ދުނިޔެ

ރާޖަޕަކްސާގެ މެޖޯރިޓީ ކަށަވަރުކުރަން މަޖިލީހުގައި ވޯޓެއް ނަގަން ގޮވާލައިފި

Nov 8, 2018

ކޮލޮމްބޯ (ނޮވެމްބަރު 8) - ސްރީލަންކާގެ ބޮޑު ވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ ވަކިކޮށް، އާ ބޮޑުވަޒީރަކަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ އައްޔަނުކޮށްފައިވާއިރު، މަޖިލީހުގެ މެޖޯރިޓީ ރާޖަޕަކްސާއަށް އޮތްކަން ސާބިތުކުރަން މެމްބަރުންގެ މެދުގައި ވޯޓެއް ނަގަން ބޭނުންވާކަމަށް މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ވިދާޅުވެއްޖެ އެވެ.

މިމަހުގެ 14 ވަނަ ދުވަހު މަޖިލީސް އަލުން ބާއްވަން، ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އަންގަވާފައިވާއިރު، އެ ދުވަހުގެ އެޖެންޑާ ކަނޑައެޅުމަށް ޖަޔަސޫރިޔާ ވަނީ ޕާޓީގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވާފައި އެވެ.

ސިރިސޭނާގެ އެ ނިންމެވުމަކީ ގާނޫނު އަސާސީ އާއި ހިލާފު ނިންމެވުމެއްކަމަށް ޖަޔަސޫރިޔާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާއިރު، މެމްބަރުންގެ މެދުގައި ވޯޓެއް ނަގައި، ރާޖަޕަކްސާއަށް މެޖޯރިޓީ ތާއީދުއޮތްކަން ސާބިތުނުކުރެވެނީސް، ރާޖަޕަކްސާއަކީ އާ ބޮޑުވަޒީރު ކަމުގައި ބަލައިނުގަންނަވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެފައިވެ އެވެ.

ނަމަވެސް، ޖަޔަސޫރިޔާގެ އެ ހުށަހެޅުއްވުމަށް ސިރިސޭނާގެ ސަރުކާރުން އެއްބަސްވިކަމެއް ނޭނގެ އެވެ.

އޮކްޓޯބަރު 26 ވަނަ ދުވަހު ރަނިލް ލަންކާގެ ބޮޑުވަޒީރު ކަމުން ވަކިވެފައިވާ ކަމަށް ރައީސް މައިތިރިޕާލާ ސިރިސޭނާ ނިންމަވައި، އެމާގަމަށް ރާޖަޕަކްސާ ވަނީ އައްޔަނު ކުރައްވައިފަ އެވެ.

ސިރިސޭނާގެ އެ ނިންމެވުމަކީ ދުސްތޫރީ ބަޣާވާތެއްކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. އަދި އެ ނިންމެވުމާ ދެކޮޅަށް ރަނިލްގެ އެތަކެއް ހާސް ބަޔަކު ވަނީ މަގު މައްޗަށް ނުކުމެފައި އެވެ.

ސިރިސޭނާ މަޖިލީސް ސަސްޕެންޑު ކުރެއްވީ، މެޖޯރިޓީ ރާޖަޕަކްސާ އަށް ހޯއްދެވުމުގެ ފުރުސަތު ފަހިކުރުމަށް ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

ރަނިލްގެ ފަހަތުގައި ތިއްބެވި މެމްބަރުންގެ ތެރެއިން މިހާރުވެސް ނުވަ މެމްބަރުންގެ ތާއީދު ރާޖަޕަކްސާ ހޯއްދަވާފައިވާއިރު، އިތުރު މެމްބަރުން ކޮޅު ބަދަލުކުރުމަށް ފައިސާ އާއި ސަރުކާރުގެ އިސް މަގާމުތައް ހުށަހަޅަމުންދާ ކަމުގެ ތުހުމަތުތައް ވެސް ވަނީ ކުރެވިފައި އެވެ.

ނަމަވެސް، މެޖޯރިޓީ ހޯދުމަށް ބޭނުންވާ 113 މެމްބަރުންގެ ތާއީދު އަދިވެސް ރާޖަޕަކްސާއަށް ކަށަވަރު ނުކުރެވޭކަމަށް މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.