ހަބަރު

"އިންޑިއާ، ޗައިނާގެ ހަނގުރާމައަށް ހަމަޖެހުން ގެނެސްދެވޭނީ އައްޑުއަށް: ނަޝީދު

އިންޑިއާ ކަނޑުގައި ފިނި ހަނގުރާމައެއް އުފެދެމުން އަންނަ ކަމަށާއި އިންޑީއާ އާއި ޗައިނާގެ ހަނގުރާމައަށް ހަމަޖެހުން ގެންނާނެ ތަނަކީ އައްޑޫ ސިޓީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އައްޑޫއަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އައްޑޫ އަތޮޅަކީ މުއްސަނދި އަތޮޅެއް ކަމަށާއި މި އަތޮޅަކީ އިންޑިއާ ކަނޑުގެ މެނދުގައި އޮތް އަތޮޅެއް ކަމަށެވެ. އައްޑޫ އަތޮޅު މުހިންމު ވަނީ ހަމައެކަނި ރާއްޖެއަށް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އިންޑިއާ ކަނޑު މިދަނީ ބަދަލުވަމުން، އިންޑިއާ ކަނޑުގައި ފިނި ހަނގުރާމައެއް އުފެދެމުން އެބަ އާދެ، އައްޑޫ ރައްޔިތުންނަށް މިކަން ސާފުވާނެ، އިންޑިއާއާއި ޗައިނާގެ ނުރުހުންތައް އެދެބައި މީހުންގެ އުދާސްތައް އެންމެ ފަހުން ތަހައްމަލް ކުރާނެ އަދި އެންމެ ފަހުން ހަމަޖެހުމަކަށް ގެންނާނޭ ތަނަކީވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި މި އައްޑު އަތޮޅު،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އައްޑޫ ސިޓީއާމެދު ވިސްނަނީ ހަމައެކަނި ރާއްޖޭގެ ރައްޔިތުން ނޫން ކަމަށާއި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ފަރާތްތައް ބަލަމުންގެންދާ ކަމަށެވެ. އަދި ވިދާޅުވީ، އިންޑިއާ ކަނޑުގެ ހަމަޖެހުން ހޯދުމަށް އިއްޑޫ ސިޓީން މަސައްކަތް ކުރުމަކީ ދިވެހީންނަށް އޮތް މަސްއޫލިއްޔަތެއް އަދި ޒިންމާއެއް ކަމަށެވެ.

"ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގެ އެކުވެރިންނަކީ އިންޑިއާ، އިންޑިއާގެ ހަމަޖެހުމާއި އިންޑިއާގެ ސަލާމަތާއި ރައްކާތެރިކަމަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިހުރި ކަމެއް، އައްޑޫ ސިޓީއާއި މި ސިޓީގެ ރައްޔިތުން އަބަދުވެސް ވިސްނަވަންވާނެ އަބަދުވެސް ބައްލަވާން ޖެހޭނެ ތިބޭފުޅުންނަކީ ހަމައެކަނި ރާއްޖޭގެ މަސްލަހަތާއި ގުޅިފައިވާ ބައެއް ނޫން، ތިބޭފުޅުންނަކީ އިންޑިއާ ކަނޑުގެ މަސްލަހަތާވެސް މާބޮޑަށް ގުޅިފައިވާ ބައެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އާސަރުކާރުގެ ބޭނުމަކީ އައްޑޫ ސިޓީގެ ތަރައްގީއަށް މުޅި ދުނިޔެއިން އެހީތެރިވުން ކަމަށެވެ. އައްޑޫ ސިޓީ އާއި ރާއްޖޭގެ ހަމަޖެހިން ގުޅިފައި އޮތީ މުޅި ދުނިޔޭގެ ހަމަޖެހުމާއި ކަމަށެވެ. އަދި އައްޑޫ ސިޓީގެ ހަމަޖެހުން އޮތީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި މާބޮޑަށް ގުޅިފައި ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އައްޑޫގެ ތަރައްގީ އަކީ މި ރާއްޖެއަށް މަޖުބޫރު ކަމެއް، އަޅުގަނޑުމެން އެންމެންމެ އައްޑޫ ރައްޔިތުންނަށް ދަރާފައިވާ ބޮޑު ދަރަންޏެއް، އެދަރަނި އަދާ ކުރުމަށް އަނެއްކާވެސް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސެއް، އޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހް، މިވަނީ ރާއްޖޭގެ ވެރިކަމާއި ހަވާލުވާން ތައްޔާރުވެފަ،"

ރައީސް ނަޝީދު ވިދާޅުވީ، އައްޑޫ ސިޓީގެ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށް އެސިޓީގެ ބަނދަރުވެސް އިންޓަނޭޝަނަލް ކުރަންޖެހޭ ކަމަށެވެ. އަދި އައްޑޫ ސިޓީގެ ޓޫރިޒަމް ފުޅާކޮށް އިތުރު ތިން ރަށެއް ހިއްކައި ތަރައްގީ ކުރާނެ ކަމަށާއި އެސިޓީގެ ތެރޭގައިވެސް އިތުރު ސަރަހައްދުތަކުގައި ޓޫރިޒަމަށް ހުޅުވާލައި އެދާއިރާ އިތުރަށް ފުޅާ ކުރެވިގެންދާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، މުޅި ރާއްޖޭގެ ތަރައްގީ ގުޅިފައިވާ އޮތް އެންމެ މުހިންމު އެއް ތަނަކީ އައްޑޫ ސިޓީ ކަމަށާއި އެ ސިޓީގެ ތަރައްގީއާއެކު ނޫނީ މާލެެއަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދެން ނެތް ކަމަށެވެ. އަދި އާ ސަރުކާރުގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ އައްޑޫ ސިޓީ ތަރައްގީ ކުރުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.