ހަބަރު

ސަމާލުކަމެއް ނެތި ނަސްރުންގެ ދުވަހު ހަރަކާތްތައް ކުރިއަށް!

ނަސްރުންގެ ދުވަހުގެ ހަރަކާތްތައް މުޅި ދުވަހަށް ތާވަލުކޮށް، މުނާސަބާ ފާހަގަކުރުމުގެ ހަރަކާތްތައް ދިވެހި ސިފައިން ފަށައިފި އެވެ. އެހެން ނަމަވެސް އެ ހަރަކާތްތަކަށް މިފަހަކަށް އައިސް އާންމުގެ ތަރުހީބު ކުޑަ އެވެ.

ދިވެހިންގެ ބަޔަކާއެކު ރާއްޖޭގެ ވެރިކަން ބަދަލު ކުރުމަށް ނޮވެމްބަރު 3، 1988 ގައި ސްރީލަންކާގެ ހަނގުރާމަވެރި ޖަމާއަތެއް ރާއްޖެ އަރައި ދިން އުދުވާނީ ހަމަލާގައި ދިވެހިންނަށް ލިބުނު ނަސްރު ފާހަގަކޮށް ކޮންމެ އަހަރަކު ފާހަގަ ކުރާ ނަސްރުގެ ދުވަހަށް މި އަހަރުވެސް ސިފައިން މަރުހަބާކީ ފަތިސް ނަމާދުގެ އަޅުކަމާ އެކު އެވެ. އެއަށްފަހު ޝަހީދުންގެ ބިނާ ހުންނަ ސަރަހައްދުގައި ހާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވެސް ވަނީ ބާއްވާފަ އެވެ.

ސިފައިން ބުނީ ނަސްރުންގެ ދުވަހުގެ ހަރަކާތްތަކަށް މި އަހަރުވެސް ފަނޑުކަމެއް ނާންނާނެ ކަމަށެވެ. އެގޮތުން ދުވަހާ ގުޅުވައިގެން ކުރިއަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ސިފައިންގެ ހެވިކަން ދައްކާލާ މިއުޒިކަލް ޑްރިލް އެއް މިއަދު ހަވީރު ބާއްވަން ވަނީ ނިންމާފަ އެވެ. ޖުމްހޫރީ މައިދާނުގައި ބާއްވާ މި ޑްރިލް ފަށާނީ ހަވީރު 4:30 ގަ އެވެ.

މިއަދު ފާހަގަކުރާ ނަސްރުންގެ ދުވަހުގެ އެންމެ ހާއްސަ ހަރަކާތަކަށް އޮންނާނީ މިރޭ 8:30 ގައި ކަޅުތުއްކަލާގައި ބާއްވަން ހަމަޖެހިފައިވާ ދުވަހުގެ ހާއްސަ ޖަލްސާއެވެ.

ނޮވެމްބަރު 3، 1988 އަކީ މި ފަހުގެ ތާރީހެއްގައި ދިވެހިން ދުއް އެންމެ ބިރުވެރި އެއް ދުވަހެވެ. ލަންކާގެ ކުލީ ސިފައިންތަކަކާ ގުޅިގެން ދިވެހީންގެ ޚާއިނުންގެ ބަޔަކު މާލެއަށް ހަމަލާދިނީ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.

އެދުވަހުގެ ހަމަލާގައި 19 ދިވެހިން ޝަހީދުވިޔަސް ބާޣީންނަށް ވީ ނާކާމިޔާބެވެ. އެކަމަކު ދިވެހިންގެ މި މިނަވަން އަތުން ބީވެގެން ނުދިޔައީ ހަމަ ކިރިޔަކިރިޔާ އެވެ. ދިވެހިންނަށް އެކަން ކަށަވަރު ކުރެވުނީ އަވަށްޓެރި އިންޑިއާއިން ވެސް މަދަދު ކޮށްގެން އެވެ.

އެބިރުވެރި ދުވަހުން މިންޖުވެވުމުގެ ރަމްޒެއްގެ ގޮތުން ރައީސް މައުމޫނު އަބުދުލް ގައްޔޫމު ނިންމެވީ "ރާއްޖޭގެ ނަސްރުގެ ދުވަހުގެ" ގޮތުގައި ކޮންމެ އަހަރަކުވެސް އެދުވަސް ފާހަގަކުރުމަށެވެ. އޭގެ ފަހުން ފާއިތުވި 29 އަހަރުވެސް އެދުވަސް އައީ ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރަމުންނެވެ. އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޮޑު ރަސްމިއްޔާތެއް ބާއްވައި އެ ރަސްމިއްޔާތުގައި އޭރަކު ހުންނެވި ވެރިއަކު ތަގުރީރު ކުރައްވަ އެވެ. ގައުމަށް މުހިންމު މެސެޖްތަކެއް ދޫކުރައްވަ އެވެ.