ހަބަރު

އުރީދޫ ކަލާ ރަންގެ ޗެރިޓީ ޕާޓްނަރަކަށް ތެލަސީމިއާ ސޮސައިޓީ ހަމަޖައްސައިފި

މި މަހުގެ 23 ވަނަ ދުވަހު ބާއްވާ އުރީދޫ ކަލާ ރަންގެ ޗެރިޓީ ޕާޓްނާއަކަށް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ (އެމްޓީއެސް) ހަމަޖައްސައިފި އެވެ.

އުރީދޫއިން ބުނީ އެ ޕަރޓްނާޝިޕްގެ ދަށުން، 12 ނޮވެމްބަރ ވާ ހޯމަ ދުވަހު ތެލެސީމިއާ ސެންޓަރގައި ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވާނެ ކަމަށެވެ. އަދި އެ ކޭމްޕުގެ މަގުސަދަކީ، ތެލެސީމިއާ ޕޭޝަންޓުންނަށް ބޭނުންވާ ލޭ ހޯދުމުގެ އިތުރުން، އާދަކޮށް ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ޑޭޓާބޭސްއަށް އިތުރު ބައިވެރިން ހޯދައި، ތެލެސީމިއާ އާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

"ގިނަ ބޭފުޅުންގެ ތަރުޙީބާއި އެކު އުރީދޫގެ މި ކުލަގަދަ ދުވުމުގެ ފޯރިގަދަ ހަރަކާތްތައް ކުރިއަށް ދާއިރު، އަޅުގަނޑުމެންގެ ޗެރިޓީ ޕާޓްނަރުންގެ މަސައްކަތްތައް ހިއްސާކޮށް، އެބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ކަލަރ ރަންގެ ޕްލެޓްފޯމް ބޭނުންކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ހަމެއެހެންމެ، އަޅުގަނޑުމެންގެ ޗެރިޓީ ޕާޓްނާއަށް ކަލާ ރަން އިން ލިބޭ މާލީ ފައިދާއިން ބައެއް ހަދިޔާ ކުރެވިގެންދާނެ. ކުޑަ ޓީމަކާއި އެކު ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ، މިއަހަރުގެ ކަލާ ރަންގެ އޮފިޝަލް ޗެރިޓީ ޕާޓްނާއަށްވުމަކީ އަޅުގަނޑުމެން ނުހަނު ފަހުރުވެރިވާ ކަމެއް." އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

މޯލްޑިވިއަން ތެލެސީމިއާ ސޮލައިޓީ އަކީ، ޕޭޝަންޓުންގެ އާއިލާތަކުން އިސްނަގައިގެން، 1994ވަނަ އަހަރު އުފައްދާފައިވާ އެންޖީއޯ އެކެވެ. އެ ޖަމިއްޔާގެ އަމާޒަކީ، ރާއްޖޭގެ ތެލެސީމިއާ ޕޭޝަންޓުންގެ ދިރިއުޅުމުގެ ފެންވަރު ރަގަޅުކޮށް، ތެލެސީމިއާ ކޮމިއުނިޓީ އަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ، ޕޭޝަންޓުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ، ސިއްހީ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް. މި ޚިދުމަތުގައި އަޅުގަނޑުމެންނަށް ދެމިތިބެވެނީ، ވަރަށް ގިނަ ޕާރޓްނަރުންނާއި ސްޕޮންސަރުންގެ ދީލަތި އެހީ އާއި އެކު. އުރީދޫ ކަލާ ރަން ގެ އޮފިޝަލް ޗެރިޓީ ޕާރޓްނާގެ ގޮތުގައި އެމްޓީއެސް ހަމަޖެއްސެވީތީ އުރީދޫ އަށް ޝުކުރު ދަންނަވަން. މިއީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް. މި ޕާރޓްނަޝިޕްގެ ސަބަބުން އަޅުގަނޑުމެންގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ." މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ ޗެއާޕާސަން، މަރިޔަމް ސުހާ ވިދާޅުވިއެވެ.

ތެލެސީމިއާއަކީ ބެލެނިވެރިންގެ ފަރާތުން ވާރުތަވާ ލޭގެ ޑިސްއޯޑަރ އެކެވެ. އެ ބަލީގެ ސަބަބުން ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ މާއްދާ ކަމުގައިވާ ހީމޯގުލޯބިން ނުވަތަ އެޗް.ބީ ފުރިހަމައަށް އުފައްދައެއް ނުދެއެވެ. ޤަވާޢިދުން ފަރުވާ ނުލިބޭ ހާލަތެއްގައި، ތެލެސީމިއާ އަކީ ފުރާނައަށް ނުރައްކާތެރިވާ ބައްޔެކެވެ. އަދި ތެލެސީމިއާ ޕޭޝަންޓުން ދިރިހުރުމަށް ޓަކައި، މަހުން މަހަށް ނުވަތަ ކޮންމެ ހަފްތާއަކު ލޭއަޅައި، އެކަމުގެ ސަބަބުން ދިމާވާ އެހެނިހެން މައްސަލަތަކަށް ތަކުރާރުކޮށް ފަރުވާދޭން ޖެހެއެވެ.