މިއަހަރުގެ ރިޔާސީ އިންތިހާބްގެ ކަވަރޭޖަށް ޕީއެސްއެމް އިން ކުރި 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ބޭނުންވާ ފައިސާ އެކުންފުނީގެ ބަޖެޓަށް އިތުރުކޮށްދިނުމަށްއެދި ރައީސް އޮފީހުގެ ފަރާތުން ފިނޭންސް މިނިސްޓްރީގައި އެދިއްޖެ އެވެ.
މިދިޔަ އާދިއްތަ ދުވަހު ރައީސް އޮފީހުގެ ފަރާތުން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީގައި ވަނީ، ޕީއެސްއެމްއިން މިއަހަރު ތެރޭގައި ކޮށްފައިވާ ހަރަދުތަކަށް ދައުލަތުގެ ބަޖެޓުން ލިބެންޖެހޭ ފައިސާ އެކުންފުންޏަށް ލިބުމުގެ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެެވެ. އެފައިސާ ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށްއެދި އެކުންފުނިން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ، އެ ސިޓީގައިވާ ކަންކަމާއި ގުޅުންހުރި ފައިސާއާ ގުޅޭގޮތުން އަމަލު ކުރަންވީ ގޮތްވެސް ރައީސް އޮފީހުން އަންގާފައި ވެއެވެ.
އެގޮތުން މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކަވަރޭޖް ހެދުމަށް ޕީއެސްއެމްގެ ފަރާތުން ކޮށްފައިވާ އެކި މަސައްކަތްތަކުގެ ބިލްތައް ދެއްކުމަށް 10.6 މިލިއަން ރުފިޔާ އެކުންފުނީގެ ބަޖެޓަށް އިތުރުކޮށްދިނުމަށް ރައީސް އޮފީހުން އެދިފައި ވެއެވެ.
މީގެ އިތުރުން މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ކެޕިޓަލް އިންވެސްޓްމެންޓެއްގެ ގޮތުގައި 20 މިލިއަން ރުފިޔާ ޕީއެސްއެމަށް ދޫކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެ ފައިސާގެ މައްޗަށް ބަރޯސާވެ ޓީވީ އިމާރާތުގެ އާބާތުރަ ފިލުވައި ޓީވީ އާއި އަޑުގެ ހިދުމަތްތައް އެއްފުރާޅެއްގެ މައްޗަށް ބަދަލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ބައެއް އިކުއިޕްމެންޓާއި ވެހިކަލް މަރާމާތު ކުރުމުގެ މަސައްކަތަކަށް ޕީއެސްއެމްއިން ކޮށްފައިވާ ކަމަށްވެސް ސިޓީގައި ވެއެވެ.
"އެކުންފުނިން ކުރައްވާފައިވާ މިދެންނެވި ހަރަދުތައް ތިޔަ މިނިސްޓްރީން ދެނެގަނެ، އެހަރަދުތަކަށްވާ ފައިސާ ޕީއެސްއެމްއަށް ދޫކުރެއްވުމަށް މިއަހަރުގެ ބަޖެޓްގައި ކަނޑައަޅުއްވާފައިވާ ފައިސާގެ ތެރެއިން ހަމަޖެއްސެވެން އޮއްތޯ ބެއްލެވުމަށްފަހު މި މައްސަލާގައި އަަމަލުކުރައްވަން ތިޔަ މިނިސްޓްރީން ހުށަހަޅުއްްވާ ގޮތުގެ މައުލޫމާތާއެކު މި މައްސަލަ މި އޮފީހުން ހުށަހަޅަން،" ރައީސް އޮފީހުން ފޮނުވި ސިޓީގައި ވެއެވެ.
ޕީއެސްއެމްއިން މިއަހަރުގެ ރިޔާސީ އިންތިހާބް ކަަވަރު ކުރުމަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއަހަރުގެ އިންތިހާބު ކަވަރު ކުރުމުގައި ވަކި ފަރާތަކަށް ޕީއެސްއެމް ޖެހިފައިވާ ކަމަށްބުނެ ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުންވެސް އަމާޒުވެފައި ވެއެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ކޮންޓެންޓް ގެނެސްދީފައިވަނީ ވަކި ފަރާތަކަށް ބުރަވެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުންވެސް ވަނީ ބުނެފަ އެވެ.
ޕީއެސްއެމަށް ރުފިޔާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީގައި ރައީސް އޮފީހުން އެދިފައިވާއިރު، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ދަނީ ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި މިފަދަ އެއްވެސް ކަމެއް ނުކުރުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ.