ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ޖަލުން ދޫކޮށްލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފި އެވެ.
އައްޑޫ ސިޓީ ހުޅުދޫގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އަބްދުﷲ ސައީދާއި އަލީ ހަމީދު އަދިވެސް ހުންނެވީ ނުހައްގުން ކުރެވުނު ތުހުމަތަކާއި ބޭއިންސާފުން ހިންގުނު ޝަރީއަތެއްގެ ދަށުން ބަންދުކޮށްފައި ކަމަށާއި އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ ދެ ބޭފުޅުން މިހާރުން މިހާރުން ދޫކޮށްލަން ގޮވާލާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
""ހިތާމައިގެ ކޮޅެއް ނެތް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަދި ފަނޑިޔާރު އަލީ ހަމީދު އަދިވެސް އޮތީ ނުހައްގުން ހިންގުނު ޝަރީއަތަކާއި ބޭއިންސާފުން ކުރެވުނު ތުހުމަތެއްގައި ޖަލުގައި، އަޅުގަނޑުގެ ޒަމީރު ގަބޫލު ކުރާ ކަމެއް ނޫން އެއީ ބޭއިންސާފުން އެއްވެސް ބަޔަކަށް އަނިޔާ ލިބުމަކީ އަޅުގަނޑުގެ އެދުމަކީ މިހާރުން މިހާރަށް ވެސް އެ ބޭފުޅުން އެބޭފުޅުންގެ އާއިލާތަކާ ގުޅުވާ ދެއްވުން، އެ ބޭފުޅުން ދޫކޮށްލެއްވުން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވި އިރު އެމަނިކުފާނުގެ މައްޗައް ޓެރަރިޒަމްގެ ދައުވާކޮށް ކުރެއްވި 12 އަހަރުގެ ޖަލު ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރި އިރު އޭރު އެ ކޯޓުގެ ބެންޗުގައި އިންނަވަނީ އަލީ ހަމީދާއި އަބްދުﷲ ސައީދެވެ. އަދި އެކަމަށް ކުރިން އެމްޑީޕީ އާއި ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުގެ ފާޑު ކިޔުން އިންތިހާއަށް އަމާޒުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ދިވެހިން މިނިވަން ކަމަށާއި ޑިމޮކްރަޓިކް އުސޫލުތަކަށް އަދި އިންސާފުވެރި އިންތިހާބަކަށް ގޮވަނީ ތަނަވަސް ދިރިއުޅުމަކާއި ހާއްސަކަމެއް ނެތި އާއިލާއާއެކީގައި ދިރިއުޅެވޭނޭ ގޮތް ހޯދުމަށް ކަމަށެވެ. ނަމަވެސް އެ މަންޒަރު އަދިވެސް ނުފެންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ. އާ ސަރުކަރުން މަސައްކަތް ކުރާނީ ވެރިކަމުގެ އަރާމާއި ލައްޒަތަކަށް ނޫން ކަމަށާއި ދިވެހި ދަރިންނަށް ތަނަވަސް ދިރިއުޅުމެއް ހޯދުމަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.