ހަބަރު

އައްޑޫ އީސީސީގައި ހަދާ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ގެންދާނަން: ނަޝީދު

އެމްޑީޕީގެ ސަރުކާރުގައި އައްޑޫ ސިޓީގައި ގާއިމް ކުރި އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު، އީސީސީގައި މިހާރު އަޅާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ހުއްޓާލުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށާއި އާ ސަރުކާރުން އެތަނުގެ މަސައްކަތް ހުއްޓާނުލާ ބާރަށް ކުރިއަށް ގެންދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ރައްޔިތުންނާ އިއްޔެ ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ވަރަށް ފޮނި އުންމީދުތަކަކާއެކު އައްޑޫ ސިޓީގައި މަސައްކަތްތަކެއް ފެށި ކަމަށާއި އޭގެ ތެރޭގައި ކޮންވެންޝަން ޓުއަރިޒަމް ނުވަތަ އެކިއެކި ޖަލްސާތަކާއި އެކިއެކި ބައްދަލުވުންތައް ބާއްވަން މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ބިނާ ކުރީ ކޮންވެންޝަން ސެންޓަރު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިއަދު ރައީސް އަބުދުﷲ ޔާމީން ވަނީ ކޮންވެންޝަން ސެންޓަރު ހަލާކު ކޮށްލާފައި ކަމަށާއި އެތަނުގައި ހޮސްޕިޓަލެއް ހެދުމުގެ ބަދަލުގައި ވަނީ ތަން ރޫޅާލާފައި ކަމަށެވެ.

"އަޅުގަނޑުމެންނަކީ ހަލާކު ކުރާ ބައެއް ނޫން، އަޅުގަނޑުމެންނަކީ ބިނާކުރާ ބައެއް، ރައީސް ޔާމީން އެކުރައްވާން ފެއްޓެވި މަސައްކަތް އަލުން ބަދަލު ކުރުމަކީ އަޅުގަނޑު ނަޒަރުގައި ބުއްދިވެރިކަމެއް ނޫން، ދެނެއް އެ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލެއް ނޫން ތަނަކަށް ހަދަން އުޅޭކަށް އަޅުގަނޑަކަށް ނުފެނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، މި ސަރުކާރުން ކޮންވެންޝަން ސެންޓަރުގައި ގާއިމް ކުރާ ހޮސްޕިޓަލްގެ މަސައްކަތް އާ ސަރުކާރުން ހުއްޓާނުލައި ބާރަށް ކުރިއަށް ގެންދިއުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށެވެ. އަދި ވިދާޅުވީ، މިހާރު އެތަނަށް ކޮށްފައިވާ ހަރަދު ބޭކާރުކޮށްލައި އެތަނަށް ބަދަލު ގެންނަން އުޅުމަކީ އެއްވެސް ބަޔަކަށް ފައިދާވާނެ ކަމެއް ނޫން ކަމަށެވެ.

ނަޝީދު ވިދާޅުވީ، ރައްޔިތުންނަށް ކޮންވެންޝަން ސެންޓަރެއް ބޭނުންވާނަމަ އަލުން އާ ކޮންވެންޝަން ސެންޓަރެއް ގާއިމް ކުރާނެ ކަމަށެވެ. މިހާރު ކޮންވެންޝަން ސެންޓަރުގައި ހަދަމުންދާ ހޮސްޕިޓަލްގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްދާނެ ކަމަށާއި އާ ސަރުކާރުގެ އަމާޒަކަށް ވާނީ އެ މަސައްކަތް ވީހާވެސް ބާރަށް ކުރިއަށް ގެންގޮސް ނިންމާލުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުން އައްޑޫ ސިޓީގައި ގާއިމް ކުރި ކޮންވެންޝަން ސެންޓަރުގައި މި ސަރުކާރުން އަންނަނީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަނާ އެވެ. އެ ހޮސްޕިޓަލް ހުޅުވާއިރު އެތަނުގައި އެމްއާރުއައި އަދި ސީޓީ ސްކޭންގެ ހިދުމަތާއި އޮޕަރޭޝަން ފަސް ތިއޭޓަރު އަދި މޯޗަރީގެ ހިދުމަތް ވެސް ލިބޭނެ އެވެ. މި އަހަރުގެ މެދު ތެރޭގައި ހުޅުވާނެ ކަމަށް އިއުލާން ކުރި އެ ހޮސްޕިޓަލްގެ މަސައްކަތް މިއަދާ ހަމައަށް ވެސް ނިމިފައެއް ނުވެ އެވެ.