ހަބަރު

ނިޔާޒާއި 12 މެންބަރުންނާ ދެމެދު "ހޫނު އަލިފާން"

ކުރީގެ އޮޑިޓާ ޖެނަރަލް ނިޔާޒު އިބްރާހިމާއި އިލެކްޝަން ކޮމިޝަން، އީސީއިން ގޮނޑި ގެއްލުވާލި ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރަން ފަށައިފި އެވެ.

މިކަމެއް ފެށިގެންް ދިޔައީ އެ 12 މެންބަރުންނަށް އެއްވެސް ޕްރައިމަރީއަކާ ނުލާ އިދިކޮޅު ކޯލިޝަންގެ ޓިކެޓް ދޭން ނިންމާފައިވާކަން ހާމަކުރުމާއެކު އެވެ. ނިޔާޒު ވަނީ ކޯލިޝަންގެ އެ ނިންމުމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

ނިޔާޒު ވިދާޅުވި ގޮތުގައި ގައުމަށް ގެއްލުންވާ ކިތަންމެ ގާނޫނެއް އެ 12 މެންބަރުން ވޯޓު ދީގެން ފާސްކޮށްފައިވާ ކަމަށާއި އެ މެންބަރުންނަށް ޓިކެޓް އަލުން ދިނުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެކަމާ ގުޅިގެން 12 މެންބަރުންގެ ތެރެއިން ބައެއް މެންބަރުން ވަނީ ނިޔާޒާ "ދިމާކޮށްލާފަ" އެވެ.

ދިއްދޫ ދާއިރާގެ މެންބަރު ރައީސް ޔާމީންގެ އަނިޔާވެރިކަމާ ދެކޮޅަށް 12 މެންބަރުން "ޖިހާދުވިއިރު" ނިޔާޒު އޮންނެވީ ލަންކާގައި ފިލާ ކަމަށެވެ. ނިޔާޒު ލަންކާއަށް ވަޑައިގެންނެވީ ރައީސް ޔާމީންގެ ކޮރަޕްޝަންތަކެއް ހާމަކުރަން އަލްޖަޒީރާއިން ހެދި "ސްޓީލިން ޕެރެޑައިސް" ރިޕޯޓަށް އިންޓަވިއު ދެއްވުމާއެކު ލިބުނު އިންޒާރުތަކާ ގުޅިގެންނެވެ. ރާއްޖެ އެނބުރި ވަޑައިގެންނެވީ ރިޔާސީ އިންތިހާބަށްފަހު އެވެ.

"ބޮޑު ތަނުން ރައީސް ޔާމީން ބަލި ކުރުމުން ކުއްލިއަކަށް މާލެ އަރައި ތިނަދޫ ގޮނޑިއެއްގެ ދަހިވެތިކަމުގައި ތި އުޅުއްވަނީ ހާދަ ހަޑިކޮށޭ، ހިތްވަރު ހުރިނަމަ ފިލައިގެން އުޅުނީ ކީއްވެތޯ،" ލަތީފް ވިދާޅުވި އެވެ.

ތިނަދޫއަށް އުފަން ނިޔާޒު ވަނީ އެ ރަށު އެއް ދާއިރާއަށް ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރައްވަން ވިސްނަވާއިރު ޕާޓީއަކުން ޓިކެޓް ދީފިނަމަ އެކަމަށް އިހްތިރާމް ކުރައްވާނެ ކަމަށެވެ.

އެ 12 މެންބަރުންގެ ތެރޭގައި ތިނަދޫގެ ދެ މެންބަރުން ކަމަށްވާ ސައުދުﷲ ހިލްމީ އާއި އަބްދުﷲ އަހުމަދު ހިމެނެ އެވެ.

