ހަބަރު

އައްޑޫ އީސީސީގައި ހަދާ ހޮސްޕިޓަލް ނަޝީދު ބައްލަވާލައިފި

އައްޑޫ ސިޓީގެ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު، އީސީސީގައި މިހާރު އަޅާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްލަވާލައްވައިފި އެވެ.

އައްޑޫއަށް މިހާރު ކުރަމުން ގެންދާ ދަތުރުގައި އައްޑޫގެ ކޮންވެންޝަން ސެންޓަރުގައި މިހާރު ގާއިމްކުރާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ރައީސް ނަޝީދު ބައްލަވާލެއްވުމަށް ވަޑައިގެންނެވީ މިއަދުުގެ ވަގުތެއްގައި އެވެ. އައްޑޫގައި ގާއިމްކުރި ކޮންވެންޝަން ސެންޓަރަކީ ރައީސް ނަޝީދުގެ ސަރުކާރުން ގާއިމް ކޮށްފައިވާ ސެންޓަރެކެވެ.

ރައީސް ނަޝީދާއެކު އެމްޑީޕީގެ ބައެއް އިސްވެރިންވެސް ވަނީ އެތަނުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ބައިވެރިވެވަޑައިގެންފަ އެވެ.

އައްޑޫގެ ރައްޔިތުންނާ އިއްޔެ ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، މިއަދު ރައީސް އަބުދުﷲ ޔާމީން ވަނީ ކޮންވެންޝަން ސެންޓަރު ހަލާކު ކޮށްލާފައި ކަމަށާއި އެތަނުގައި ހޮސްޕިޓަލެއް ހެދުމުގެ ބަދަލުގައި ވަނީ ތަން ރޫޅާލާފައި ކަމަށެވެ.

"އަޅުގަނޑުމެންނަކީ ހަލާކު ކުރާ ބައެއް ނޫން، އަޅުގަނޑުމެންނަކީ ބިނާކުރާ ބައެއް، ރައީސް ޔާމީން އެކުރައްވާން ފެއްޓެވި މަސައްކަތް އަލުން ބަދަލު ކުރުމަކީ އަޅުގަނޑު ނަޒަރުގައި ބުއްދިވެރިކަމެއް ނޫން، ދެނެއް އެ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލެއް ނޫން ތަނަކަށް ހަދަން އުޅޭކަށް އަޅުގަނޑަކަށް ނުފެނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، މި ސަރުކާރުން ކޮންވެންޝަން ސެންޓަރުގައި ގާއިމް ކުރާ ހޮސްޕިޓަލްގެ މަސައްކަތް އާ ސަރުކާރުން ހުއްޓާނުލައި ބާރަށް ކުރިއަށް ގެންދިއުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށެވެ. އަދި ވިދާޅުވީ، މިހާރު އެތަނަށް ކޮށްފައިވާ ހަރަދު ބޭކާރުކޮށްލައި އެތަނަށް ބަދަލު ގެންނަން އުޅުމަކީ އެއްވެސް ބަޔަކަށް ފައިދާވާނެ ކަމެއް ނޫން ކަމަށެވެ. ރައްޔިތުންނަށް ކޮންވެންޝަން ސެންޓަރެއް ބޭނުންވާނަމަ އަލުން އާ ކޮންވެންޝަން ސެންޓަރެއް ގާއިމް ކުރާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

އެސެންޓަރުގައި މިސަރުކާރުން އަންނަނީ ޓާޝަރީ ހޮސްޕިޓަލެއް ގާއިމް ކުރަމުންނެވެ. އެތަނަކީ 100 އެނދުގެ ހޮސްޕިޓަލެއް ކަމަށެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަނާ އެވެ. އެ ހޮސްޕިޓަލް ހުޅުވާއިރު އެތަނުގައި އެމްއާރުއައި އަދި ސީޓީ ސްކޭންގެ ހިދުމަތާއި އޮޕަރޭޝަން ފަސް ތިއޭޓަރު އަދި މޯޗަރީގެ ހިދުމަތް ވެސް ލިބޭނެ އެވެ. މި އަހަރުގެ މެދު ތެރޭގައި ހުޅުވާނެ ކަމަށް އިއުލާން ކުރި އެ ހޮސްޕިޓަލްގެ މަސައްކަތް މިއަދާ ހަމައަށް ވެސް ނިމިފައެއް ނުވެ އެވެ.