ދުނިޔެ

އިރާނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ދޫނުދޭނެކަމަށް އެމެރިކާއިން ބުނެފި

Nov 6, 2018

ވޮޝިންގްޓަން (ނޮވެމްބަރު 5) - އިރާނުގެ އަމަލުތަކަށް ބަދަލު ނުގެނެސްފިނަމަ، އެމެރިކާއިން ކުރާ ޕްރެޝަރުތަކަށް ދޫނުދޭނެކަމަށް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ވިދާޅުވެއްޖެ އެވެ.

ޕޮމްޕޭއޯ މިހެން ވިދާޅުވީ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން 2015 ވަނަ އަހަރުގެ ނިއުކުލިއާ އެއްބަސްވުމުގެ ކުރިން އިރާނާއި ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އިއްޔެ އިން ފެށިގެން އިޔާދަ ކުރުމާއި ގުޅިގެންނެވެ.

އެ ފިޔަވަޅުތަކުން އިރާނަށް އެއްވެސް އަސަރެއް ނުކުރާނެކަމަށާއި، ތެޔޮ ވިއްކުން ހުއްޓާނުލާނެކަމަށް އިރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ވިދާޅުވެފައި އެވެ.

އެމެރިކާއިން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، އިރާނުން ބޭރު ކުރާ މުދަލާއި، ޝިޕިންގް އަދި މާލީ މުއާމަލާތްތަކަށް ވެސް ވަނީ ދަތިކުރަން ނިންމާފައި އެވެ. އަދި އިރާނާއި އެކު ވިޔަފާރި ކުރާ އެހެން ގައުމުތަކަށް ވެސް އެ ފަދަ ފިޔަވަޅުތައް އަޅަން ޓްރަމްޕްގެ ސަރުކާރުން ވަނީ ނިންމާފައި އެވެ.

"އިރާނަށް އޮތީ ދެގޮތެއް، އެއް ގޮތަކީ އެ ގައުމުން ގާނޫނުތަކުގެ ބޭރުން ކުރާ ކަންކަން ހުއްޓާލައި، އެހެން ގައުމުތަކެކޭ އެއްފަދައިން އަމަލުތައް ބެހެއްޓުން، އެހެން ނޫންނަމަ، އިރާނުގެ އިގުތިސޯދު ފުނޑުވެގެންދާނެ،" ޕޮމްޕޭއޯ މީޑިއާއަށް ވިދާޅުވި އެވެ.

އެ ފިޔަވަޅުތަކާއި ގުޅިގެން، މިހާރު ވެސް 20 ގައުމުން، އިރާނުން ތެޔޮ ގަތުން ހުއްޓާލާފައިވާ ކަމަށާއި، ދުވާލަކު އެއް މިލިއަން ފީފާ ތެލުގެ ގެއްލުން ވަމުންދާ ކަމަށް ޕޮމްޕޭއޯ ވިދާޅުވި އެވެ.

2015 ވަނަ އަހަރު ވިއޭނާގައި އެމެރިކާ ހިމެނޭ ގޮތަށް އިރާނާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ނިއުކުލިއާ ހަތިޔާރު އުފެއްދޭ މިންވަރަށް ވުރެ ނިއުކުލިއާ ހަކަތައިގެ މަސައްކަތްތައް މަދުކުރުމަށް އިރާނުން ވަނީ އެއްބަސްވެފަ އެވެ.

އޭގެ ބަދަލުގައި، ދުނިޔޭގެ ބާޒާރަށް އިރާނުން ތެލާއި ގޭސް ނުވިއްކޭގޮތަށް އދ. އަޅާފައިވާ ފިޔަވަޅުތައް އަނބުރާ ގެންދިއުމުގެ އިތުރުން، އެކި ގައުމުތަކުގައި ހުރި އިރާނުގެ 100 ބިލިއަން ޑޮލަރުގެ ހަރުމުދާތައް ދޫކޮށްލުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.

އެ އެއްބަސްވުމުގައި، އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނު، ރަޝިއާ، ޗައިނާ އަދި އީޔޫގެ އިތުރުން އެމެރިކާ އިން ވެސް ވަނީ ސޮއިކޮށްފަ އެވެ.

އޭގެ އިތުރުން، އެމެރިކާ އިން އިރާނާއި ދެކޮޅަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް ވެސް ނެގުމަށް އޭރުގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.

ނަމަވެސް، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 2015 ވަނަ އަހަރުގެ ކުރިން އިރާނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހޯމަ ދުވަހުން ފެށިގެން ވަނީ އިޔާދަކޮށްފައި އެވެ.

އެ ނިންމުމާއި ގުޅިގެން، އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރުމަށް ގޮވާލައި، އެތަކެއް ހާސް ބަޔަކު ދަނީ އިރާނުގައި މުޒާހަރާ ކުރަމުންނެވެ.

އެންމެ ފުރަތަމަ، އެމެރިކާ އިން އިރާނާއި ދެކޮޅަށް މިދިޔަ އޯގަސްޓް މަހުން ފެށިގެން އަމަލު ކުރަންފެށި ފިޔަވަޅުތަކުގެ ތެރޭގައި، އިރާނުން އެމެރިކާ ޑޮލަރު ގަތުން ހުއްޓުވުމާއި، ވެހިކަލް އުފެއްދުމާއި، ރަނާއި، އެލުމިނީއަމާއި، ދަގަނޑު ފަދަ ތަކެތީގެ ވިޔަފާރި ހުއްޓުވުން ހިމެނެ އެވެ.

އެއަށްފަހު، މިއަދުން ފެށިގެން، އިރާނު ބޭރުކުރާ ތެލާއި، ގޭހުގެ އިތުރުން އެގައުމާއި އެކު އެއްވެސް ފައިސާގެ މުއާމަލާތްތަކެއް ހުއްޓާލުމުގެ ފިޔަވަޅުތައް އެޅިގެންދާނެ އެވެ.

މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ބޭނުމަކީ، 2015 ވަނަ އަހަރުގެ އެއްބަސްވުމަށްވުރެ މާ ފުޅާކޮށް، ނިއުކުލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތްތައް ހުއްޓުވުމުގެ އިތުރުން، ޓެރަރިޒަމް އަށް ހިތްވަރުދޭ ގޮތަށް އިރާނުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް މަޖުބޫރު ކުރުވުން ކަމުގައި ޓްރަމްޕް ގެންދަވަނީ ވިދާޅުވަމުންނެވެ.