ހަބަރު

ފިޔަވަތީގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތެރަޕީ ރޫމެއް ހުޅުވައިފި

Nov 7, 2018

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބައިތިއްބާ ފިޔަވަތީގައި އެތަނުގައި ތިބޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ތެރަޕީތައް ދިނުމަށް ސެންސޮރީ ރޫމެއް ގާއިމްކޮށްފި އެވެ.

މި ސެންސަރީ ރޫމް މިއަދު ހުޅުވައިދެއްވީ ރާއްޖޭގައި ހުންނަވާ ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް މުނީރު ސަފީލްދީނެވެ. މި ސެންސަރީ ރޫމްގައި ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ކުދިންނަށާއި ހެދިބޮޑުވުމުގައި ލަސްތަކެއް ހުންނަ ކުދިންނަށް ހާއްސަ ތެރަޕީތައް ދޭނެ އެވެ. އަދި އެފަދަ ކުދިންގެ ހުނަރު ތަރައްގީކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމާއި ކުދިންގެ އިހުސާސްތައް ދެނެގަނެ، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށްވެސް ތަފާތު ހަރަކާތްތައް ހިންގާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ސެންސަރީ ރޫމްގައި ކުދިންގެ ތެރަޕީތަކަށް ބޭނުންވާ ކުޅޭތަކެއްޗާއި، ސެންސަރީ ޓެކްޓައިލް މެޓްތަކާއި، ތަފާތު ކުލަތަކާއި، އެކި ޓެކްސްޗާގެ ތަކެތި ބޭނުންކުރުމުގެ އިތުރުން ތަފާތު ރާގު ނުވަތަ އަޑުތައް އިވޭނެގޮތަށް އެކި ވަސީލަތްތައް ގާއިމުކުރެވިފައިވެއެވެ.

ފިޔަވަތީގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްޓަކައި ހާއްސަ ސެންސޮރީ ރޫމެއް އެތަނުގައި ގާއިމްކޮށްފައިވާއިރު، އެތަނުގައި މިހާރުވެސް ހާއްސަ އެހީ ފޯރުކޮށްދޭ ސެޕްޝަލް ނީޑްސް ކޮންސަލްޓަންޓެއް މަސައްކަތްކުރެ އެވެ.

ފިޔަވަތީގައި މި ވަގުތު 12 އަހަރުން ދަށުގެ 98 ކުދިން ދިރިއުޅެމުންދެއެވެ.