ވިޔަފާރި

ތްރީއޭ ކުންފުނީގެ ވިސްނުން ހދ. އާއި ށ. އަތޮޅުގެ ޓޫރިޒަމަށް

މިވަގުތު އެންމެ ބޮޑަށް އިސްކަންދީގެން ކުރާ މަސައްކަތަކީ ހދ. އަތޮޅާއި ށ. އަތޮޅުގައި ހުރި ޓޫރިޒަމް ޕްރޮޕަޓީތަކުގެ މަސައްކަތް ކުރުމަށް ކަމަށް ތްރީއޭ ކުންފުނިން ބުނެފި އެވެ.

ލަންޑަންގައި މިހާރު ކުރި އަށް ދާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގެ ހަވާސާގައި "އަވަސް" އަށް ވާހަކަ ދައްކަވަމުން ތްރީއޭ ކުންފުނީގެ އެއް ޑިރެކްޓަރު ކަމަށްވާ މޫސާ ޝިޔާމް ވިދާޅުވީ ހދ. ހޮނޑާފުށި ރިސޯޓާއި ށ. ދޮޅިއަދޫ ހުޅުވުމުގެ މަސައްކަތް ކަމަށެވެ.

"އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ މި ބަލަނީ އެއް އަހަރު ތެރޭގައި ހުޅުވަން 'ދޮޅިއަދޫ'. އާ ސަރުކާރުން ވިދާޅުވޭ ށ. އަތޮޅުގައި އެއާޕޯޓެއް އަޅައި ދޭނަމޭ. އެހެންވީމަ އެއީވެސް ބޫސްޓަކަށްވާނެ. ކުރީޒަމާނުގައި ހުރިހާ މީހުން ރާއްޖޭގައި ޓޫރިޒަމް ނުހިނގާނެ ކަމަށް ބުނި ކަމަކީ ރާއްޖޭގެ ރަށްތައް ދުރުކަމުން. އެކަމަކު އިރާދުކުރެއްވިއްޔާ އެކަން މި އޮތީ ހައްލުވެފައި،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން ބޭނުންވަނީ ށ. އަތޮޅަކީ ވެސް ޑެސްޓިނޭޝަންއެއްގެ ގޮތުގައި ފެނިގެން ދިއުން ކަމަށެވެ.

"މިހާރު ވެސް ހަނިމާދޫއަކީ އިންޓަނޭޝަނަލް އެއާޕޯޓެއް. އެތަނަށް ރެގިއުލާކޮށް އިންޓަނޭޝަނަލް ފްލައިޓް އަންނަން ފެށީމަ ށ. އާއި ހދ. ދާނީ ކުރި އަށް،" މޫސަ ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް ވިޔަފާރީގައި އެންމެ ދުވަސްވީ އެއް ކުންފުނި ކަމަށްވާ ތްރީއޭއިން މިހާރު ހަތަރު ރިސޯޓެއް ހިންގަ އެވެ. މިގޮތުން ހިންގާ ރިސޯޓުތަކަކީ ފިލިތެޔޮ އާއި މެދުފުށި އަދި ބަތަލާ އާއި ހޮނޑާފުއްޓެވެ.