ހަބަރު

ޖަރާސީމް ހުރި ޑަންކެން ހައިންސް ކޭކް ޕެކެޓްތައް ބާޒާރުން ނަގަނީ

ޑަންކެން ހައިންސް ބްރޭންޑްގެ ކޭކް ޕެކްޓްތަކަކުން "ސަލްމޮނެއްލާ" ޖަރާސީމް ފެނިފައިވާތީ އެ ބްރޭންޑްގެ ބައެއް އުފެއްދުންތައް ބާޒާރުން ނަގަން ފަށައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަލްމޮނެއްލާ އައުޓްބެރޭކްއަކާ ގުޅިގެން އެމެރިކާގެ ފޫޑް އެންޑް ޑްރަގް އަދި ކޮމިއުނިކަބަލް ޑިސީސް އިން ކުރި ތަހުގީގުން ޑަންކެން ހައިންސްގެ ކޭކް ޕެކެޓްތަކުން މި ޖަރާސީމް ފެނިފައިވާކަން އެމެރިކާއިން އަންގާފައިވާ ކަމަށެވެ. ޖަރާސީމް އެކުލެވޭ ކަމަށް ލަފާކުރެވޭ ބެޗް ނަންބަރުތަކެއް އެޗްޕީއޭއިން ވަނީ އާންމުކޮށްފަ އެވެ.

އޭގެ ތެރޭގައި ޑަންކެން ހައިންސް ކްލާސް ވައިޓް ކޭކް 15.25oz އާއި ޑަންކެން ހައިންސް ކްލެސިކް ޔެލޯ ކޭކްސް 15.25oz، ޑަންކެން ހައިންސް ބަޓާ ގޯލްޑެން ކޭކް 15.25oz އަދި ޑަންކެން ހައިންސް ސިގްނޭޗާ ކޮންފެޓް ކޭކް 15.25oz ހިމެނެ އެވެ.

އެޗްޕީއޭއިން ބުނީ މި އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް ވިއްކުމާއި ވިއްކަން ބެހެއްޓުމަކީ މަނާކަމެއް ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް ވެސް ވަނީ އަންގާފަ އެވެ.