ހަބަރު

މޭޑޭ ރަޝީދުގެ އާއިލާއަށް އިމްރާން ޒިޔާރަތް ކުރައްވައިފި

ދެހާސް ފަނަރަވަނަ އަހަރުގެ މެއި އެއްވަނަ ދުވަހު ބޭއްވި މޭޑޭ މުޒާހަރާގައި ހައްޔަރުކޮށް ޖަލަށްލުމަށް ފަހު ޖަލުގައި ހާލުކޮޅު ދެރަވެގެން މަރުވި އަބްދުﷲ ރަޝީދުގެ އާއިލާއަށް އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ ޒިޔާރަތް ކުރައްވައިފި އެވެ.

މޭޑޭ މުޒާހަރާގައި ހަމަނުޖެހުން ހިންގަން ހިތްވަރު ދިން މައްސަލާގައި 12 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ޝޭހް އިމްރާން ރަޝީދުގެ އާއިލާއަށް ކުރެއްވި ޒިޔާރާތަކީ އިއްޔެ ސުޕްރީމް ކޯޓުން އެމަނިކުފާނު ދޫކޮށްލުމާއެކު އާއިލާއަކަށް ކުރެއްވި އެންމެ ފުރަތަމަ ޒިޔާރާތެވެ. އެގޮތުން ރަޝީދުގެ އައިލާގެ މެންބަރުންނާ ބައްދަލުކޮށް ވާހަކަދެއްކެވި އެވެ. އެ ޒިޔާރާތުގައި އިމްރާންގެ އަނބިކަނބަލުން ވެސް ބައިވެރިވި އެވެ.

މޭޑޭގެ މުޒާހަރާއާ ގުޅިގެން 25 ޖުލައި 2016 ގައި އަބްދުﷲ ރަޝީދަށް ހުކުމް ކޮށްފައިވަނީ ފަސް އަހަރުގެ މުއްދަތަށް ޖަލަށްލުމަށެވެ. ނަމަވެސް ރަޝީދު މަރުވި މައްސަލާގައި ގިނަ ތުހުމަތުތަކެއް ދަނީ ކަރެކްޝަނަލް ސާވިސްއަށް ކުރަމުންނެވެ. އާއިލާއިން ވެސް ވަނީ އަބްދުﷲ ރަޝީދުގެ ބޭސް ފަރުވާއަށް އިހުމާލުވެފައިވާ ކަމަށް ބުނެފަ އެވެ. އަދި، އަބްދުﷲ ރަޝީދާއެކު ޖަލުގައި ހުރި އެހެން ގައިދީއަކު ވެސް ވަނީ މެސެޖެއް އާންމުކޮށް އަބްދުﷲ ރަޝީދާމެދު
އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށްފި އެވެ.

އިދިކޮޅު ޕާޓީތަކުން ވެސް ވަނީ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާފަ އެވެ.