ހަބަރު

ހުޅުމާލޭގައި ކުޑަކުއްޖަކު ރޭޕްކުރަން އުޅުނު މައްސަލަ ބަލަނީ

ހުޅުމާލޭގައި ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެފަދަ މައްސަލައެއްގެ ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފަ އެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލޭގެ ޕާކެއްގެ ތެރޭގައި ބަޔަކު ޖިންސީ ގޯނާ ކޮށްފައިވަނީ 13 ވަރަކަށް އަހަރުގެ ކުޑަ އަންހެންކުއްޖަކަށެވެ. އެކަކަށްވުރެ ގިނަ ބަޔަކު ވެގެން އެ ކުްޖާއާ ބެހެން މަސައްކަތްކޮށްފައިވަނީ ހުޅުމާލޭގައި ހުންނަ އެޗްޑީސީ އޮފީހުގެ ފުރަގަހަށް އޮންނަ ޕާކެއްގެ ތެރޭގައި ކަމަށް ވެ އެވެ. އެ މައްސަލަ ސޯޝަލް މީޑިއާގައި ޝެއާކޮށް ގިނަ ބަޔަކު ދަނީ އެކަން ކުރި ބަޔަކު ހޯދައި އަދަބު ދިނުމަށް ގޮވާލަމުންނެވެ.

މިހާރަކަށް އައިސް ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރާ މައްސަލަތައް އިތުރެވެ. ޖެންޑާ މިނިސްޓްރީއިން ކޮންމެ މަހަކު އެއްފަހަރު އާންމުކުރާ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ތަފާސް ހިސާބުގައިވެސް އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކެވެ،