ޕީޕީއެމް

65 އަހަރުވުމުން ރައީސް ކަމަށް ކުރިމަތިނުލެވޭ ގޮތަށް އޮތް އޮތުން އުވާލަން ހުށަހަޅަނީ

އުމުރުން 65 އަހަރުވުމުން ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު އުވާލަން ހުށަހަޅަން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ނިންމަވައިފި އެވެ.

އެ ނިންމުމާ ގުޅޭ ގޮތުން އަވަސްއަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރުގެ މަގާމު ވެސް އަދާ ކުރައްވާ ފަލާހު ވިދާޅުވީ އެ އިސްލާހު ހުށަހަޅަން ނިންމެވީ އެހެން ގައުމުތަކުގައި ވެސް ވެރިކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރެއް ނެތުމުން އެއީ ރާއްޖޭގައި ވެސް އޮންނަން ޖެހޭ ކަމެއް ކަމަށް ގަބޫލު ނުކުރައްވާތީ ކަމަށެވެ.

"އެއްވެސް މީހަކަށް ރައިސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިނުލެވޭ ގޮތަށް އޮންނަން ޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރަން، އެހެންވެ އެ އިސްލާހު އުވާލަން ހުށަހަޅަނީ،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވި ގޮތުގައި ގާނޫނު އަސާސީއަށް އެ އިސްލާހު ގެނައުމަށް މި ހަފުތާގެ ތެރޭގައި އޭނާ ހުށަހަޅާނެ އެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެނެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ތާއިދާއެކު އެވެ.

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރީ 2015 ވަނަ އަހަރުގެ ތެރޭގައި ޕީޕީއެމްގެ މެންބަރުންނާއި ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީގެ ބައެއް މެންބަރުންގެ ތާއިދާއެކު އެވެ.

އެ އިސްލާހު ގާނޫނު އަސާސީއަށް ގެނައުމުން އޭރު ވެރިކަމަށް ކުރިމަތިލުމުގެ ޝައުގު ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ފުރުސަތު ގެއްލުނެވެ. އެ އިސްލާހު ގާނޫނު އަސާސީއަށް ނުގެނެވޭނެ ކަމަށް އޭރު ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވަމުން ދިޔަ އެވެ.

ޕީޕީއެމްގެ ބައެއް މެންބަރުން މިހާރު ގެންދަވަނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ބޮޑެތި ފާޑުކިޔުންތައް އަމާޒުވި ބިލްތަކާއި އިސްލާހުތައް އުވާލަން ހުށަހަޅަމުންނެވެ. އެގޮތުން ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވަނީ އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ހުށަހަޅާފަ އެވެ. އެކަން ވަނީ މަޖިލީހުން ފާސް ވެސް ކޮށްފަ އެވެެ. އޭނާ ވަނީ މެންބަރުންގެ އިމްތިޔާޒުތަކުގެ ގާނޫނު އުވާލަން ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.