ރިޕޯޓް

އިނގިރޭސިން މުހިންމު: ޑަބްލިއުޓީއެމް މާ މުހިންމު!

Nov 4, 2018

ރާއްޖޭގެ ޓޫރިޒަމް ފެށިގެން އައިއިރު އެންމެ މުހިންމު އެއް ބާޒާރަކީ އިނގިރޭސި ވިލާތެވެ. ނަވާރަސަތޭކަ ހަތްދިހަ ދެވަނަ ވަނަ އަހަރު ދުނިޔެ މައްޗަށް ތޮށިލި އާ ޓޫރިޒަމް މަންޒިލް "ދިވެހިރާއްޖެ" ދުނިޔެ އަށް ފެނިގެން ދިއުމުގައި ވެސް މި ފެއާގެ މުހިންމު ދައުރެއް އަދާކުރެވިއޭ ބުނެވިދާނެ އެވެ. މިއީ ދިވެހި ޓޫރިޒަމް ވިއްކަން އެންމެ ގިނައިން ބައިވެރިވި ފެއާ އެވެ. މާދަމާ ފެއާ މިތަނުގައި ފަށާއިރު މިއީ ދިވެހިން ޑަބްލިއުޓީއެމްގައި ބައިވެރިވާ 34 ވަނަ އަހަރެވެ. އަދި މިއީ މި ފެއާ މެދުވެރިކޮށް ދިވެހި ޓޫރިޒަމް ވިޔަފާރިވެރިން ވަނީ ދިވެހި ބްރޭންޑު ހިފައިގެން ތޮށިގަނޑު ފަޅާލައި ދުނިޔެއަށް ނުކުމެފަ އެވެ. އެހެންވެ ފެއާ ބާއްވާ ގައުމު އިނގިރޭސިވިލާތެކޭ އެއްގޮތަށް ޑަބްލިއުޓީއެމް ފެއާގެ މުހިންމުކަން ބޮޑުވެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ އަދި ޓޫރިޒަމް ތަރައްގީ ކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރެއްވި ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް 45 އަހަރުގެ ތާރީހުގައި ޓޫރިޒަމް ތަރައްގީވުމުގައި މުޅި އިންޑަސްޓްރީ އާއި ސަރުކާރު ގުޅިގެން ޓޫރިޒަމް ފެއާތަކުގައި ބައިވެރިގެން ކުރި މަސައްކަތް ފާހަގަ ކުރެވޭ ކަމަށެވެ.

"ވަރަށް ކުޑަކޮށް އިޓަލީން މީހަކު އައިގެން ފެށި ކަމެއް މިއީ. އެކަމަކު މިހާރު ބައްލަވާ ދުނިޔެ ހައިރާންވާހާ ބޮޑަށް ރާއްޖެ މިވަނީ ކުރިއަރައިގެން ގޮސްފައި. ޓޫރިޒަމްގެ އާ ހިޔާލުތަކާއެކު ޕްރޮޑަކްޓްތައް ލިބިއްޖެ،" އަފީފު ވިދާޅުވި އެވެ.

ޑަބްލިއުޓީއެމް އަށް މާދަމާ ދިވެހިން ނުކުންނައިރު މި އަހަރުގެ ފެއާގައި ރާއްޖޭގެ 64 ކުންފުންޏަކުން ބައިވެރިވާނެ އެވެ. އަދި މި ކުންފުނިތަކުން އަންނަ ގިނަ ފަރާތްތައް މި އަހަރު ތިބޭނީ ދިވެހި ހެދުމުގަ އެވެ.

