ހަބަރު

"ޖަޒީރާ ހޮޅުއަށި" ފޯރަމަކާއެކު އިބޫ ރައްޔިތުންނާ ގާތަށް

"ޖަޒީރާ ހޮޅުއަށި" ނަމުގައި ރައްޔިތުންނާއި މަޝްވަރާ ކުރުމަށް އިންތިހާބީ ރައީިސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ފޯރަމެއް ފަށަން ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ، "ޖަޒީރާ ހޮޅުއަށި" ނަމުގައި ރައްޔިތުންނާއެކު މަޝްވަރާ ކުރުމަށް އިބޫގެ އިސްނެގުމުގެ މަތިން އަންނަ ހޯމަ ދުވަހު ފޯރަމެއް ބާއްވަން ނިންްމާފައިވާ ކަމަށެވެ. އެބައްދަލުވުން އޮންނާނީ ދަރުބާރުގޭގައި ކަމަށާއި ބައްދަލުވުން ފަށާނީ ހޯމަ ދުވަހުގެ ރޭ 8:30ގައި ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

އިބޫ ކުރެއްވި ޓްވީޓު

މާރިޔާ ވިދާޅުވީ، މި ބައްދަލުވުމަށް އެއްވެސް މީހަކަށް ވަކިން ދައުވަތު ނުދޭނެ ކަަމަށާއި ބައްދަލުވުން ކުރިއަށްދާނީ އާންމުންނަށް ހުޅުވާލައިގެން ކަމަށެވެ. ބޭނުންވާ ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެ ކަމަށާއި ފުރަތަމަ ބައްދަލުވުމުގައި މަޝްވަރާ ކުރުން އޮތީ މާލޭގެ މަގުތަކާއި ގުޅޭގޮތުން ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރަކީ އަބަދުވެސް ރައްޔިތުންނާއި ވާހަކަ ދައްކައި ރައްޔިތުންގެ އަޑު އަހައިގެން މަޝްވަރާ ކޮށްގެން ރައްޔިތުންގެ ކަންކަން ނިންމަމުންދާ ބައެއް، އެހެންވީމަ އެގޮތުން އަޅުގަނޑުމެންގެ ކަންކަން ކުރާނީ ހަމަ ކުރިއެކޭވެސް އެއްގޮތަށް ރައްޔިތުންނާއި ވާހަކަ ދައްކައިގެން ރައްޔިތުންގެ އަޑު އަހާފަ އަޅުގަނޑުމެންގެ ސްޓްރެޓެޖިކް ޕްލޭންސްތަކާއި ހުރިހާ އެއްޗެއް އިތުރަށް ޕޮލިސީތަކުގެ ތެރެއިން ފުޅާ ކުރަމުންދާނީ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، މާލެ ފިޔަވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް އެ ފޯރަމް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.