ދުނިޔެ

ރާޖަޕަކްސާއަށް ތާއީދުއޮތްކަން ދައްކަން އެތަކެއް ހާސް ސަޕޯޓަރުން މަގު މައްޗަށް

Nov 6, 2018

ކޮލޮމްބޯ (ނޮވެމްބަރު 5) - ސްރީލަންކާގެ ބޮޑު ވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ ވަކިކޮށް، އާ ބޮޑުވަޒީރަކަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ އައްޔަނުކުރުމާއި ގުޅިގެން އެކަމަށް ތާއީދުއޮތްކަން ސާބިތުކޮށްދޭން، ރާޖަޕަކްސާގެ އެތަކެއް ހާސް ސަޕޯޓަރުންނެއް އެއްވެއްޖެ އެވެ.

ލަންކާގެ ޕާލިމަންޓު ދޮށަށް އެއްވެ، ދުރު ހިސާބުތަކުން ބަސްތަކުގައި ގެނައި، ރާޖަޕަކްސާގެ އެތަކެއް ހާސް ސަޕޯޓަރުންނެއް ވަނީ ރައީސް މައިތިރިޕާލާ ސިރިސޭނަގެ އެ ނިންމެވުމަށް ތާއީދުކުރާކަމަށް ބުނެ އަޑު އުފުލާފައި އެވެ.

އެ އެއްވުމުގައި ބައިވެރިވެވަޑައިގެން، ސިރިސޭނަ ވިދާޅުވީ އެމަނިކުފާނުގެ އެ ނިންމެވުމުގައި އެއްވެސް ޒާތީ ކަމެއް ނެތް ކަމަށެވެ.

"ފާއިތުވި ތިން އަހަރު، ރަނިލް ވިކްރަމަސިންހަގެ ސިޔާސީ އަދި އިގުތިސޯދީ ސިޔާސަތުގެ ސަބަބުން ގައުމުގެ ފަގީރުންނަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައި، ގައުމުގެ ރައްޔިތުންގެ ހިޔާލުތައް ކޮޅުފައިން ޖަހައި، ބޭރުގެ ނޫފުޒުތަކަށް ތަބާވެ، ގައުމު ހިންގަމުން ދިޔައީ،" ސިރިސޭނަ ވިދާޅުވި އެވެ.

އޮކްޓޯބަރު 26 ވަނަ ދުވަހު ރަނިލް ލަންކާގެ ބޮޑުވަޒީރު ކަމުން ވަކިވެފައިވާ ކަމަށް ރައީސް މައިތިރިޕާލާ ސިރިސޭނާ ނިންމަވައި، އެމާގަމަށް ރާޖަޕަކްސާ ވަނީ އައްޔަނު ކުރައްވައިފަ އެވެ.

ސިރިސޭނާގެ އެ ނިންމެވުމަކީ ދުސްތޫރީ ބަޣާވާތެއްކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. އަދި އެ ނިންމެވުމާ ދެކޮޅަށް ރަނިލްގެ އެތަކެއް ހާސް ބަޔަކު ވަނީ މަގު މައްޗަށް ނުކުމެފައި އެވެ.

ސިރިސޭނާ މަޖިލީސް ސަސްޕެންޑު ކުރެއްވީ، މެޖޯރިޓީ ރާޖަޕަކްސާ އަށް ހޯއްދެވުމުގެ ފުރުސަތު ފަހިކުރުމަށް ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

އެ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާޖަޕަކްސާ ވިދާޅުވީ ސިރިސޭނާގެ އެ ނިންމެވުމަކީ "އުނދަގޫ" އެކަމަކު ގައުމަށް ކޮންމެހެން ބޭނުންތެރި ނިންމެވުމަށް ކަމަށެވެ.

"ވިކްރަމަސިންހަ ވަޑައިގެންނެވީ މި ގައުމުގެ ދަރިންގެ މުސްތަގުބަލު ހަލާކު ކުރައްވަމުން، އަހަރެމެން އެކުވީ އެތަން ބަލަން ނުތިބެވިގެން، ޓެކްސްތައް ބޮޑުވެގެން ދާތަން ބަލަން ނުތިބެވިގެން،" ރާޖަޕަކްސާ ވިދާޅުވި އެވެ.

ލަންކާގެ މަޖިލީހުގެ ރައީސް ވަނީ ރާޖަޕަކްސާ ބޮޑު ވަޒީރު ކަމަށް އައްޔަނުކުރުމަކީ ގާނޫނު އަސާސީ އާއި ހިލާފުކަމެއް ކަމަށާއި، އެކަން ބަލައިނުގަންނަވާނެކަމަށް ވިދާޅުވެފައި އެވެ.

"ރާޖަޕަކްސާއަށް މަޖިލީހުގެ މެޖޯރިޓީ އޮތްކަން ސާބިތުކޮށްދެވެންދެން، އަހަރެން ބަލައިގަންނަނީ އޮކްޓޯބަރު 26 ގެ ކުރިން އޮތް ހާލަތު،" މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ނެރުއްވި ކުރު ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.

ރަނިލްގެ ފަހަތުގައި ތިއްބެވި މެމްބަރުންގެ ތެރެއިން މިހާރުވެސް އަށް މެމްބަރުންގެ ތާއީދު ރާޖަޕަކްސާ ހޯއްދަވާފައިވާއިރު، އިތުރު މެމްބަރުން ކޮޅު ބަދަލުކުރުމަށް ފައިސާ އާއި ސަރުކާރުގެ އިސް މަގާމުތައް ހުށަހަޅަމުންދާ ކަމުގެ ތުހުމަތުތައް ވެސް ވަނީ ކުރެވިފައި އެވެ.