ދުނިޔެ

އެމެރިކާގެ ހައުސް ގެއްލުމުން، ޓްރަމްޕަށް ބޮޑު ގޮންޖެހުމެއް

ވޮޝިންގްޓަން (ނޮވެމްބަރު 7) - އެމެރިކާގައި މިހާރު ކުރިއަށްދާ މިޑް ޓާމް އިލެކްޝަނުގައި ހައުސް އޮފް ރެޕްރެޒެންޓަޓިވްސްގެ ކޮންޓްރޯލް އިދިކޮޅު ޑިމޮކްރެޓުން ހޯދުމުން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ބާކީ އޮތް މުއްދަތުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް މަސްރަހު ދިރާސާ ފަރާތްތަކުން ބުނެފި އެވެ.

ފާއިތުވި އަށް އަހަރު ދުވަހުގެ ތެރޭގައި، ޑިމޮކްރެޓުންގެ އަތަށް ހައުސްގެ ކޮންޓްރޯލް ދިޔުމުން، ޓްރަމްޕްގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ހުރަސްތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެކަމަށް ބެލެވެ އެވެ.

ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑު ޓްރަމްޕް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް ބެލެވޭއިރު، ރިޔާސީ އިންތިހާބަށް އަދި ދެ އަހަރު އޮތް ނަމަވެސް، މިހާރު ކުރިއަށްދާ އިންތިހާބަކީ ޓްރަމްޕްއަށް އޮތް ތާއީދު ހާމަވެގެންދާނެ އިންތިހާބެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފަ އެވެ.

ހައުސްގެ މެޖޯރިޓީ ޑިމޮކްރެޓުން ހޯދީ، ރިޕަބްލިކަނުންގެ ކޮންޓްރޯލް ދުއްވާލުމަށް ބޭނުންވި 23 ގޮނޑި ކާމިޔާބުކޮށްގެންނެވެ. ހައުސްގެ ކޮންޓްރޯލް ލިބުމާއެކު، ޓްރަމްޕްގެ ސަރުކާރަށް ކުރެވޭ އެކިއެކި ތުހުމަތުތަކުގެ ތަހުގީގުތައް ފެށުމަށް ބާރު އަޅާނެ ކަމަށް ބެލެވެ އެވެ.

ހައުސްގެ މެޖޯރިޓީ ގެއްލުނު ނަމަވެސް، ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން ވަނީ ސެނެޓުގެ ކޮންޓްރޯލް ދަމަހައްޓައިފަ އެވެ.

އެންމެ ފަހުގެ ނަތީޖާތައް ދައްކާ ގޮތުން، ސެނެޓުގެ ރޭހުގައި ރިޕަބްލިކަނުން ކުރީގައި އޮތީ ވަރަށް ހަނި ތަފާތަކުންނެވެ. ސެނެޓުގެ 51 ގޮނޑި ޓްރަމްޕްގެ ޕާޓީއަށް ލިބިފައިވާއިރު، ޑިމޮކްރެޓުން ވަނީ 49 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

މި އިންތިހާބުގައި ޑިމޮކްރެޓުން ސެނެޓުގެ 26 ގޮނޑި ދިފާއުކުރަން ކުރިމަތިލި ނަމަވެސް، ރިޕަބްލިކަން ޕާޓީ ކުރިމަތިލީ އެންމެ ނުވަ ގޮނޑި ދިފާއުކުރުމަށެވެ.