ހަބަރު

ޖަލުން ލިބުނީ ގެއްލުމެއް ނޫން، ދަސްވީ ފިލާވަޅުތަކެއް: އިމްރާން

ރާއްޖޭގެ ސިޔާސީ މައިދާނުގައި މަސައްކަތްކުރާ މީހަކަށް އެނގެންޖެހޭ އެތަކެއް ބައިވަރު ފިލާވަޅުތަކެއް ޖަލުގައި ހުރި މުއްދަތުގެ ތެރޭގައި ދަސްވި ކަމަށާއި އެހެންކަމުން ޖަލުގެ ދުވަސްތަކުގައި ވި ގެއްލުމަށްވުރެ ލިބުނު ފައިދާތައް ގިނަކަމަށް، ޓެރަރިޒަމްގެ ކުށުގައި ތިން އަހަރާއި ބައި ޖަލުގައި ހޭދަކުރެއްވުމަށްފަހު މިނިވަންވެވަޑައިގަތް އަދާލަތު ޕާޓީގެ ރައީސް
އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރޭ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމަށް އަރާ ވަޑައިގެން ފުރަތަމަ ފަހަރަށް، ޖަލުގެ ތަޖުރިބާ ހިއްސާކުރައްވަމުން އިމްރާން ވިދާޅުވީ، ފާއިތުވި ތިން އަހަރު ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި ރާއްޖޭގެ ހަގީގީ ހާލަތު ފެނި ވަރަށް ބޮޑަށް ލޯހުޅުވިއްޖެ ކަމަށެވެ. ޖަލުގެ ތޭރިތަކުގެ ތެރޭގައި ކިޔަވައިގެން ތިބި، ޖާނު ހުރި އެތަކެއް ސަތޭކަ ޒުވާނުންތަކެއް ވަރަށް ނިކަމެތި ހާލުގައި ދިރިއުޅެމުންދާތަން ފެނިއްޖެ ކަމަށާއި އެ މަންޒަރުތަކުން ހިތަށް ވަރަށް ފުން އަސަރުތަކެއް ކުރުވި ކަމަށެވެ. އަދި ރާއްޖެ ގޮސްފައި އޮތް ހާލަތު ހިތަށް ތަސައްވަރުކުރެވުނު ކަމަށާއި އޭގެ ސަބަބުން މުހިއްމު ފިލާވަޅުތަކެއް ދަސްވެ، ހިތުގައި އަޒުމްތަކެއް ކަނޑައެޅީގެންދިޔަ ކަމަށް އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ހާލަތު ބަދަލުކުރެވެން އޮތީ ޖަލުގެ ހާލަތު ބަދަލުކޮށްގެން ކަމަށެވެ. ޖަލަށް ވަންނަ ޒުވާނުންނާއި ކުދި ކުށްތަކުގައި ތިބި ޒުވާނުންނަށް ޖަލަކީ އިސްލާހީ ހެޔޮ ބަދަލު ގެންނަން ލިބޭ ފުރުސަތަކަށް ހެދުމުގެ ބޭނުންތެރިކަން ވަރަށް ބޮޑު ކަމަށެވެ. އެހެން ނަމަވެސް ޖަލުގެ ހާލަތު މިހާރު އޮތް ގޮތުން އެ ފުރުސަތު ގައިދީންނަށް ނެތް ކަމަށާއި ޖަލުގެ ތެރޭގައި މިހާރު އޮތީ އިތުރު އަނދިރި ކަމާއި ކުށްތަކުގެ ތެރެއަށް އެތަނަށް ވައްދާ ގައިދީން ވައްޓާލާފަދަ ވެއްޓެއް ކަމަށް އިމްރާން ވިދާޅުވި އެވެ. ރާއްޖޭގެ ހާލަތު ބަދަލުކުރަން ބޭނުންވާނަމަ ޖަލުގެ ހާލަތު ބަދަލުކުރަން ވެއްޖެ ކަމަށް އިމްރާން ތަކުރާރުކޮސް ވިދާޅުވި އެވެ. ގައިދީންނާ މެދު ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައިވާކަން ވެސް އިމްރާން ފާހަގަކުރެއްވި އެވެ.

