ހަބަރު

މޯދީ ވަޑައިގަތުމަށް އިންޑީޔާގެ އެންޑްވާންސް ޓީމެއް ރާއްޖޭގައި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަޑައިގަތުމާ ގުޅޭ މަސައްކަތްތަކަށް އިންޑިޔާގެ އެޑްވާންސް ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

އިންޑިޔާގެ ނޫހެއް ކަމަށްވާ "ދަ ވަޔާ"އަށް އެ ގައުމުގެ އޮފިޝަލަކު ކަށަވަރުކޮށްދީފައި ވަނީ އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގަތުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އެޑްވާންސް ޓީމުން އިއްޔެގެ ވަގުތެއްގައި ރާއްޖެއަށް ފުރައިފި އެވެ.

މޯދީ ރާއްޖެ ވަޑައިގަތުމާ ގުޅޭ ގޮތުން އިންޑިޔާއިން އަދިވެސް ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް އެޑްވާންސް ޓީމުން ރާއްޖެ ވަޑައިގަތުމަކީ އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި މޯދީ ހުންނަވާނެ ކަމަށް ކަށަވަރު ނުވެ މިހާތަނަށް އޮތް އޮތުމަކަށް ނިމުމަކަށް އައުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައި ވަނީ އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ގެނައުމަށް އަދިވެސް މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގަތުމުގެ މަސައްކަތް ކުރިޔަށް ދާއިރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފަސް އަހަރުގެ ދައުރު ނިމިގެން ދިޔަ އިރު މޯދީ ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.