ދުނިޔެ

ދިހަ ދުވަސް ތެރޭގައި މަޖިލީސް ބާއްވަން ލަންކާގެ ރައީސް އަންގަވައިފި

Nov 5, 2018

ކޮލޮމްބޯ (ނޮވެމްބަރު 4) - ސްރީލަންކާގެ ބޮޑު ވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ ވަކިކޮށް، އާ ބޮޑުވަޒީރަކަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ އައްޔަނުކުރުމާއި ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރަން، މިމަހުގެ 14 ވަނަ ދުވަހު މަޖިލީސް އަލުން ބާއްވަން، ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އަންގަވައިފި އެވެ.

މިމަހުގެ 16 ވަނަ ދުވަހާއި ހަމައަށް މަޖިލީސް ސަސްޕެންޑު ކުރެއްވުމަށްފަހު، އޭގެ ދެ ދުވަސް ކުރިން މަޖިލީސް ބޭއްވުމުގެ ބޭނުމެއްނެތް ކަމަށާއި، އެ ނިންމެވުން "މާ ލަސްވެއްޖެ" ކަމަށް ރަނިލްގެ ޕާޓީން ވަނީ ބުނެފައި އެވެ.

ރަސްމީ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މަޖިލީހުގެ ޖަލްސާއެއް އޮންނާނީ ނޮވެމްބަރު 14 ވަނަ ދުވަހުގެ ލަންކާ ގަޑިން ހެނދުނު 10.00 ގައި ކަމަށެވެ.

ރަނިލްގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންއެޕްޕީ) ގެ މެމްބަރެއްކަމުގައިވާ މަންގަލަ ސަމަރަވީރަ ވިދާޅުވީ، ސިރިސޭނާގެ އެ ނިންމެވުމަކީ މައްސަލަ ހައްލުކުރުމަށް އެތެރެއިންނާއި ބޭރުން އަންނަ ޕްރެޝަރުތަކާއި ގުޅިގެން "މީހުން ރުއްސުމުގެ" ގޮތުން ކުރައްވާ ކަމެއް ކަމަށެވެ.

އޮކްޓޯބަރު 26 ވަނަ ދުވަހު ރަނިލް ލަންކާގެ ބޮޑުވަޒީރު ކަމުން ވަކިވެފައިވާ ކަމަށް ރައީސް މައިތިރިޕާލާ ސިރިސޭނާ ނިންމަވައި، އެމާގަމަށް ރާޖަޕަކްސާ ވަނީ އައްޔަނު ކުރައްވައިފަ އެވެ.

ސިރިސޭނާގެ އެ ނިންމެވުމަކީ ދުސްތޫރީ ބަޣާވާތެއްކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. އަދި އެ ނިންމެވުމާ ދެކޮޅަށް ރަނިލްގެ އެތަކެއް ހާސް ބަޔަކު ވަނީ މަގު މައްޗަށް ނުކުމެފައި އެވެ.

ސިރިސޭނާ މަޖިލީސް ސަސްޕެންޑު ކުރެއްވީ، މެޖޯރިޓީ ރާޖަޕަކްސާ އަށް ހޯއްދެވުމުގެ ފުރުސަތު ފަހިކުރުމަށް ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

ރަނިލްގެ ފަހަތުގައި ތިއްބެވި މެމްބަރުންގެ ތެރެއިން މިހާރުވެސް އަށް މެމްބަރުންގެ ތާއީދު ރާޖަޕަކްސާ ހޯއްދަވާފައިވާއިރު، އިތުރު މެމްބަރުން ކޮޅު ބަދަލުކުރުމަށް ފައިސާ އާއި ސަރުކާރުގެ އިސް މަގާމުތައް ހުށަހަޅަމުންދާ ކަމުގެ ތުހުމަތުތައް ވެސް ވަނީ ކުރެވިފައި އެވެ.

ރައީސް ސިރިސޭނަ ވިދާޅުވަމުން ގެންދަވަނީ، ރަނިލް ވަކިކުރައްވަން މަޖުބޫރުވީ، އިގުތިސޯދީ ގޮތުން އެޅުއްވި ދޯހަޅި ފިޔަވަޅުތަަކުގެ އިތުރުން، އޭނާ އަވާހަރަކޮށްލުމަށް ރޭވި ރޭވުމުގައި ރަނިލްގެ މިނިސްޓަރެއްގެ އަތެއް ވާތީ ކަމަށެވެ.