ހަބަރު

ޝަރީއަތްތަކަށް ރާއްޖެޓީވީ ނުވައްދަން ނިންމައިފި

ޝަރުއީ ދާއިރާގެ އިވެންޓްތަކަށާއި ކޯޓުތަކުގެ އަޑުއެހުންތަކަށް މީގެފަހުން ރާއްޖެޓީވީ ނުވައްދަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމީ އެ ޓީވީ ސްޓޭޝަނުން ކޯޓުތަކުގެ ހުރުމަތަށް އުނިކަން އަންނަ ފަދަ ވާހަކަތަކެއް ފަތުރާފައިވާތީ އެވެ.

ސުޕްރީމް ކޯޓުން ބުނީ، މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު ރާއްޖެ ޓީވީން ގެނެސްދީފައިވާ "ފަށާއިރު" ޕްރޮގްރާމް ހުށަހަޅައިދިން ފަރާތްތަކުން އެ ޕްރޮގްރާމްގައި، ޝަރުއީ ކޯޓުތަކާއި ފަނޑިޔާރުންގެ، އަދި ވަކިން ހާއްސަކޮށް ސުޕްރީމް ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހުރުމަތް ކެނޑޭ އަދި މުޅި ޝަރުއީ ދާއިރާގެ ކަރާމާތާއި ގަދަރަށް އުނިކަން ލިބޭ ފަދަ ކޮންޓެންޓް ގެނެސްދީފައިވާ ކަމަށެވެ.

ރާއްޖެ ޓީވީގެ އެ އަމަލަކީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދާ ހިލާފު އަމަލެއް ކަމަށް އެ ކޯޓުން ފާހަގަކުރި އެވެ. އެ މައްސަލަ ބަލައި ތަހުގީގުކޮށް މައްސަލައިގައި އިތުރު ގޮތެއް ކަނޑައަޅަންދެން، ޝަރުއީ އެއްވެސް ކޯޓެއްގެ ޝަރީއަތުގެ އަޑުއެހުންތަކާއި، ޝަރުއީ ދާއިރާއިން އިންތިޒާމްކުރާ އެއްވެސް ހަރަކާތެއް ކަވާ ކުރުމުގެ ފުރުސަތު ރާއްޖެ ޓީވީއަށް ނޯންނާނެ ކަމަށް ފަނޑިޔާރުން ނިންމަވާފައިވާ ކަމަށް ކޯޓުން ބުންޏެވެ.