ދުނިޔެ

އިންޑޮނޭޝިއާގެ މަތިންދާބޯޓަކަށް ދެ ޓަނުގެ ދޫރިއަން އެރުވުމުން ފަސިންޖަރުން ރުޅިގަދަވެއްޖެ

އިންޑޮނޭޝީއާގައި ސްރިވާޖިޔާ އެއާގެ މަތިންދާބޯޓަކަށް ދެ ޓަނުގެ ދޫރިއަން އެރުވި މައްސަލަ ހޫނުވެއްޖެ އެވެ.

ސްރިވާޖިޔާ އެއާއަށް ދުނިޔޭގެ އެންމެ ނުބައި ވަސްދުވާ މޭވާ، ދޫރިއަން އެރުވި މައްސަލަ ހޫނުވެ ވަގުތީ ގޮތުން ފުރުން މަނާކޮށްފައިވަނީ މަތިންދާބޯޓަށް އެރި ފަސިންޖަރުން އެ ބޯޓުން ނުބައި ވަސްދުވާތީ ޝަކުވާ ކުރުމުން އެ މައްސަލަ ބެލުމަށްފަހު އެވެ. އެ ބޯޓަށް އެރި ފަސިންޖަރުން ވަގުތުން އެ ދޫރިއަންތަށް ބޯޓުން ބޭރު ކުރުމަަށް އެދުމުން ކްރޫއިން ދޫރިއަންގެ ވަސް އިރުކޮޅެއްތެރޭ ދާނެ ކަމަށް ބުނެ ބޯޓު ނައްޓާލެވޭތޯ މަސައްކަތްކުރި އެވެ.

އެހެން ނަމަވެސް، ފަސިންޖަރަކު ގަދަދައްކާލައިފާ އެތަކެތި ބޭރު ކުރުމަށް ގޮވާލުމުން އެހެން ފަސިންޖަަރުން ވެސް އެކަމަށް އެއްބަސްވެ އެންމެފަހުން ބޯޓުގެ ކްރޫއަށް ޖެހުނީ ދޫރިއަންތަށް ބޭރުކުރާށެވެ. މަތިންދާބޯޓުން ފަސިންޖަރުން ބާލުވާ، ދޫރިއަން އަޅާފައިހުރި ގޯނިތަށް ބޭރުކޮށް އެ ބޯޓަށް ނައްޓާލެވުނީ ފުރަން ހަމަޖެހިފައިވާ ވަގުތުގެ ގަޑިއިރެއް ފަހުންނެވެ.

ދޫރިއަން ރަނގަޅަށް ބަންދުކޮށްގެން ބައިނަލްއަގުވާމީ ފްލައިޓްތަކަށް އެރުވުމުގެ ހުއްދަ އޮވެ އެވެ. އެެހެންނަމަވެސް، ދޫރިއަންއަކީ އެންމެ ނުބައިވަސް ދުވާ މޭވާ ކަމަށް ކަނޑައަޅާފައިވާތީ މި މޭވާއަކީ އާންމުން އެއްވެ އުޅޭ ތަންތަނުގަ އާއި އާއްމުން ދަތުރުކުރާ ބަސްތަކާއި ރޭލުތަކުގަައި އަދި އޭސީކޮށް ބަނދުކޮށްފައިވާ ތަންތަނުގައި ގެންގުޅުން އެދެވިގެން ނުވާ މޭވާއެއް ކަމަށް ގިނަބަޔަކު ދެކެ އެވެ.