މޭޑޭ

މޭޑޭގެ ސުވާލު އޮތީ އިމްރާނަށް

ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު އޭރުގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމުގައި ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅުވައި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކާމެދު ލަދުވެތި ނުވޭތޯ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް، އިމްރާން އަބްދުﷲ އާ ސުވާލު ކުރައްވައިފި އެވެ.

މޭޑޭއާ ގުޅޭގޮތުން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމުގެ ބާރުތައް އިމްރާނާއި އެމަނިކުފާނުގެ ބައިވެރިން ހޯއްދެވީ ޝަހީދު ޑރ. އަފްރާޝީމް އަލީ އާއި ރިލްވާނާއި ޔާމީން ރަޝީދު ފަދައިން އަނިޔާވެރިކޮށް ގަތުލުކޮށްލެވުނު މީހުންގެ ލެއިން އުނގު ވިޔަފާރި ކުރައްވައިގެން ކަމަށެވެ. އަދި އެކަމުގެ ހަނދާން މިއަދު ނެތް ކަމަށް ވިދާޅުވިއެވެ.

"ޝައިހް އިމްރާން އަބްދުﷲ، ލަދެއް ނުގަނޭތޯ،" އުޝާމްގެ ޓްވީޓްގައި ސުވާލު ކުރައްވާފައިވެއެވެ.

މޭޑޭގައި އިމްރާން ދެއްކެވި ބައެއް ވާހަކަތައް

އެ ދުވަހުގެ އިމްރާން ވިދާޅުވި ގޮތުގައި މެންބަރު އަފްރާޝީމްގެ ގާތިލުން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަ ވާނީ ރައީސް ޔާމީނާއި އަދީބަށެވެ. އެއީ އާ ވާހަކައެއް ވެސް ނޫނެވެ. އަފްރަޝީމްގެ ގާތިލް ކަމަށް ޝަރީއަތުން ނިންމި ހުމާމް ވެސް ދެއްކެވި ވާހަކައެކެވެ. ހަމަ އެ ތަގުރީރުގައި ހުމާމް އެ ވާހަަކަތައް ދެއްކެވި ކަމަށްވެސް އިމްރާން ވިދާޅުވެފައި އޮވެއެވެ. އަދި ރައީސް ޔާމީނާއި އަދީބަކީ ގައުމުގައި ތިބި އެންމެ ބޮޑު ދެ އަނިޔާވެރިން ކަމަށް ވެސް ވިދާޅުވެ އެވެ.

"ހުމާމު ބުނީ ތެދެއް! ހުމާމު ބުނީ ތެދެއް! ހުމާމު ބުނީ ޑޮކްޓަރު އަފްރަޝީމް ޝަހީދު ކުރި މީހުން އެންމެ ރަނގަޅަށް އެނގޭނީ ރައީސް ޔާމީނާއި އަހުމަދު އަދީބާ ދެ މީހުންނަށޭ. އެ ދެ މީހުންނަށް އެނގޭނެ! އާދެ މި ގައުމުގައި ތިބި އެންމެ ބޮޑު ދެ އަނިޔާވެރިން އެ ދެ މީހުންނަކީ! އަޅުގަނޑުމެން އެއްވެ މި ތިބީ މި އަނިޔާވެރިކަމާއި ދެކޮޅަށް!"

އިމްރާން ވަނީ އަފްރާޝީމްގެ މައްސަލަ ތަހުގީގު ކޮށް އިންސާފު ހޯދުމަށް އިހުލާސްތެރިކަމާއެކު އެއްވެސް ކަމެއް ރައީސް ޔާމީން ނުކުރައްވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އަފްރަޝީމްގެ މައްސަލައާ ގުޅުންހުރި ހަތް މަރެއް ހިނގި ކަމަށް "އޮން ރިކޯޑް" ގައި ވިދާޅުވި އެވެ.

"އާދެ، ޑރ. އަފްރަޝީމާއި ގުޅިގެން ގާތްގަނޑަކަށް ޑރ. އަފްރަޝީމާއި ގުޅިގެން ހަތް މީހުން، ހަތް މީހުން އަނިޔާވެރި ކަމާއެކު މަރާލާފައި މި ބިންމައްޗަށް ވެއްޓުނީ! ކޮބައިތޯ ޔާމީނަށް އެނގޭ ހަގީގަތް؟ ޔާމީން އަމިއްލަ ދުލުން އެތައް ފަަހަރަކު ހުމާމުގެ މައްޗަށް ހުކުމްކުރި ދުވަހު، ޔާމީން އަމިއްލަ ދުލުން ވިދާޅުވީ ހުމާމްގެ މައްޗަށް މަރުގެ ހުކުމް ކުރެވުނީމާ ހަގީގީ ގާތިލް ހޯދަން ފަސޭހަވާނޭ! މި ހުރީ އަޅުގަނޑު އަތުގައި މި ހުރީ ޑޮކިއުމަންޓްތައް އެނގޭތޯ. ހުރިހާ ޑޮކިއުމަންޓެއް އެބަހުރި އަޅުގަނޑު އަތުގައި. ދިވެހި ލޮބުވެތި ރައްޔިތުން... މިހުރީ ޑޮކިއުމަންޓްތައް. މި ހުރީ ޑޮކިއުމަންޓްތައް. މީގެ ހައްގުގައި، މީގެ ފަހަތުގައި ވަނީ ހުސައިން ވަހީދާއި އަދީބު ވަނީ. އާދެ މިކަން އަޅުގަނޑުމެން ދޫކޮށްލައިފިނަަމަ ދެން މި ގައުމަކަށް ދުވަހަކުވެސް ހަމަޖެހުމެއް ނެތް،"

ގެއްލިފައިވާ ރިލްވާންގެ މައްސަލައިގެ ހަގީގަތް ބުނެދިނުމުގައި ފުލުހުން ނުކުޅެދިފައިވާ ވާހަކަ ވެސް ދެއްކެވި އިރު ރިލްވާނަށް ވީ ގޮތް ފުލުހުންނަށް އެނގޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެ ރިޕޯޓްތައް ފުލުހުގައި ހުރެމެ އެކަންކަން ސިއްރު ކުރަނީ ކަމަށް ވިދާޅުވި އެވެ.

"އާދެ، ރިލްވާން އަދިއަދަށް ދާންދެން ވެސް ރިލްވާނަށް ވީގޮތެއް ބުނެދިނުމަކަށް ޕޮލިސް ވަނީ ނުކުޅެދިފައި. ޕޮލިސްއަށް އެނގޭ ވީ ގޮތް. ޕޮލިސްއަށް އެނގޭ ވީގޮތް! ޕޮލިހުގައި އެބަހުރި ރިޕޯޓްތައް. ޕޮލިހުގައި އެބައޮތް ތަހުގީގު! އެކަމަކު މި އަނިޔާވެރި ސަރުކާރުން އަހުމަދު އަދީބާއި ހުސައިން ވަހީދު ވަނީ ރިޕޯޓްތައް ހިފަހައްޓާފައި. މިކަމަކަށް މިއަދަށް ފަހު ޖާގައެއް ނުދެވޭނެ،" އިރު އޮއްސޭން ދިޔައިރު އިމްރާން ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް އެކިއެކި ހަބަރުތައް އަންނަނީ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ކޮށާލާފައި ގޯންޏަކަށް އަޅާލާފައިވީ! އަނެއް ބަޔަކު ބުނާ ގޮތުން ކަނޑު ފައްތާފައިވީ. މި ކަމުގެ ހަގީގަތް ޕޮލިހުން އެބަޖެހޭ ހާމަކޮޮށް ދޭން،"

ނަމަވެސް ހޯމް މިނިސްޓަރު ކަމުގައި ދެ އަހަރަށްވުރެ ގިނަަ ދުވަސްވެގެން ދިޔައިރު މޭޑޭގައި އިމްރާން ދެއްކެވި އެއްވެސް ވާހަކަފުޅެއްގެ ހަގީގަތާއި ހަމައަށް ވާސިލްވެވިފައެއް ނުވެއެވެ. އަދި އެއިން ވާހަކައެއްގެ ހަގީގަތް ހާމަކޮށްދޭން އެއްވެސް މަސައްކަތެއް ކޮށްފައެއްވެސް ނުވެއެވެ. ބޮޑެެތި ތުހުމަތުތައް ކުރައްވާ ހެކި ހުރި ކަމަށް ވިދާޅުވިއިރު އެއިން ބޭފުޅަކާ ސުވާލެެއްވެސް ކޮށްލައްވާފައެއް ނުވެއެވެ.