ރިޕޯޓް

މަޖިލީހުގެ ގޮނޑިތަކަށް ކޯޅެނީ! ކޯލިޝަނަށް ހިޔަނިއެޅިފައި!

މިހާރު އެންމެ ގަދަ އަޑަކީ، ގޮނޑި ގެއްލުނު ކަމަށް އީސީއިން ނިންމި 12 މެންބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން އެމްޑީޕީގެ އާންމު މެންބަރުންނާއި އެކްޓިވިސްޓުން ދެކޮޅު ވާހަކަ އެވެ. އެމްޑީޕީގެ އެކްޓިވިސްޓުން ބުނާ ގޮތުގައި އެއީ ޑިމޮކްރަސީގެ ހަމައިން ބޭރު ހުތުމުހުތާރު އުސޫލެކެވެ. މި ޒުވާބެއްގެ ތެރެއިން، ކޯލިޝަންގެ ތެރޭގައި ވެސް މި ވަނީ ހުޅުގަނޑުފަޅައިގެން ގޮސްފަ އެވެ. ސަބަބަކަށް ވަނީ މި 12 މެންބަރުން ނިސްބަތްވާ ބައެއް ދާއިރާތަކަށް އެމްޑީޕީގެ ތެރޭގައި ވެސް ޝައުގުވެރިވާ މެންބަރުން ތިބުމެވެ. އެހެން ނަމަވެސް ކުރީގެ ރައީސް މައުމޫން ވިދާޅުވަނީ، އެ ހުރިހާ މެންބަރުންނަށް ވެސް ޓިކެޓް ދޭން ކޯލިޝަންގެ ތެރޭގައި އެއްބަސްވެފައިވާ ކަމަށެވެ. އެކަމަކު އެ ވާހަކަޔަށް ގޮންޖައްސަވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ، އެމްޑީޕީއިން ބޭނުންވަނީ މަޖިލީހުގެ ޓިކެޓް އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ ބާއްވާފައި ދޭން ކަމަށެވެ. މަޖިލީހުގެ ގޮނޑިތައް ބެހުމުގައި ލީޑަރުންގެ މެދުގައި ތަފާތު ހިޔާލުތަކެއް އެބަ ހުރިކަން މި އޮތީ ޔަގީންވެފަ އެވެ.

ކޯލިޝަންގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، މަޖިލީހުގެ ގޮނޑިތައް ކޯލިޝަންގެ ބައިވެރިންނަށް ބަހާލައިފައިވަނީ ކޮން އުސޫލަކުން ކަމެއް، އަދި ދާއިރާތަކަށް ވާދަކުރަނީ ކޮން ޕާޓީއަކުން ކަމެއް އަދި ކަނޑައެޅިފައިވާ އެއްބަސްވުމެއް ވެސް އަދި މަޝްވަރާއެއް ވެސް ނެތެވެ. މީގެއިން އެއްވެސް ކަމެއް ހިނގައި ނުގަންނަ އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ރާއްޖޭގައި އެކި ކަންކޮޅުތަކަށް ދަތުރު ކުރައްވައިގެން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދޭން ބާރު އަޅުއްވަމުން އެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ހުވާކުރައްވައި ސަރުކާރު އެކުލަވާލަން ވަގުތު ނުލިބެނިސް ނަޝީދު މި ވަނީ އެ މަސައްކަތް ފައްޓަވައިފަ އެވެ. އެއާ އެކު ކޯލިޝަންގެ އެތެރެ ކޮއިލުގައި ހިތްހަމަ ނުޖެހުންތަކާއި ހިޔާލުތަފާތުވުންތައް މިއޮތީ ބޮޑުވެފަ އެވެ.

"މަޖިލިސް އިންތިހާބުގައި ޕާޓީތައް އެކުގައި މަސައްކަތް ކުރަން އެބަ އޮތް ލީޑަރުންގެ މެދުގައި އެއްބަސްވުމެއް. އެކަމަކު އެކަން ކުރާނެ ޑީޓެއިލް އެއްބަސްވުމެއް މަޝްވަރާކޮށްގެން އެކުލަވާނުލަނިސް ނަޝީދު ވަކިވަކި ދާއިރާތަކަށް ވަޑައިގެން މަޖިލީހުގެ ކެމްޕޭން ފައްޓަވައި ބައެއް ދާއިރާތަކަށް އެކި ބޭފުޅުން އެންޑޯސް ކުރައްވަން ފެއްޓެވީމާ އެހެން ޕާޓީތަކުގެ ހިތްހަމަ ނުޖެހުން އެބަހުރި،" ކޯލިޝަންގެ އިސްބޭފުޅަކު ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ. "އެއްވެސް މަޝްވަރާއެއް ނެތި އަމިއްލަ އަމިއްލައަށް މިފަދަ ކަންކަން ކުރުމުގެ ނަތީޖާއެއްގެ ގޮތުން ޕާޓީތަކުގެ މެދުގައި މަޖިލީހުގެ ގޮނޑިތަކުގެ މައްސަލައިގައި ކޯޅުމަކަށް ދިޔުމުގެ ބިރު ބޮޑު،"

މާޒީއަށް ބަލާއިރުވެސް، ކޯލިޝަން ބައިބައިވުމުގެ ކޮޅުމަތި ފެންނަން ފެށީ މަޖިލީހުގެ އިންތިހާބުގައި ކޯލިޝަނުން އެކުގައި ވާދަކުރާ ހިސާބުން އުފެދޭ ހިޔާލު ތަފާތުވުންތައް ބޮޑުކަމުން އެވެ. މިފަހަރު ވެސް އެންމެ ފުރަތަމަ ކޯލިޝަންގެ މެދުގައި ބައިބައިވުން މި އުފެދެނީ ހަމަ އެ ހިޔާލުތަފާތުވުމުގެ ތެރެއިން އެވެ. ގޮނޑި ގެއްލުނު ކަމަށް އީސީއިން ބުނި 12 މެންބަރުންނަށް ޕްރައިމަރީއެއް ނެތި ޓިކެޓް ދޭން މީގެ ކުރިން އެއްބަސްވެފައި އޮތުމަށް ފަހު އެ ނިންމުމަށް ރައީސް ނަޝީދު ދެކޮޅު ހައްދަވަން ފެށުމުން އެކަން ވާނީ ހައްލު ހޯދަން ވަރަށް އުނދަގޫ މައްސަލައަކަށެވެ.

