ގައުމީ ފުޓްބޯޅް ޓީމް

ކުޅުންތެރިން ހިތްވަރުގަދަ، ވަގުތު ލިބުނުނަމަ ނަތީޖާ ނެރެވުނީސް

އިއްޔެ މެލޭޝިއާ އާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި، ދިވެހި ކުޅުންތެރިން ވަރަށް ބޮޑަށް ހިތްވަރު ކުރި ކަމަށާއި ތައްޔާރުވާން އިތުރު ދުވަސް ލިބުނުނަމަ މެލޭޝިއާ އާ ދެކޮޅަށް ނަތީޖާ ނެރެވުނީސް ކަމަށް ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފި އެވެ.

އިއްޔެ މެލޭޝިއާ އަތުން ރާއްޖެ ބަލިވީ 3-0 އިންނެވެ. ޝެގަޓް ބުނީ، މެޗުން ރާއްޖެ ބަލިވި ނަމަވެސް ރަނގަޅު ފުޓްބޯޅައެއް ދިވެހި ޓީމުން ކުޅުނު ކަމަށެވެ. އަދި ފުރަތަމަ ލަނޑު ވަން ނަމަވެސް ރާއްޖޭގެ ކުޅުންތެރިން ހިތްވަރަށް ބަދަލެއް ނައިސް މަސައްކަތް ކުރިކަން ޝެގަޓް ފާހަގަ ކުރި އެވެ.

"އަހަންނަށް ދީ އިތުރު ޓްރެއިނިން އެއް އަހަރެމެން މި ޓީމާ ދެކޮޅަށް ނަތީޖާ ނެރޭނަން،" އިއްޔެގެ މެޗަށް ފަހު މެލޭޝިއާގެ މީޑިއާ ތަކާ ވާހަކަ ދައްކަމުން ޝެގަޓް ބުންޏެވެ. "ޓީމުގެ ފައިނަލް ޓްރެއިނިނިންގައި އަހަރެމެންނަށް ލިބުނީ 40 މިނެޓް، އަހަރެމެން ގޮވައިގެން އައި ބަސް ސްޓޭޑިއަމް ވަށައިގެން ދުއްވީ ވަންނާނެ ދޮރެއް ނޭނގިގެން، އެހެންވެ އަހަރެމެންނަށް އޮތް ވަގުތުގެ ތެރެއިން ގިނަ ވަގުތުތަކެއް ގެއްލުނު."

ގައުމީ ޓީމު ޖޯޒީގައި، އިއްޔެ ވަނީ ތިން ކުޅުންތެރިޔަކު ފުރަތަމަ ފަހަރަށް ކުޅެފަ އެވެ. އެއީ ދެ ގޯލްކީޕަރުން ކަމަށްވާ، ހުސައިން ޝަރީފު އާއި ތޮލާލް ހަސަން 'ޓޮޕްލެކް' ގެ އިތުރުން ޒުވާން ފޯވަޑް މުހައްމަދު ނާއީމް އެވެ. އިއްޔެގެ މެޗުގައި، ފުރަތަމަ 11 ގައި ގޯލް ބަލަހައްޓާފައި ވަނީ، ހުސައިން އެވެ.

ޝެގަޓް ވަނީ، ހުސައިން ދެއްކި ކުޅުމަށް ތައުރީފު ކޮށްފަ އެވެ. އިއްޔެ މެޗުގައި މެލޭޝިއާއިން ޖެހި ދެ ވަނަ ގޯލް ކާމިޔާބު ކުރީ، އޭނާ އަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައިގެންނެވެ.

"އެއީ އަދި ވަރަށް ޒުވާން ކުޅުންތެރިޔެއް، އޭނާ އަށް މިސްޓޭކު ހެދޭނެ އަހަރެން އެކަމުގެ ޒިންމާ ނަގަން،" ހުސައިންއަށް ތައުރީފު ކުރަމުން ޝެގަޓް ވާހަކަ ދެއްކި އެވެ. "އެކަމަކު އެއީ ކުރިމަގު އޮތް ކީޕަރެއް، މެޗުގައި އޭނާ އެކަން ސާބިތުކޮށްދީފި."

ރާއްޖޭގެ ކޯޗުންނަށް ފުރުސަތު ދީގެން އެ ކޯޗުން ތަމްރީން ކުރުމަށް އެފްއޭއުން އޭނާގެ ކިބައިން އެދިފައިވާ ކަމަށާއި އެހެންވެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އަހްމަދު ޝާކިރުއަށް އިތުރު ޒިންމާ މަތިކޮށްގެން މަސައްކަތް ކުރާނެ ކަމަށް ޝެގަޓް ބުންޏެވެ.

އިއްޔެގެ މެޗުގެ ކުރީ ކޮޅު ޝާކިރުވެސް ވަނީ ޓަޗުލައިން ކައިރިއަށް ނިކުމެ ޓީމަށް އިރުޝާދު ދީފަ އެވެ.