބި މީހުން ރައީސް ނަޝީދަށް މަރުހަބާއަށް ހުއްޓުމެއް ނެތި ގޮވަމުންދިޔަ އެވެ.

"ވަރަށް ވަރަށް ވަރަށް އުފާވެއްޖެ، ނޭނގެ ބުނެދޭކަން، ރައީސް ހަމަ އެ އައީއޭ މާލެ،" އެތަނުގައި އުފަލުން ރޮވިފައި ހުރި އައިޝަތު އަލީ ބުންޏެވެ.

އެކަހަލަ ކިތަންމެ އައިޝަތެއް އެތާ ހުއްޓެވެ. މޫނު މަތިން ހިނިތުންވުމެވެ. ލޮލުން ކަރުނަ އެވެ!

ހާދަ ބަޔެކޭ ހާދަ ބަޔެކޭ!!!

ރައީސް ނަޝީދާއެކު އެއާޕޯޓުން ނައްޓާލި މީޑިއާ ލޯންޗުގައި މާލެ އަރާ އެންމެ ފުރަތަމަ ވެސް ނަޒަރު ހިންގާލެވުނީ އެއްވެފައި ތިބި މީހުންނަށެވެ. "ހާދަ ބަޔެކޭ ހާދަ ބަޔެކޭ" ހިތާ ހިތާ ބުނެވުނެވެ. އުފަލުން ފޮޅިފައި ތިބި އެމީހުންނާ ވާހަކަ ދައްކާލާ ހިތްވެ، ޝުއޫރުތައް އަހައިވެސްލީމެވެ.

"ހެޔޮ ކިތަންމެ ދުރުން ފެނުނަސް، ރައީސް އެ ހުރީ ރާއްޖޭގައި، އެވަރުން ހިތް ފުރޭ، މިހާ އުފަލެއް އަދި ނުވޭ، ބުނެދޭން ނޭނގޭ މި އުފަލެއް،" "އައި ލަމް އަންނި" ޖަހާފައިވާ ބޯޑެއް ހިފައިގެން ހުރި އަހުމަދު އަބްދުﷲ ބުންޏެވެ.

ޖުމްހޫރީ މައިދާން ކުރިމަތީ އެއްވެފައި ތިބި މީހުންނާ ވާހަކަ ދައްކާލުމަށްފަހު ކުރިއަށް ހިނގައިގަތީ އެވެ. ޗަންދަނީ މަގު ފެށޭ ހިސާބަށް މީހުން ތިބޭނެ ކަމަށް ބަލާފަ އެވެ. އެހެނެއް ނޫނެވެ. އެމްއެމްއޭ ކައިރީ ހުރެފަ މަގު އެއްގޮތަށް ބަލާލިއިރު ކޮޅު ފެންނަން ނެތެވެ. ދެ ފަރާތުގައި ސަފު ހަދައިގެން ރައީސް ނަޝީދުގެ އިންތިޒާރުގައި ތިބި މީހުންގެ މެދުން ހިނގާފައި ދިޔައިރު އެމީހުންގެ އުފާވެރި ޝުއޫރުތައް އިހްސާސްވަމުން ދިޔަ އެވެ.

"ކޮން އިރަކުންތަ ރައީސް އަންނަނީ، ކިހާ ހިސާބަކަށް ރައީސްއަށް ވަޑައިގަނެވިއްޖެ،" ކޮންމެ މީހަކު ވެސް އެ ސުވާލުކޮށްލަ އެވެ.

ކޮންމެ ރަށެއްގެ ރައްޔިތުން ވެސް ތިބީ ރަށުގެ ބެނާއެއް ހިފައިގެން، ރައީސް ނަޝީދަށް އެންމެ ވަރުގަދައަށް މަރުހަބާ ދެންނެވުމަށް ފޫގަޅައިގެންނެވެ. ރަށްރަށުން ހަމަ ސީދާ ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު އައިސް ތިއްބެވެ.

"ކިހިނެއް މާލެ ނައިސް ހުންނާނީ، ރަށުގަ ހުއްޓަސް ހިތް އޮންނާނީ މިތާ، ރައީސް ނަޝީދު ދެކިލާއިރަށް އެ ހަމަޖެހުން ލިބުނީ،" ހދ. ކުޅުދުއްފުށީ ބެނާ ފަހަތުގައި ހުރި ދައްތައަކު ބުންޏެވެ.