ރައްޔިތުން މަޖިލީހުގެ ގޮނޑީގެ މައްސަލައިގައި ރައިސް ނަޝީދު ވެސް ހުންނެވީ ދޫދޭ ގޮތަކަށް ނޫނެވެ. އެމަނިކުފާނު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އައްޑޫ، ހިތަދޫގައި ހުޅުވި އެމަނިކުފާނުގެ އޮފީސް ހުޅުއްވައި ދެއްވުމަށް ފަހު ވިދާޅުވީ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ލިބިގެން ނޫނީ، އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ސަރުކާރު ސަލާމަތުގެ އައްސޭރިއަކަށް ނުގެންދެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނަކީ އެމްޑީޕީގެ މީހެއް ކަމަށާއި ވަކާލާތު ކުރާނީ ވެސް އެމްޑީޕީގެ ހައްގުގައި ކަމަށެވެ.

އެމަނިކުފާނުގެ މި ވާހަކަތަކުގެ ފުނަށްދާއިރު ލަފާކުރެވޭ ގޮތުން އޮތީ މައިގަނޑު ދެ ސިނާރިއޯއެކެވެ. ފުރަތަމަ ހާލަތަކީ، މަޖިލީހުގެ މުހިންމު ގިނަ ދާއިރާތައް އެމްޑީޕީއަށް ދިނުމަށް ކޯލިޝަންގެ ތެރޭގައި އެމަނިކުފާނު ލޮބީ ކުރެއްވުމެވެ. އަނެއް ސިނާރިއޯއަކީ ކޯލިޝަންއާ ވަކިން އެމްޑީޕީއިން ކިނިކަންޏާ ނިކުމެ މަޖިލީހުގެ ދާއިރާތަކަށް ވާދަކުރުމެވެ. ހަގީގަތުގައި މީގެ ކޮންމެ ކޮޅަކަށް ބުރަވި ނަމަވެސް، މަޖިލީހުގެ ގޮނޑިތައް ބެހުމުގައި ރައީސް ނަޝީދާއި ކޯލިޝަންގެ އެހެން ލީޑަރުންގެ ހިޔާލު އުޑާބިމާހާ މި ވަނީ ތަފާތުވެފަ އެވެ. މި ހިޔާލު ތަފާތުވުމަށް ފަރުވާއެއް ނުދެވޭ ނަމަ، ނަތީޖާއަކަށް ވާނީ ކޯލިޝަން އެކީ ފަޅަފަޅައިގެން ދިޔުމެވެ.

"މައުމޫން ގަބޫލު ކުރައްވަނީ މި މައްސަލައަށް ވެސް ހައްލު ހޯއްދެވޭނެ ކަމަށް. ކަންކަމުގައި ދޫދެއްވައިގެން ވެސް މައުމޫން ހުންނެވީ އިބޫގެ މި ކޯލިޝަންގެ ވެރިކަން ދަމަހައްޓަައި އިބޫއަށް ފުރުސަތު ދެއްވަން ތައްޔާރަށް،" އެމްއާރުއެމްގެ ބޭފުޅަކު ވިދާޅުވި އެވެ.

ކޯލިޝަންގެ ތެރޭގައި އުފެދޭ ބައިބައިވުމަކުން މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ކޯލިޝަނަށް ބީވެއްޖެ ނަމަ، އިބޫގެ ސަރުކާރު ދަމަހައްޓަން އުނދަގޫވާނެ އެވެ. އިބޫގެ ސަރުކާރާ މެދު އެތައް ބައެއްގެ އުންމީދު އެބަ އޮތެވެ. މަޖިލީހުގެ ގޮނޑި ތަކާ މެދު އުފެދިގެން މި އުޅޭ ކޯޅުމާއި އުދާސްތައް ފިނި ނުކުރެވިއްޖެނަމަ، އިބޫގެ ވެރިކަން ފެށުމުގެ ކުރިން އެވެރިކަން ބަލިކަށިވުމުގެ ފުރުސަތު މި އަންނަނީ ބޮޑުވަމުން އެވެ.

އަނިޔާވެރިކަމާއި، ބިރުވެރިކަމުގައި 5 އަހަރު ހޭދަ ކުރުމަށްފަހު ހެޔޮ ވެރިކަމެއްގެ އުމްމީދުގައި ތިބި ރައްޔިތުންނަށް ކޯލިޝަން ތެރޭގެ މައްސަލަތަށް ޖެހި ރޫޅެން ދޫވުމަކީ ކެތްވާނެ ކަމަކަށް ނުވާނެ އެވެ. މި މައްސަލައިގައި ހުޅުގަނޑު ފަޅައިގެން ނުދަނިސް ހަތަރު ލީޑަރުން އެއް މޭޒެއްގެ ދޮށުގައި އިށީންދެ ހިޔާލުތައް އެއްގޮތް ކުރުން ކިތަންމެހާ ވެސް މުހިންމެވެ.