ބާރަ މެންބަރުންގެ ތެރޭގައި ހިމެނޭ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވަނީ ނިޔާޒަށް ތުހުމަތުތަކެއް ކޮށްފަ އެވެ. މުސްތަފާ ވިދާޅުވީ ނިޔާޒު ބައްލަވާ ގަންނަން އުޅުއްވި ދެ ފްލެޓަށް ފައިސާ ދައްކަން ބޭނުންވީ ފިނޭންސް މިނިސްޓްރީގެ ލޯނަކުން ކަމަށާއި އެކަމަށް ރައީސް ޔާމީން އިންކާރު ކުރެއްވީ ކަމަށެވެ. ލަތީފް ވެސް ވިދާޅުވީ މިނިވަން އޮޑިޓާ ޖެނަރަލެއް ނަމަ މިނިސްޓަރަކު ކޮރަޕްޝަން ހިންގާކަން އެނގުމުން އެކަން ރައީސްއަށް އަންގައި ހުއްދަ ނުހޯދާނެ ކަމަށެވެ.

ނަމަވެސް ނިޔާޒު ވަނީ އެކަން ދޮގު ކުރައްވާފަ އެވެ. ނިޔާޒު ވިދާޅުވި ގޮތުގައި މަގާމުގައި ހުންނަވައިގެން އެއްވެސް އިރަކު ފްލެޓް ގަންނަން ނޫޅޭ ކަމަށާއި ޓްރެޝަރީ ލޯނެއް ހޯދަން ވެސް ނޫޅޭ ކަމަށެވެ. އޭނާއަކީ މުސްތަފާ ގޮތަށް ހިހޫ ތަނުން ކައިގެން އުޅޭ މީހެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

މެންބަރުން އަމާޒު ކުރަން ފެށި ހަމަލާތަކާއެކު ނިޔާޒު ވިދާޅުވީ ބަޔަކު ކިތަންމެ ނުރުހުނަސް އަމިއްލަ ހިޔާލާއި ފިކުރު ދުލާއި ގަލަމުން އަދި އެހެނިހެން ވަސީލަތްތަތައް ބޭނުންކޮށްގެން ފާޅުކުރާނެ ކަމަށެވެ. ފާއިތުވި ފަސް އަހަރު ރާއްޖެއަށް ދިމާވި އެންމެހާ މުސީބާތްތަކުގެ އަސްލަކީ "ހިޔާނާތްތެރިން" ރައްޔިތުންގެ މަޖިލީހުގައި ގިނަވުން ކަމަށް ނިޔާޒު ވިދާޅުވި އެވެ. މަޖިލިސް ސާފުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އަދީބުގެ ހިޔާނާތުގެ ވާހަކަ ދެއްކިއިރު މި ބޭފުޅުން ތިބީ އަދީބަށް ވާގިވެރިވެގެން، ޔާމީން އަނިޔާވެރިވީއިރު ތިބީ ހިތްވަރު ދެއްވަން، ރައްޔިތުންގެ ވިންދު ހުރި ގޮތް ސާފުވެ ދެވަނަ ދައުރެއް ނުލިބޭނެކަން ޔަގީންވީމަ ހަށިފޮޅާލާފަ ނުކުތީ، އިހްލާސްތެރިކަމެއް ހުރިހަމަ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެކަމަށް އިންކާރު ކުރާނެ،" ނިޔާޒު ވިދާޅުވި އެވެ.

ގޮނޑި ގެއްލި، މިހާރު އަލުން މަޖިލީހަށް ވަދެވިފައިވާ 12 މެންބަރުން ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވި ގާނޫނުތައް ފާސްކުރަން ވޯޓު ދީފަ އެވެ. އެގޮތުން އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ގާނޫނާއި އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރި އިސްލާހާއި ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކްކުރެވޭ އިސްލާހަށް އެ މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.

ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ތިއްބަވައި އެ މެންބަރުން ފާޅުގައި ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެންނެވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވި ހިސާބުންނެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެ 12 މެންބަރުން ވެސް ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއާ ތާއިދު ކުރައްވައި ކެމްޕެއިން ކުރައްވާފަ އެވެ.