އެހެން ދަމުން ގޮސް، ޗާންދަނީ މަގު ހުސްވެއްޖެ އެވެ. ނުކުތީ މަދީޖީ މަގަށެވެ. ހަތަރު އަނގޮޅި ކަންމަތީ ހުރެ މަޖީދީ މަގު އޮތް ގޮތަށް ބަލާލިއިރު ވެސް ކޮޅު ފެންނަން ނެތެވެ. ހިނގަމުންދިޔަ އެ ދެން ސަފު ނިމެނީއޭ ހީވެ އެވެ. އެކަމަކު އެހެނެއް ނުވެ އެވެ. މީހުން ވަނީ އިތުރެވެ. އިމާރާތްތަކުގެ މަތިން ވެސް މަރުހަބާ ދެންނެވުން ކުރިއަށް ދިޔަ އެވެ.

ރައީސް ނަޝީދު ވަޑައިގެންނެވީ އިބޫ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް އަދި އެހެން ވެސް އިސް ބޭފުޅުންނާއެކު އެވެ. މަގުމަތިން އެ ބޭފުޅުން ހިންގަވާފައިވާ ވަޑައިގެންނެވިއިރު ސެކިއުރިޓީ އޮތީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. ގިނަ މީހުންނަށް ރައީސް ނަޝީދާ ސަލާމްކޮށްލަން ފުރުސަތު ނުލިބުނަސް އެމީހުން ތިބީ ހިތްހަމަޖެހިފަ އެވެ. ފެނިލުމުން ވެސް ހިތްފުރޭ ކަމަށް ބުނަމުންނެެވެ.

ޗަންދާނީ މަގުން ފެށިގެން އާޓިފިޝަލް ބީޗާ ހަމައަށް މަޖީދީ މަގުގައި ވެސް މީހުން ތިއްބެވެ. އޭގެއިތުރަށް އާޓިފިޝަލް ބީޗް ތެރޭގައި ވެސް އެހާ މީހުން ތިއްބެވެ.

އާޓިފިޝަލް ބީޗް ސަރަަހައްދުން މިއަދު މިނިވަންވި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ރައީސް ނަޝީދާ ގުޅިވަޑައިގަތެވެ. އެ ސަރަހައްދުގައި އޮތް ފޯރި ވަރަށް ބޮޑެވެ. ބީޗް ސަރަހައްދަށް ވަދެވަޑައިގެން، ރައީސް ނަޝީދު ސީދާ ސްޓޭޖަށް އަރާވަޑައިގަތެވެ. އެމަނިކުފާނު ސްޓޭޖަށް އަރާވަޑައިގެންނެވުމާއެކު އެތަނުގައި އެއްވެ ތިބި މީހުން ސްޓޭޖާ ދިމާލަށް ދުއްވައިގަތެވެ. މީހުން ތޮއްޖެހި، ނޭވާ ހާސްވާ ހިސާބަށް ދިޔަ އެވެ. އެކަމަކު ކޮންމެ މީހަކު ވެސް ބޭނުންވީ ރައީސް ނަޝީދު ވާހަކަފުޅު ދައްކާ މަންޒަރު ހަމަ ލޮލުން ދުށުމަށެވެ. އެ މަންޒަރު ފޯނަށް ނެގުމަށެވެ.

ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަން ފެއްޓުމާއެކު ތަރުހީބު ބޮޑުވި އެވެ. ބައެއް މީހުން ރޯން ވެސް ފެށި އެވެ. ރައީސް ނަޝީދު ވާހަކަފުޅު ނިމެންދެން ހުއްޓުމެއް ނެތި އެތައް ބަޔަކު އެ ސަރަހައްދު ރޮމުންދިޔަ މަންޒަރު ފެނުނެވެ. އަނެއް ބަޔެއްގެ މޫނު މަތިން އަދާޔާ ހިލާފު އުފާވެރިކަމެއްގެ ހިނިތުންވުން ފެނެ އެވެ.

"އެއީ އަފިރިންގެ ރައީސް، ރައީސް މީހާ،" އުފަލުން ރޮވިފައިހުރި މީހަކަށް ބުނެވުނީ އެވަރަށެވެ.

ރައީސް ނަޝީދު ސްޓޭޖް މަތީ ހުންނެވިއިރު "ލަވްޔޫ އަންނި އަންނި އަންނި" ގޮވަމުން ވެސް ދިޔަ އެވެ. އެތަނުގެ އެ އޮތް އުފާވެރިކަމުގެ މާހައުލަކީ ކޮންމެ މީހަކު ވެސް ހީބިނަގައިގެންދާފަދަ މާހައުލެކެވެ. މިނިވަން ކަމުގެ އިހްސާސް ވަރަށް ގާތުން ކުރެވުނެވެ. ރައީސް ނަޝީދު ވެސް ވިދާޅުވީ ހުދުމުހުތާރު ވެރިކަން ނިމިއްޖެ ކަމަށާއި ދެން ދިވެހިން އެފަދަ
ވެރިކަމަކަށް ޖާގަ ނުދޭނެ ކަމަށެވެ.