ހަބަރު

މަޖިލީހުގެ މެޖޯރިޓީ ލިބޭ ގޮތަކަށް ޕާޓީތައް އެއްބަސްވާންޖެހޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ވަރަށް މުހިންމު ކަމަށާއި އެ އަގުލަބިއްޔަތު ލިބޭ ގޮތަކަށް އިދިކޮޅު ކޯލިޝަންގެ ޕާޓީތައް އެއްބަސްވުން ވަރަށް މުހިންމު ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީއަށް މިއަދު ޒިޔާރަތް ކުރައްވައި އެ ޕާޓީގެ މެންބަރުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް އިންތިހާބަށް ޕާޓީތަކުގެ މެދުގައި ގޮތްތަކެއް ވީއެންމެ އަވަހަކަށް ނިންމަން ޖެހޭ ކަމަށެވެ.

"މަޖިލީހުގެ އަގުލަބިއްޔަތު ލިބުމަކީ މުހިންމު ކަމެއް، އަގުލަބިއްޔަތު ލިބޭ ގޮތަކަށް ޕާޓީތަކުގެ އެއްބަސްވުން އޮތުމަކީ މުހިންމު ކަމެއް، ޕާޓީތަކުގެ ލީޑަޝިޕާއެކު މި މަޝްވަރާތައް ކުރިއަށް ގެންދަން އެދެން، މަޝްވަރާތައް ނިމި އަވަހަށް ގޮތެއް ނިމެން އަޅުގަނޑު އެދެން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ގަވައިދުތައް ހުރި ގޮތުން ޕްރައިމަރީ ބާއްވަން ޖެހޭ ކަމަށާއި ޕްރައިމަރީތައް ބާއްވަން އެމަނިކުފާނު ވެސް އެދިވަޑައިގަންނަވާ ކަމަށެވެ. އެހެންވެ އެކަމަށް ވަގުތު ބޭނުންވާ ކަމަށާއި ޕާޓީތަކުގެ މެދުގައި ވީއެންމެ އަވަހަކަށް ގޮތެއް ނިންމައި އިންތިހާބަށް އެންމެ ފުރިހަމައަށް ތައްޔާރުވާން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީއިން މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން ދެކޭ ގޮތާއި ހިޔާލު ކޯލިޝަނުން ހަދާފައިވާ 1819 ކޮމެޓީއަށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އިލެކްޝަން ކޮމިޝަން، އީސީއިން ގޮނޑި ގެއްލުވާލުމާއެކު މައްސަލަ ބޮޑުވި ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންނަށް އެ މެންބަރުން މިހާރު ތަމްސީލް ކުރައްވަމުން ގެންދަވާ ދާއިރާތަކުގެ ޓިކެޓް އެއްވެސް ޕްރައިމަރީއަކާ ނުލާ ކޯލިޝަނުން ދޭން ނިންމާފައިވާކަން ހާމަކުރުމާއެކު ސޯޝަލް މީޑިއާގައި ކޯލިޝަނަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

އިއްޔެ އެ 12 މެންބަރުން ވަނީ ރައީސް ނަޝީދާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ޕްރައިމަރީއަކާ ނުލާ 12 މެންބަރުންނަށް ޓިކެޓް ދެއްވާނެކަމުގެ ޔަގީންކަން ރައީސް ނަޝީދު ދެއްވި ކަމަަށް އެ ބައްދަލުވުމުގައި ތިއްބެވި، ބައެއް މެންބަރުން ވިދާޅުވި އެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ އެކަމުގެ މަޝްވަރާ އެ ބައްދަލުވުމުގައި ނުކުރާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެއާއެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޓްވީޓެއް ކުރެއްވި އެވެ. ވިދާޅުވީ 12 މެންބަރުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމަކީ މީގެކުރިން ކޯލިޝަން ޕާޓްނަރުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެއާއެކު، ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް 12 މެންބަރުންނަށާއި ރައީސް މައުމޫނަށް ފާޑުކިޔުން އަމާޒުވި އެވެ. އެ މެންބަރުން އުޅުއްވަނީ ޕްރައިމަރީ ނޫނީ ވޯޓު ދެކެ ބިރުން ކަމަށާއި "ތަބަކަށްލާފައި" ޓިކެޓް ދިނުމަކީ ޑިމޮކްރަސީއާ ހިލާފު ކަމެއް ކަމަށް މީހުން ދަނީ ބުނަމުންނެވެ.

ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ތިއްބަވައި އެ މެންބަރުން ފާޅުގައި ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެންނެވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވި ހިސާބުންނެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެ 12 މެންބަރުން ވެސް ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއާ ތާއިދު ކުރައްވައި ކެމްޕެއިން ކުރައްވާފަ އެވެ.