ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީއިން ޓިކެޓް ދޭން ފެންނަނީ ޕްރައިމަރީއަށް ފަހު: ނަޝީދު

އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ފަރާތްތައް ކަނޑައަޅަން ފެންނަނީ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީއަކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގޮނޑި ގެއްލުނު ކަމަށް އީސީއިން ކަނޑައެޅި 12 މެންބަރުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދޭން އެއްބަސްވެފައި ވާތީ އެކަމަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީ ހިންގުމުގައި އެތެރޭގެ ޑިމޮކްރަސީ ވަރަށް މުހިންމުވެފައިވާ ކަމަށެވެ. ނަޝީދު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ގޮނޑިތަކަށް ޕާޓީގެ ފަރާތުން ވާދަކުރާނެ ފަރާތްތައް ޕާޓީގެ ޕްރައިމަރީއަކުން ކަނޑައަޅަނީ މުޅި ދުނިޔޭގެ ނިސްބަތުން ވެސް ވަރަށް މަދު ސިޔާސީ ޕާޓީއެއްގައި ކަމަށެވެ.

"މިއީ ފައިދާ އާއި ގެއްލުން ހުރި ކަމެއްކަން އެމްޑީޕީއިން ތަޖުރިބާކޮށްފި. އެހެނަސް ދެންވެސް އެމްޑީޕީގެ ޓިކެޓް ދޭން ފެންނަނީ ޕްރައިމަރީއަކަށް ފަހު،" ނަޝީދު ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދު އިއްޔެ 12 މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ބައެއް މެންބަރުން މީޑިއާތަަކަށް ވިދާޅުވީ، އެ މެންބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން އެއްބަސް ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ. އެހެން ނަމަވެސް ބައެއް މެންބަރުން ވަނީ ނަޝީދު އެގޮތަށް ވިދާޅުނުވާ ކަމަށް ބުނެ އެ ވާހަކަ ދޮގުކޮށްފަ އެވެ. އެހެން ނަމަވެސް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޓްވީޓެއް ކުރައްވާ ވިދާޅުވީ ޕްރައިމަރީއަކާ ނުލައި 12 މެންބަރުންނަށް ޓިކެޓް ދޭން ލީޑަރުން މީގެ ކުރިން އެއްބަސްވެފައިވާ ކަމަށެވެ.

އެއާ އެކު އެމްޑީޕީގެ ބައެއް އާންމު މެންބަރުންނާއި އެކްޓިވިސްޓުން ވަނީ، އެއީ ޑިމޮކްރަސީއާ ދުރު ނިންމުމެއް ކަމަށް ބުނެ އެ ނިންމުން މުރާޖައާ ކުރުމަށް ގޮވާލައިފަ އެވެ.