ހަބަރު

މޫސުން ގޯސްވެ ނަޝީދުގެ އައްޑޫ ދަތުރުފުޅު ފަސްކޮށްފި

މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި އައްޑޫ ސިޓީއަށް ބޯކޮށް ވާރޭ ވެހެމުންދާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ސިޓީއަށް މާދަމާ ކުރުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ފަސް ކުރައްވައިފި އެވެ.

ގާތްގަނޑަކަށް ތިން އަހަރު ދުވަސް އިނގިރޭސިވިލަތުގެ ސިޔާސީ ހިމާޔަތުގައި ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުމަށް ފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަތީ އިއްޔެ އެވެ. ކުރިން ރާވާފައި ވަނީ މާދަމާ އައްޑޫ ސިޓީއަށް ވަޑައިގަތް އެ ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށެވެ.

ނަމަަވެސް އެމްޑީޕީގެ އޮފިޝަލަކު "އަވަސް" ކަށަވަރުކޮށްދިން ގޮތުގައި އައްޑޫއަށް މިހާރު ކުރަމުންދާ ވިއްސާރައާ ހެދި މާދަމާ ކުރަން އޮތް ދަތުރު އަންނަ ހުކުރަށް ވަަނީ ފަސްކޮށްފަ އެވެ. ރައީސް ނަޝީދު ވަޑައިގަތުމަށް އައްޑޫގައި ވަނީ ތައްޔާރީތައް ވެސް ވެފަ އެވެ.

ނަމަވެސް އައްޑޫއަށް މިއަދު ބޯކޮށް ވާރޭވެހުމާއެކު އެ ސިޓީގެ ބައެއް އަވަށްތަކުގައި ވަނީ ފެންބަޮޑުވެފަ އެވެ. އަދި ބައެއް ގޭގެއަށް ފެން ވަދެ ތަކެއްޗަށް ވެސް ގެއްލުންވެފަ އެވެ. ސިފައިންނާއި ފުލުހުން އަދިވެސް އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމާ ގުޅިގެން މިހާރު ވެސް މާލާގައި އުފާ ފާޅު ކުރުމުގެ ހަރަކާތްތައް ކުރިޔަށް އެބަދެ އެވެ. ރައީސް ނަޝީދަކީ ޓެރަރިޒްމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ބޭފުޅެކެވެ. ނަމަވެސް އެ ހުކުމް އަލުން ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުމާއެކު އެ ކޯޓުން ވަނީ ހުކުމް ތަންފީޒު ކުރުން ފަސް ކުރަން އަމުރުކޮށްފަ އެވެ.