ހަބަރު

މިފްކޯއަށް މިހާތަނަށް 530 މިލިއަން ރުފިޔާ ދެވިއްޖެ: ފިނޭންސް

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ ވެއްޓިފައިވާ މާލީ އަނދަވަޅުން ނަގައި، އެ ކުންފުނި ކޮއްޅަށް ނެގުމަށް 2013 ވަނަ އަހަރުން ފެށިގެން މިހާތަނަށް 529 މިލިއަނައަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން މިފްކޯއަށް ހަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މިފްކޯގެ މާލީ ހާލަތު ރަނގަޅުކޮށް ކުންފުނި ކުރިއެރުވުމަށް 2013 ވަނަ އަހަރު މި ސަރުކާރު ވެރިކަމަށް އައުމާއެކު ގިނަ މަސައްކަތްތަކެއް ކޮށް ބަޖެޓުން ގިނަ ހޭދަތަކެއް ކުރި އެވެ. އެގޮތުން މިފްކޯއަށް މިހާތަނަށް އެކި ގޮތްގޮތުން ސަރުކާރުން ވެފައިވާ މާލީ ހަރަދުތަކުގެ ހިސާބު 529.6 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސަރުކާރުން މިފްކޯއަށް ދިން ލޯނު ފައިސާގެ ތަފްސީލަށް ބަލާއިރު، ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުގެ ދަށުން 100 ޕަސެންޓް ވެލިއު އެޑިޝަންއަށް މިފްކޯ ގެންދިއުމަށް އިންވެސްޓުކުރަން ޖެހުނު 15 މިލިއަން ޑޮލަރުގެ ތެރެއިން ސަރުކާރުން ދޭން އެއްބަސްވި ތިން މިލިއަން ޑޮލަރުގެ ލޯނު ފައިސާގެ ތެރެއިން ވެސް މިހާތަނަށް މިފްކޯއަށް ދީފައިވާ 29.4 މިލިއަން ރުފިޔާ އާއި، ކުންފުނި ހަރުދަނާކޮށް މާލީ ހާލަތު ރަނގަޅުކުރަން 2013 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ނިޔަލަށް އެ ކުންފުންޏަށް ކެޕިޓަލްގެ ގޮތުގައި ދީފައިވާ 141.5 މިލިއަން ރުފިޔާ އާއި، އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރި އިރު، ކުންފުނީގެ މާލީ ހާލަތު ހުރިގޮތުން، އެ ކުންފުނީގެ މާލީ ބަޔާނުގައިވާ ނެގެޓިވް ރައުސުލްމާލާމެދު އޮޑިޓުން ސުވާލު އުފައްދާތީ ރައުސުލްމާލު ޕޮޒިޓިވް ކުރުމަށް ދައްކާފައިވާ 333.6 މިލިއަން ރުފިޔާ ހިމެނެ އެވެ. އަދި އެ ކުންފުނިން ވިއްކާ ފިނިކުރި މަހުގެ އަގު ދުނިޔޭގެ ބާޒާރުގައި ދަށަށް ދިއުމާ ގުޅިގެން ކުންފުންޏަށް ލިބެމުންދިޔަ ގެއްލުމުގެ ބަދަލު ހޯދުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެކުލަވާލި 100 މިލިއަން ރުފިޔާގެ ރިކަވަރީ ފަންޑަށް ސަރުކާރުން ދޭން އެއްބަސްވި 50 މިލިއަން ރުފިޔާގެ ތެރެއިން ސެޕްޓެމްބަރު މަހާއި އޮކްޓޫބަރު މަހު ދެއްކި 25 މިލިއަން ރުފިޔާވެސް ހިމެނެ އެވެ.

މި ފައިސާގެ އިތުރަށް، ކުންފުންޏަށް ދޭނެކަމަށް ސަރުކާރުން އެއްބަސްވެފައިވާ ލޯނުތަކުން ނުދެއްކި ހުރި ފައިސާ ވެސް، އެ ފައިސާ ދޭން އޮންނަ އުސޫލުގެ ތެރެއިން ކުންފުންޏަށް ދޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިނިސްޓްރީން ބުނީ، މި ހުރިހާ ހަރަދެއް މިފްކޯއަށް ކޮށްފައިވަނީ، އެ ކުންފުންޏަކީ މަސްވެރިން ބާނާ މަހަށް ހަމަ އަގެއް ހޯދައިދީ މަސްވެރިކަން ކުރިއެރުވުމަށް ރާއްޖޭގައި އެންމެ ބޮޑު މަސައްކަތެއް ކުރަމުން އަންނަ ހަމައެކަނި ކުންފުންޏަށް ވާތީ ކަމަށެވެ އަދި މަސްވެރިންނަށް އެމީހުންގެ މަސައްކަތުން ރަނގަޅު ނަފާއެއް ލިބުން ބިނާވެފައިވަނީ ވެސް މިފްކޯގެ މާލީ ހާލަތު އޮންނަ ގޮތެއްގެ މައްޗަށް ކަމަށް ސަރުކާރުން ގަބޫލުކުރާތީ އެ ކުންފުނި މާލީ ގޮތުން ވަރުގަދަކޮށް ކުރިއެރުވުމުގެ ބޭނުމުގައި ކަމަށެވެ.