ވަރަށް ކުޑަކޮށް އިޓަލީން މީހަކު އައިގެން ފެށި ކަމެއް މިއީ. އެކަމަކު މިހާރު ބައްލަވާ ދުނިޔެ ހައިރާންވާހާ ބޮޑަށް ރާއްޖެ މިވަނީ ކުރިއަރައިގެން ގޮސްފައި. ޓޫރިޒަމްގެ އާ ހިޔާލުތަކާއެކު ޕްރޮޑަކްޓްތައް ލިބިއްޖެ
ޗަމްޕާ ހުސެއިން އަފީފު

ރާއްޖޭގެ ބްރޭންޑް ޕްރޮމޯޓް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ މޯލްޑިވްސް މާކެޓިން އެންމެ ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވެފައިވާ ގޮތުގައި އިނގިރޭސިވިލާތުގައި މި އަހަރު ބާއްވާ ފެއާއަކީ ރާއްޖެ އަށް ޕޮޒިޓިވް ފެއާއަކަށް ވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ. މި އަހަރު ވެސް 250 އެއްހާ މީހުނާއެކު އެކި ގޮތްގޮތުން ދިވެހިން ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކްސްއެލް" ކޮންވެންޝަން ސެންޓަރުގައި މާދަމާ ފަށާ ފެއާ ކާމިޔާބު ކުރުމަށްޓަކައި މުޅި އިންޑަސްޓްރީއާއެކު އެމްއެމްޕީއާރުސީ އިން ގިނަ މަސައްކަތް ތަކެއް ދަނީ ކުރަމުންވެ. މި އަހަރު ރާއްޖޭގެ ސްޓޯލްތައް ވެސް މިދިޔަ އަހަރަށް ވުރެ ބޮޑުވާނެ އެވެ. ރާއްޖޭގެ 345 ސްކެއާ މީޓަރުގެ ސްޓޭންޑެއް ވަނީ ދީފަ އެވެ. އަދި މިތަން ފަރުމާކޮށްފައިވަނީ ދިވެހި ވަންތަކަން ފެންނާނެ ގޮތަށެވެ. އަދި މިތަނުގައި ދިވެހިން ވަންތަ އެކި ޕްރޮޑަކްޓްތަކުގެ ރަހަ އަންނަ މީހުންނަށް ފެންނާނެ ގޮތަށް ހުންނާނެ އެވެ.

ގެސްޓްހައުސްވެސް އިނގިރޭސިން މުހިންމު!

ޑަބްލިއުޓީއެމް ފެއާއަކީ އާއްމު އެހެން މި ފަދަ ފެއާތަކާ ހިލާފަށް ސީދާ ވިޔަފާރިވެރިންނާ ގުޅުވައިދޭ ފެއާ އެކެވެ. އެހެންވެ، މި އަހަރު ވެސް ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ގިނަ ބައްދަލުވުން ތަކެއް ކުރިއަށް ގެންދާނެ އެވެ. ރާއްޖޭން ބައިވެރިވާ ހުރިހާ ފަރާތް ތަކެއް ވެސް މަސައްކަތް ކުރާނީ ވާދަވެރި ފަރާތްތަކުގެ މެދުގައި ތިބެ ދިވެހިންގެ ވާހަކަ އެންމެ ފުރިހަމަ އަށް ބޭރަށް ވިއްކުމަށެވެ. މިގޮތުން ރާއްޖޭގެ 130 އަށްވުރެ ގިނަ ރިސޯޓާއި 500 އަށް ވުރެ ގިނަ ގެސްޓްހައުސް ސެގްމަންޓުގެ މުހިންމު ވާހަކަ ތަކެއް ފެއާގެ ބައިވެރިވާ ހަމަ އަށް ގެނެސްދޭނެ އެވެ.

މި އަހަރުގެ ފެއާގައި ގިނަ ގެސްޓްހައުސްތަކެއް ޕްރޮމޯޓް ކުރުމަށް ބައިވެރިވާ މޯލްޑިވްސް ގެޓަވޭސް ކުންފުނީގެ ސީއޯއޯ ޑރ. ހުސެއިން ސަނީ ވިދާޅުވީ މި ފެއާއަކީ ގެސްޓްހައުސް މާކެޓަށް ބަލާއިރު ވެސް އެންމެ މުހިންމު އެއް ފެއާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ރާއްޖޭގެ ގެސްޓްހައުސްތަކުގެ 90 ޕަސެންޓް ހިފައިގެން. ގެސްޓްހައުސް މެގަޒިންގައި އެބަހުރި ގިނަ ގެސްޓްހައުސްތަކެއް. އެ ހުރިހާ ތަންތަން މިފެއާގައި އިޝްތިހާރު ކުރެވިގެންދާނެ. ފެއާއަކީ ރާއްޖެއަށް އެންމެ މުހިންމު އެއް މާކެޓު. ގެސްޓްހައުސްއަށް ބަލާއިރު މިހާރު ބުނެވިދާނެ ވަކިގައުމެއް ނެތޭ ހުރިހާ ގައުމަކުންވެސް މީހުން އެބައާދެ. އެހެންވެ ފެއާ މުހިންމު ވަނީ،" ސަނީ ވިދާޅުވި އެވެ.

އެންމެ ރިޕީޓާސް ގިނަ ގައުމު

ޑަބްލިއުޓީއެމް އޮންނަ ލަންޑަންއަކީ ޔޫރަޕުގެ ވިޔަފާރީގެ އެއް މަންޒިލެވެ. އަދި ހާއްސަކޮށް ޑަބްލިއުޓީއެމްގައި ދިގު ތާރީހެއް އޮތުމުން ފެއާއަށް ހާއްސަކޮށް ގިނަ ގައުމުތަކުން މީހުން މިތަނަށް އާދެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން 83،311 މީހުން ވަނީ ރާއްޖެ ގޮސްފަ އެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 75،506 މީހުންނާ އަޅާ ބަލާއިރު 10.3 ޕަސެންޓް އިތުރު ވުމެކެވެ. އަދި އެ ގައުމުން އެކަނި ރާއްޖޭގެ ޓޫރިޒަމްގައި ހަތް ޕަސެންޓް ހިއްސާ ކުރި އެވެ. މިއީ އެއް ގައުމަކަށް ބަލާއިރު އެންމެ މަތީ އަދަދެކެވެ. ހިސާބުތަކުގެ އިތުރުން އެ ގައުމަކީ ރާއްޖެއަށް އެންމެ ގިނައިން "ރިޕީޓާސް" ގެ ގޮތުގައި މީހުން އަންނަ އެއް ގައުމެވެ.

ރާއްޖޭގެ އެންމެ ގިނަ ރިސޯޓުތައް ހިންގާ ޔުނިވާސަލްގެ އެއް ރިސޯޓު ކަމަށްވާ ބަރޮސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ޖިހާދު ވިދާޅުވީ އެ ރިސޯޓަށް ބަލާއިރު އެންމެ މުހިންމު އެއް ގައުމަކީ އިނގިރޭސިވިލާތް ކަމަށެވެ.

"އިނގިރޭސިވިލާތަކީ އެންމެ ގިނަ ރިޕީޓާސް އަންނަ އެއް ގައުމުން. ޑަބްލިއުޓީއެމްއަކީ ރާއްޖެއަށް ވަރަށް މުހިންމު ފެއާއެއް. ހާއްސަކޮށް ޔޫރަޕު މީހުން ގެ މެދުގައި،" ރާއްޖޭގައި އެންމެ ކުރިން ހުޅުވި އެއް ރިސޯޓު ކަމަށްވާ ބަރޮސްގެ ޖީއެމް ޖިހާދު ވިދާޅުވި އެވެ.

އިނގިރޭސިވިލާތަކީ އެންމެ ގިނަ ރިޕީޓާސް އަންނަ އެއް ގައުމުން. ޑަބްލިއުޓީއެމްއަކީ ރާއްޖެއަށް ވަރަށް މުހިންމު ފެއާއެއް. ހާއްސަކޮށް ޔޫރަޕު މީހުން ގެ މެދުގައި
އަހުމަދު ޖިހާދު | ބަރޮސް ޖީއެމް

މި މުހިންމު ކަމާއެކު ރާއްޖެ މިވަނީ ޑަބްލިއުޓީއެމްއަށް ތައްޔާރުވެފަ އެވެ. އަދި ކުރިއަށް އޮތް ހައެއްކަ ދުވަހު ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް މާކެޓަށް ރާއްޖެ ވިއްކަން ދިވެހިން މިތަނުގަ މަސައްކަތް ކުރާނެ އެވެ.