"އެންމެ ހިތާމަކުރާ އެއް މަންޒަރަކީ، ވަރަށް ކުޑަކުޑަ ވަރަށް އާދައިގެ ކުށެއްގައި ޖަލަށް ލާ މީހަކު އެތަނުގެ ތެރޭގައި އެ ހާލަތު ހުރި ގޮތުން ޖަލުން ނިކުންނަ އިރުގައި، ނުވަތަ ޖަލުގެ ތެރޭގައި ހުރެގެން އޭނައަކީ ވަރަށް އާދަޔާ ހިލާފު ބޮޑު ކުއްވެރިއަކަށް ބަދަލުވުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބަ އޮތް. ޖަލަށް ލަނީ އިސްލާހުކުރުމުގެ ގޮތުން. އޭނަ އެ ހުރި ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ބަދަލުކުރުވަން. އެހެންވީމަ އަޅުގަނޑު ހިތާމަކުރަންޖެހެނީ ޖަލަށް ވަންނަ މީހާ އެ ހުރި ހާލަތަށްވުރެ ދަށް ހާލަތަކަށް ދާތީ،" އިމްރާން ވިދާޅުވި އެވެ.

ޖަލުގެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވަނީ ގާނޫނު ރަނގަޅަށް ތަންފީޒު ނުކުރެވޭތީކަން އިމްރާން ފާހަގަކުރެއްވި އެވެ. ފަހުން ހެދިފައި އޮތް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ވަރަށް ރަނގަޅު ކަންތައްތަކެއް އެބަހުރި ކަމަށާއި އެހެން ނަމަވެސް ޖަލުގައި ކަންތައްތައް ހިނގަމުންދަނީ އެ ގާނޫނުގައި ހިމެނޭ ކަންތައްތަކާ ދިމާ އިނދިކޮޅަށް ކަމަށް ވިދާޅުވި އެވެ. އެ ގާނޫނުން ގައިދީންނަށް ލިބިދީފައިވާ ވަރަށް ގިނަ ހައްގުތަކެއް ނިގުޅައިގަނެވިފައިވާކަން ފާހަގަކުރެވޭ ކަމަށާއި އެހެން ކަމުން އިސްލާހަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ތެރޭގައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނު ފުރިހަމައަށް ތަންފީޒުކުރާނެ ނިޒާމެއް ގާއިމްކުރުން ކަމަށް ވިދާޅުވި އެވެ.

އަދި ޖަލުތަކުގެ ފެންވަރު، ގާނޫނުތަކާއި ދުނިޔޭގެ މިންގަނޑުތަކަށް ފެތޭ ފެންވަރަށް ގެނެސް، ޖަލުގައި ގަވާއިދުތަކާ ހިލާފަށް ކަންކަން ކުރާ ފަރާތްތައް ޖަވާބުދާރީކޮށް ފިޔަވަޅު އަޅާނެ ނިޒާމެއް ވެސް ގާއިމްކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ. މި ކަންކަން އިބޫގެ ސަރުކާރުން ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"މީހުން ރަނގަޅުކުރަން ބޭނުން ނަމަ ޖަލަކީ އެންމެ ފަހި ފުރުސަތު. އެއީ ޖަލަށް ލާހިސާބުން މީހާ ހުންނާނީ ނަފްސާނީ ގޮތުން ވެސް ހެޔޮ ކަންތައްތައް ބަލައިގަންނަން ތައްޔާރުވެފަ. އެހެންކަމުން މިއީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރުން ކޮންމެހެންވެސް ކުރަންވާނެ ކަމެއް،" އިމްރާން ވިދާޅުވި އެވެ.